Roadha Mihaaru
ކޫލިބަލީގެ ބައިގޯލުން ނަޕޯލީގެ މަސައްކަތް ފެނަށް!

ކޫލިބަލީ ބައިކޮޅަށް ޖެހި ގޯލުން ނަޕޯލީގެ މަސައްކަތް ފެނަށް!

01 ސެޕްޓެމްބަރ 2019

ޓިއުރިން (ސެޕްޓެމްބަރު 1) - ޔުވެންޓަސް އިން ތިން ލަނޑު ޖަހާފައި އޮއްވާ ނަޕޯލީން ފަހަތުން އަރައި އެއްވަރުކުރި ނަމަވެސް އެ ޓީމުގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ އަތުން ފަހު ވަގުތު ބައިކޮޅަށް ވަން ގޯލާ އެކު، އިޓާލިއަން ލީގުގެ ތަށްޓަށް ވާދަކުރާ ދެ ޓީމުގެ ކުރިމަތިލުން 4-3 އިން ޔުވެންޓަސް ރޭ ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (ސެޕްޓެމްބަރު 1) - ޔުވެންޓަސް އިން ތިން ލަނޑު ޖަހާފައި އޮއްވާ ނަޕޯލީން ފަހަތުން އަރައި އެއްވަރުކުރި ނަމަވެސް އެ ޓީމުގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ އަތުން ފަހު ވަގުތު ބައިކޮޅަށް ވަން ގޯލާ އެކު، އިޓާލިއަން ލީގުގެ ތަށްޓަށް ވާދަކުރާ ދެ ޓީމުގެ ކުރިމަތިލުން 4-3 އިން ޔުވެންޓަސް ރޭ ކާމިޔާބުކޮށްފި އެވެ.

ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ޔުވެންޓަސް އިން، ނިއުމޯނިއާ އަށް ފަރުވާ ހޯދަމުން އަންނާތީ އޭނާ ބެންޗުގައި ނެތީސް ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު އޮތީ އެއް ވަނައިގަ އެވެ. ފުރަތަމަ މެޗުން ވާދަވެރި ކުޅުމަކަށް ފަހު ފިއޮރެންޓީނާ އަތުން 4-3 އިން މޮޅުވި ނަޕޯލީ ރޭ މަދުވެގެން ޕޮއިންޓެއް ހައްގުވާ ވަރަށް މަސައްކަތްކުރި ނަމަވެސް އޮތީ ތިން ޕޮއިންޓާ އެކު އެވެ. އެ ޓީމު ބަލިވުމަކީ، ލީގަށް ދެން އެންމެ ވާދަކުރާނެ ކަމަށް ބެލެވޭ އިންޓަ މިލާނަށް ލިބުނު ހިތްހަމަޖެހުމެކެވެ. ފުރަތަމަ މެޗުން ލެއްޗޭ އަތުން 4-0 އިން މޮޅުވި އިންޓަ މިރޭ ރަށުން ބޭރުގައި ނުކުންނާނީ ކަލިއާރީއާ ދެކޮޅަށެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭ އެ ޓީމުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ނަޕޯލީގެ އެޓޭކެއް ހުއްޓުވައި، ކައުންޓާ އެޓޭކެއްގައި ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާ އުފެއްދި ފުރުސަތެއްގައި މި ގޯލް ޖެހީ، މަޓިއާ ޑި ސީލިއޯ އަށް އަނިޔާވުމުން ބަދަލުގައި ކުޅެން އެރިތާ މިނެޓެއް ވެސް ނުވަނީސް ފުލްބެކް ޑަނީލޯ އެވެ.

އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ލަނޑު ޖެހީ ނަޕޯލީގައި ކުރިން މޮޅު ކުޅުމެއް ދެއްކި ގޮންޒާލޯ ހިގައިން އެވެ. ލޯން އުސޫލުން މިދިޔަ ސީޒަނުގައި އޭސީ މިލާނާއި ޗެލްސީ އަށް ކުޅުނުއިރު ފޯމުން ކެޓުމުން މި ސީޒަނުގައި ފުރުސަތެއް ނުލިބިދާނެ ކަމަށް ބެލެވިފައި ހުރި ފޯވާޑް މި ގޯލް ޖެހީ ނަޕޯލީގެ ޑިފެންޑަރު ކޫލިބަލީ ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށް ފަހު އެވެ. ޔުވެންޓަސް ދެން އަތުނުވާނެ ކަމަށް ބެލެވުނީ ކޮސްޓާ ދިން ފުރުސަތެއްގައި 62 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލް ޖެހުމުންނެވެ.

ހިގުއައިން ގޯލް ޖެހުމުން އޭނާ އަށް ކުޅުންތެރިން މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ

ހިގުއައިން ގޯލް ޖެހުމުން އޭނާ އަށް ކުޅުންތެރިން މަރުހަބާ ކިޔަނީ. --ފޮޓޯ: އޭއެފްޕީ

އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޑިފެންޑަރު ކޮސްޓަސް މަނޮލަސް އާއި ހާވިން ލޮޒާނޯ ފުލުފުލުގައި ވައްދާލި ލަނޑުތަކާ އެކު ނަޕޯލީން ޔުވެންޓަސް ހާސްކޮށްލި އެވެ. ނަތީޖާއަކަށްވީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ޖިއޮވާނީ ޑި ލޮރެންޒޯގެ ގޯލުން ނަޕޯލީ އެއްވަރުކުރުމެވެ.

އެގޮތުގައި މެޗު ނިމެން ދަނިކޮށް ހުރިހާ ކަމެއް ބަދަލުވީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގަ އެވެ. ޔުވެންޓަސްގެ ޕައޮލޯ ޑީބަލާ އޭރިއާ ތެރެއަށް ހިލޭ ޖެހުމަކުން ހުރަސްކޮށްލި ބޯޅަ، ޕްރެޝަރެއް ވެސް ނެތީސް، ކޫލިބަލީ ސާފުކޮށްލަން ވެގެން ނުއަތަށް ޖެހުމުން ގޮސް ގޯލުގެ ތެރެއަށް ވަނީ އެވެ.

"ބައިކޮޅަށް ވަން މި ގޯލަކީ އަހަންނަށް ވަރަށް އަސަރުކުރި ގޯލެއް. އެއީ އެ ގޯލް އެއައީ އާދަޔާހިލާފު ގޮތަކަށް އަހަރެމެން މެޗުގެ ތެރެއަށް އެނބުރި އައިސްފައިވަނިކޮށް ކަމަށްވާތީ. އަހަރެން މައާފަށް އެދެން،" ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ޑިފެންޑަރު ބުންޏެވެ.

މެޗަށް ފަހު ކޫލިބަލީ ވަރަށް ބޮޑަށް މާޔޫސްވެ ދަނޑުމަތީ އޮށޯވެގެން ވަރަށް ގިނައިރު އޮތެވެ. އޭނާ އަށް ހިތްވަރުދޭން އައި އެއް ކުޅުންތެރިޔަކީ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅޭ ޔުވެންޓަސްގެ ކެޕްޓަން އަދި ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އެވެ.