Roadha Mihaaru
ކޮރަޕްޝަން ހުއްޓުވޭނެ ގޮތް ހޯދަންޖެހޭ: އާދަމް ޝަރީފް

ކޮރަޕްޝަން މަދުކުރެވޭނެ ގޮތްތައް ބަލަންޖެހޭ: ޑިފެންސް މިނިސްޓަރު

17 އެޕްރީލް 2018

ކޮރަޕްޝަން މަދުކުރެވޭނެ ގޮތްތަކާ މެދު ވިސްނައި ފިކުރު ކުރަންޖެހޭކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮރަޕްޝަން މަދުކުރެވޭނެ ގޮތްތަކާ މެދު ވިސްނައި ފިކުރު ކުރަންޖެހޭކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިން ވަނަ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިޖުތިމާއީ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި އެ ކަންކަމުގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ، ރާއްޖޭގައި ތާރީހެއް އޮތް އެއް ކަމެއްގެ ގޮތުގައި ބެލެވޭ ކޮރަޕްޝަނާއި ފަސާދަައިގެ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަން ފަދަ މައްސަލަތަކަކީ އެ ކަންކަމުގެ ސަބަބުން އެކި ސަރުކާރުތަކަށް ރައްޔިތުން ތުހުމަތުގެ އިނގިލި ދިއްކުރާ މައްސަލަ އެކެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުތަކުން އެތައް ބަހުސްތަކެއް ކޮށް ތަފާތު ވާހަކަތައް ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"..މި މައްސަލަ ފެށިގެންދާ ގޮތާއި މިކަން އަޅުގަނޑުމެންނާ ހަމައަށް ނަގުލު ވެފައިވާ މިންވަރާއި، އަދި މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރާ ދޭތެރޭ ވާހަކަ ދައްކާކަށް ނެތިން. ނަމަވެސް މި މައްސަލަތަކާ މެދު، ހާއްސަގޮތެއްގައި ކޮރަޕްޝަން ފެތުރިގެންދާ ދިއުން ކުޑަކުރުމަށްޓަކައި މިއަދު ވިސްނާ ފިކުރު ކުރަންޖެހޭ،" ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވި އެވެ.

އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖޭގައި ވެސް ދީނީ ހިޔާލު ތަފާތުވުންތަކާއި ދީނި ގޮތުން ހައްދު ފަހަނަޅާ ދިއުމުގެ ފިކުރު އަށަގަންނަން މިހާރު ފަށާފައިވާ ކަމަށާއި ޒުވާނުންގެ މެދުގައި ވެސް އެފަދަ މައްސަލަތައް އާއްމުވާނެ އެތައް ކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި އެވެ. އެކަމަކު ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ މައްސަލަތައް ހައްލުކުރަން އެންމެ ރަނގަޅު ވާނީ ސިފައިން ނުވަތަ ފުލުހުން ނޫން ކަމަށެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އައިޔޫއެމްގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ރާއްޖޭގެ ހާލަތު މިހާރު ނިޔާކުރާ ގޮތުން، އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާއީ އެތައް މައްސަލަތަކެއް އެބަހުރި. މިއަދު މިވަނީ އެ މައްސަލަތައް ހައްލުކުރުމަށް ހިތްވަރުގަދަ އިލްމީ ޒުވާން ބޭފުޅުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި. މިރޭ އަޅުގަނޑަށް ހިތަށް ލިބުނު އެންމެ ބޮޑު ފިނިކަމަކީ ތައުލީމް ހާސިލްކޮށްގެން ތިބި ޒުވާން ބޭފުޅުން ގާނޫނީ ދާއިރާއިން، ދީނީ ދާއިރާއިން ތައުލީމް ހާސިލްކުރައްވައިގެން މިރޭ އިސްލާމިކް ޔުނިވާސިޓީގެ ހިޔާވަހިކަމުން ނިކުމެގެން ދާތަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރާއްޖެއަށް އިސްލާމިކް ޔުނިވާސިޓީއެއް އައިސްފައިވަނީ އެފަދަ މަރުކަޒެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހުނު ދަނޑިވަޅެއްގައި ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، އިސްލާމް ދީނާ ދެކޮޅު ފިކުރުތަކުން އެ ޔުނިވާސިޓީގެ ދަރިވަރުން އެއްކިބާވެ މުޖުތަމައުއަށް ރަނގަޅު މިސާލެއް ދެއްކުމަށް އިލްތިމާސްކުރައްވައިފަ އެވެ.

ޝަހީމް ވިދާޅުވީ އެ ޔުނިވާސިޓީއަށް ދިމާވެފައިވާ މާލީ ގޮންޖެހުން އަރައިގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޔުނިވާސިޓީ ޑިވެލޮޕްމަންޓް ފަންޑުން ހުޅުމާލޭގައި ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަތާއި، އައިޔޫއެމް ހޯލްޑިންސް ނަމުގައި ކުންފުންޏެއް އުފައްދާފައިވާ ކަން ފާހަގަކުރެއްވި އެވެ.

"އަމިއްލަ މާލީ ނިޒާމެއް ގާއިމުނުކޮށް ޔުނިވާސިޓީ ތަރައްގީއެއް ނުކުރެވޭނެ. އައިޔޫއެމްގެ އަމާޒަކީ ފުދުންތެރި މުއައްސަސާއަކަށް ވުން،" ޝަހީމް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޔުނިވާސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. އެ ކަމަށް ހައްލު ހޯދައިދޭން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

މިރޭ އައިޔޫއެމްއިން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް 646 ދަރިވަރުން ވަނީ ދަސްވެނިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.