Roadha Mihaaru
ޔުވެންޓަސް އާއި ނަޕޯލީ އަށް އުނދަގޫ ފެށުމެއް

ޔުވެންޓަސް އާއި ނަޕޯލީ އަށް އުނދަގޫ ފެށުމެއް

25 އޯގަސްޓް 2019

ފްލޮރެންސް (އޮގަސްޓް 25) – އިޓާލިއަން ލީގުގެ ފުރަތަމަ މެޗުތަކުން ރޭ ޗެމްޕިއަން ޔުވެންޓަސް ރަށުން ބޭރުގައި ޕާމާ އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދިއިރު ރަނަރަޕް ނަޕޯލީން ވެސް ރަށުން ބޭރުގައި ފިއޮރެންޓީނާ އަތުން އެހާމެ އުނދަގުލުން 4-3 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފްލޮރެންސް (އޮގަސްޓް 25) – އިޓާލިއަން ލީގުގެ ފުރަތަމަ މެޗުތަކުން ރޭ ޗެމްޕިއަން ޔުވެންޓަސް ރަށުން ބޭރުގައި ޕާމާ އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދިއިރު ރަނަރަޕް ނަޕޯލީން ވެސް ރަށުން ބޭރުގައި ފިއޮރެންޓީނާ އަތުން އެހާމެ އުނދަގުލުން 4-3 އިން މޮޅުވެއްޖެ އެވެ.

ޔުވެންޓަސްގެ އާ ކޯޗު މައުރީޒިއޯ ސާރީ ނިއުމޯނިއާ އަށް ފަރުވާ ހޯދަމުން އަންނާތީ، އޭނާގެ އެހީތެރިން ބެންޗުން އިރުޝާދު ދިން މި މެޗުގައި ޔުވެންޓަސް އިން ފުރަތަމަ އެގާރައިގައި އާ އެއްވެސް ކުޅުންތެރިޔަކު ނުހިމަނަ އެވެ. ޕައޮލޯ ޑީބަލާގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ފޯވާޑް ލައިން ބެލެހެއްޓީ ލޯން އުސޫލުން އޭސީ މިލާނާއި ޗެލްސީ އަށް ކުޅުމަށް ފަހު އެނބުރި އައި ގޮންޒާލޯ ހިގައިން އެވެ.

ނެދަލެންޑްސް ޑިފެންޑަރު މަތިއަސް ޑި ލައިޓް ބެންޗުގައި ހުރިއިރު އާރޮން ރަމްސޭ ސްކޮޑުގައި ނެތެވެ. އެކަމަކު ފްރެންޗް މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ވަނީ ދެ ވަނަ ހާފުގައި އަރައިފަ އެވެ. ހޮސްޕިޓަލުގައި އޮވެގެން ސާރީ މެޗު ޓީވީން ބަލައި ދެމުން ދިޔަ އިރުޝާދުޔަކާ އެކު އެއްގޮތަށް ކޯޗުކޮށްދެމުން ދިޔައީ އޭނާގެ އެސިސްޓަންޓް ޖިއޮވާނީ މަޓުޗީލޯ އެވެ. އޭނާ ބުނީ ފުރަތަމަ މެޗުގައި ބޮޑު ބަދަލެއް ގެނައުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.

މަޓުޗީލޯ ބުނީ ހާފު ޓައިމްގެ ކުރިންނާއި ހާފް ޓައިމުގައި އަދި މެޗަށް ފަހު ސާރީއާ ވާހަކަދެއްކި ކަމަށާއި އޭނާ ހުރީ ނަތީޖާއާ މެދު ހިިތްހަމަޖެހިފައި ކަމަށެވެ. އެކަމަކު ސާރީ އަކީ ހުރިހާ ކަމެއް ފުރިހަމަކޮށް ކުރަން ބޭނުންވާ މީހަކަށްވާތީ ކުޅުންތެރިން ހެދި ގޯސްތަކާ މެދު ރުޅިއައިސްފައި ހުރި ކަމަށް މަޓުޗީލޯ ބުންޏެވެ.

ޔުވެންޓަސް އިން ހުރިހާ ގޮތަކުން ވެސް ކޮންޓްރޯލް ކުރި މި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލް 21 ވަނަ މިނެޓުގައި ޖެހީ ކެޕްޓަން އަދި ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އެލެކްސް ސަންޑްރޯ ޖެހުމުން ބޮނޑިވެފައި ތިބި ކުޅުންތެރިންގެ ތެރެއިން ކިއެލީނީ ގޯލަށް ވައްދާލީ އެވެ. ރޮނާލްޑޯ އަށް މި މެޗުގައި ލަނޑު ޖަހަން ވަރަށް ގިނަ ފުރުސަތު ލިބި ބޭކާރުވެފައިވެ އެވެ.

ޔުވެންޓަސް އިން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދަން ކުރާ މަސައްކަތަށް އެންމެ ބޮޑު ޗެލެންޖެއް ދޭނެ ކަމަށް ބެލެވޭ ނަޕޯލީ އަށް ރޭ ފިއޮރެންޓީނާ އަތުން މޮޅުވެވުނީ ވަރަށް އުނދަގުލުންނެވެ. ފްލޮރެންސުގައި ކުޅުނު މި މެޗުގެ ނުވަ ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެރިކް ޕުލްގާ ވަނީ ފިއޮރެންޓީނާ އަށް ކުރި ހޯދައިދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީން އެއްވަރުކޮށް ލީޑު ނެގީ ޑްރިއެސް މާޓިންސް އާއި ލޮރެންޒޯ އިންސީނޭގެ ގޯލްތަކުންނެވެ. އެކަމަކު ދެ ވަނަ ހާފުގެ ކުރީކޮޅު ނިކޮލާ މިލެންކޮވީ ވަނީ ފިއޮރެންޓީނާ އަށް އެއްވަރުކޮށްދީފަ އެވެ. އަދި ހޯސޭ ކަލެޔޮންގެ ލަނޑުން ނަޕޯލީން އަލުން ލީޑު ނަގާފައިވަނިކޮށް ފިއޮރެންޓީނާ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ 65 ވަނަ މިނެޓުގައި ކެވިން ޕްރިންސް ބޯޓެން އެވެ. ނަޕޯލީ މޮޅުކޮށްދިނީ 67 ވަނަ މިނެޓުގައި އިންސީނޭ އެވެ.

"އަހަރެމެން ކޮޅަށް ތިން ގޯލް ވަން. އެކަމަކު އަހަރެމެން ރަށުން ބޭރުގައި ހަތަރު ގޯލް ޖަހައިފިން. އެހެންވީމާ ގޯހެއް ނޫން،" އަންނަ ހަފުތާގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނަ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ.

ފިއޮރެންޓީނާ އިން ވަނީ އެ ޓީމުން އަލަށް ގެނައި ބަޔާން މިއުނިކާއި ފްރާންސުގެ ކުރީގެ ވިންގާ ފްރޭންކް ރިބެރީ އަށް މެޗުގެ ފަހުބައިގައި ފުރުސަތު ދީފަ އެވެ.