Roadha Mihaaru
ބާކީ ހަތަރު މެޗު، ނަޕޯލީން ޔުވެންޓަސްއާ އެއް ޕޮއިންޓް ގާތަށް

ބާކީ ހަތަރު މެޗު، ނަޕޯލީން ޔުވެންޓަސްއާ އެއް ޕޮއިންޓް ގާތަށް

23 އެޕްރީލް 2018

ޓިއުރިން (އޭޕްރިލް 23) – އިޓާލިއަން ލީގުގައި ރޭ ފަހު މިނެޓުގައި ކަލިދޫ ކޫލިބަލީ ވައްދާލި ލަނޑާ އެކު ޔުވެންޓަސް އަތުން 1-0 އިން މޮޅުވެ ބާކީ ހަތަރު މެޗު އޮއްވާ އެ ޓީމާ އެއް ޕޮއިންޓް ގާތަށް ނަޕޯލީން ޖެހިލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (އޭޕްރިލް 23) – އިޓާލިއަން ލީގުގައި ރޭ ފަހު މިނެޓުގައި ކަލިދޫ ކޫލިބަލީ ވައްދާލި ލަނޑާ އެކު ޔުވެންޓަސް އަތުން 1-0 އިން މޮޅުވެ ބާކީ ހަތަރު މެޗު އޮއްވާ އެ ޓީމާ އެއް ޕޮއިންޓް ގާތަށް ނަޕޯލީން ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި 85 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ނަޕޯލީ ދެ ވަނައިގައި އޮތީ 84 ޕޮއިންޓާ އެކު އެވެ. ހެޔޮވަރު ވަރެއްގެ ލީޑަކާ އެކު ޔުވެންޓަސް ފަހަކާ ޖެހެންދެއް ވެސް އޮތް ނަމަވެސް އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅެއް ނުހޯދުމާ އެކު އެ ޓީމަށް މިވަނީ ލީގު އަތުން ގެއްލުމުގެ ބިރާ ކުރިމަތިވެފަ އެވެ.

މިދިޔަ ހަ ސީޒަނުގައި ލީގު ހޯދި ޔުވެންޓަސް އަށް ބާކީ އޮތް ހަތަރު މެޗުގެ ތެރެއިން ދެ މެޗަކީ އޭއެސް ރޯމާ އާއި އިންޓަ މިލާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ ދެ މެޗެވެ. ދެން އޮންނާނީ އާދައިގެ ދެ ޓީމު ކަމަށްވާ ބޮލޯނިއާ އާއި ހެލަސް ވެރޯނާ މެޗެވެ. ނަޕޯލީ އަށް ދެން އޮތީ ފިއޮރެންޓީނާ، ޓޮރިނޯ، ސަމްޕްޑޯރިއާ އަދި ކްރޮޓޯނޭއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނަޕޯލީން ކޮންޓްރޯލްކުރި ނަމަވެސް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެ ޓީމަށް ފަހު ވަގުތު ކޫލިބަލީ ކުރި ހޯދައިދިނީ 89 ވަނަ މިނެޓުގައި ހޯސޭ ކަލެޔޮން ކޯނަރަކުން ހުރަސްކުރި ބޯޅައަކުންނެވެ.

ރޭ ނަޕޯލީ މޮޅުވުމާ އެކު އެ ކްލަބް ނިސްބަތްވާ ނޭޕްލްސްގެ ރައްޔިތުން މަގުތަކަށް ނުކުމެ ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. ޑިއެގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު 1990 ވަނަ އަހަރު ލީގު ކާމިޔާބުކުރި ފަހުން އެ ޓީމަށް ލީގުގައި އަތްލެވިފައެއް ނުވެ އެވެ.