Roadha Mihaaru
ދައުލަތް ހިންގިޔަ ނުދެނީ ރައީސް ޔާމީން: އަލީ ޒާހިރު

ދައުލަތް ހިންގިޔަ ނުދީ އޮބަހައްޓަނީ ރައީސް ޔާމީން: އަލީ ޒާހިރު

22 އެޕްރީލް 2018

ދައުލަތް ހިންގިޔަ ނުދީ "އޮބަހައްޓަނީ" ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުލަތް ހިންގިޔަ ނުދީ "އޮބަހައްޓަނީ" ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވެ، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 1 ގައި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ނެރުނު އަމުރަކީ ދައުލަތް ހިންގަން ހުރަސް އެޅި އަމުރެއް ކަމަށް ބުނާއިރު، އެ އަމުރުގެ ފަހުން ދައުލަތް ހިންގިޔަ ނުދީ ދައުލަތުގެ ބާރުތައް ހިސޯރުކޮށް އޮބަހައްޓައިގެން އުޅޭތަން ފެންނަނީ ރައީސް ޔާމީން ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނެރުއްވި އަމުރަކީ ރައީސް ޔާމިންގެ ކޮރަޕްޝަނާއި އަނިޔާވެރިކަން ހުއްޓުވި އަމުރެއް ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

އަލީ ޒާހިރު ކުރެއްވި ޓުވީޓު.

އޭނާ ވިދާޅުވި ގޮތުގައި މަދު ފުލުހުންތަކަކާއި ސިފައިން ބޭނުންކޮށްގެން ޣައިރު ގާނޫނީ ގޮތެއްގައި ދައުލަތް ހިންގަނީ ރައީސް ޔާމީނެވެ. އެމަނިކުފާނަކީ މަދު ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އެއްވެސް ބާރެއް، އިތުބާރެއް ނެތް، ބާކީވެފައި ހުންނެވި ބޭފުޅެއް ކަމަށްވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

"ދައުލަތަކީ ވަކި ފަރުދެއް ނޫން. އެއީ ތިން ބާރު އެއްކޮށް ކިޔާ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވަމުން އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ ދައުލަތް ހިނގާނެ ގޮތް ހަދައިދިނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުން ކަމަށެވެ. އެ އަމުރާ އެކު ފެނިގެން ދިޔައީ ޖުޑިޝަރީ މިނިވަންވި ތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ކުރެއްވި ޓުވީޓު.

"އެކަމަކު އެ އަމުރު ތަންފީޒު ނުކޮށް ދައުލަތް ހިންގިޔަ ނުދީ ހުއްޓުވާފައި މި އޮތީ. ސުޕްރީމް ކޯޓާ މެދު އަމަލު ކުރި ގޮތުން މިކަން ވަރަށް ބޮޑަށް ސާފުވޭ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެ، އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު، ދައުލަތް ފުރިހަމަ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ މިނިވަންކަމާ އެކު މަސައްކަތް ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ރިޝްވަތު ނެގުމާއި ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރީ ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތަކާ ޚިލާފަށް ކަމަށް ވިދާޅުވެފަ އެވެ.

އެހެންވެ، މިކަމުގައި އޮތް ހައްލަކީ ހުރިހާ ބާރުތަކެއް ދައުލަތުގެ ތެރެއަށް ވަދެ، މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ކޮށައި ދިނުން ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.