Roadha Mihaaru
އައިޔޫއެމް-މަދީނާ ޔުނިވަސިޓީ ގުޅިގެން މަސައްކަތް ކުރަނީ

ތައުލީމާ ގުޅޭ އެއްބަސްވުމެއްގައި އައިޔޫއެމް އާއި މަދީނާ ޔުނިވަސިޓީން ސޮއިކޮށްފި

22 އެޕްރީލް 2018

ތައުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި، ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމާ ބެހޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި، ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިޔޫއެމްގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަދީނާ ޔުނިވަސިޓީގެ ރައީސް ޑރ. ހާތިމް އަލް މަރްޒުކީ އާއި އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ތަމްރީނުގެ ފުރުސަތުތަކާއި ތަފާތު އެކި ދާއިރާތަކުން ސްކޮލަޝިޕްގެ ފުރުސަތުތަކާއި އިލްމީ ދިރާސާތައް ސުޕަވައިޒް ކުރުން ފަދަ މުހިއްމު ކަންކަމުގައި މަދީނާ ޔުނިވަސިޓީގެ އެހީތެރިކަން އައިޔޫއެމް އަށް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިލްމީ ގޮތުން ދުނިޔޭގައި ފާހަގަކޮށްލެވޭ ޔުނިވަސިޓީއެއްގެ އެންމެ އިސްވެރިޔާ ރާއްޖެ ވަޑައިގަތުމަކީ ރާއްޖެ އަށް ވަރަށް ތާރީހީ ކަމެކެވެ.

މަދީނާ ޔުނިވަސިޓީގެ ރައީސް ޑރ.ހާތިމަށް، އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް ހަނދާނީ އެވޯޑެއް އަރުވަނީ--ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަދީނާ ޔުނިވަސިޓީގެ ރައީސް ޑރ.ހާތިމަށް، އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް ހަނދާނީ އެވޯޑެއް އަރުވަނީ--ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަދީނާ ޔުނިވަސިޓީން ތައުލީމް ހާސިލްކުރި ގިނަ ބޭފުޅުން ވަނީ ރާއްޖޭގެ އިސް އެކި މަގާމުތައް ފުރުއްވާފައި ކަމަށާއި ޚާއްސަ ގޮތެއްގައި އެ ބޭފުޅުން އިސްލާމީ ރޮނގުން ކުރެއްވި ޚިދުމަތްތައް ފާހަގަކޮށްލެވޭ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މަދީނާ ޔުނިވަސިޓީ އާއި އައިޔޫއެމްގެ އެއްބަސްވުމުން ދެ ގައުމުގެ ގުޅުން ހަރުދަނާ ވާނެ ކަމަށާއި އައިޔޫއެމް އިން އަބަދު ވެސް މަސައްކަތް ކުރަނީ އެހެން ޔުނިވަސިޓީތަކާ އެކު ގުޅިގެން މަސައްކަތް ކުރުން ކަމަށް ޝަހީމް ވިދާޅުވި އެވެ.

މަދީނާ ޔުނިވަސިޓީ އަދި އައިޔޫއެމްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި މަދީނާ ޔުނިވާސިޓީގެ ރައީސް ޑރ.ހާތިމް (ކ-2) އަދި އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަދީނާ ޔުނިވާސިޓީގެ ރައީސް ޑރ. ހާތިމް ވިދާޅުވީ އައިޔޫއެމްއާ އެކު ގާއިމްކުރި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމަށެވެ. އޭގެ އިތުރުން ދެ ޔުނިވަސިޓީގެ ޕްރޮގްރާމްތައް ހިންގުމާއި ދީނީ އިލްމުވެރިން ބަދަލުކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މި އެއްބަސްވުމުގެ ސަބަބުން ތައުލީމީ ގޮތުންނާއި ސައިންޓިފިކް ގޮތުން އަދި ދެ ޔުނިވަސިޓީ ދެމެދު ވެސް ގުޅުން ބަދަހިވެގެން ދާނެ" ހާތިމް ވިިދާޅުވި އެވެ.

މަދީނާގެ ޔުނިވަސިޓީން ދަސްވެނިވި ބައެއް ބޭފުޅުންނާ ވެސް ހާތިމް ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ.