Roadha Mihaaru
ފޭވަރިޓުން ކަޓުވާލި ދެ ޓީމުގެ މެޗު މިރޭ

ފޭވަރިޓުން ކަޓުވާލި ދެ ޓީމުގެ މެޗު މިރޭ

24 އެޕްރީލް 2018

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ލިވަޕޫލާއި ރޯމާ ދަތުރުކުރީ މުބާރާތުގެ ދެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލުން ކަޓުވާލުމަށް ފަހު އެވެ. ލިވަޕޫލާއި ރޯމާ އަކީ މުބާރާތް ފެށުނުއިރު ސެމީ ފައިނަލުން ޖާގަ ހޯދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ދެ ޓީމެއް ނޫނެވެ. އެހެން ނަމަވެސް މި ދެ ޓީމު މިހާރު ވަނީ ތަފާތު ކުޅުމެއް ދައްކައި ސެމީން ފުރުސަތު ހޯދައިފަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ލިވަޕޫލާއި ރޯމާ ދަތުރުކުރީ މުބާރާތުގެ ދެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައި އޮތް ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލުން ކަޓުވާލުމަށް ފަހު އެވެ. ލިވަޕޫލާއި ރޯމާ އަކީ މުބާރާތް ފެށުނުއިރު ސެމީ ފައިނަލުން ޖާގަ ހޯދާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރި ދެ ޓީމެއް ނޫނެވެ. އެހެން ނަމަވެސް މި ދެ ޓީމު މިހާރު ވަނީ ތަފާތު ކުޅުމެއް ދައްކައި ސެމީން ފުރުސަތު ހޯދައިފަ އެވެ.

ލިވަޕޫލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދީ 2008 ވަނަ އަހަރު އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ލިވަޕޫލް މި ފަހަރުގެ ސެމީން ފުރުސަތު ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.

އަނެއްކޮޅުން މިއީ 27 އަހަރަށް ފަހު ރޯމާ ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މިއީ ރޯމާ އާއި ލިވަޕޫލްގެ މެދުގައި ކުޅެވޭ ވާދަވެރި ހަ ވަނަ މެޗެވެ. މީގެ ކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން ލިވަޕޫލް ދެ މެޗުން މޮޅުވިއިރު، އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ރޯމާ އަށް ހޯދުނީ އެންމެ މޮޅެކެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބި ސެމީ ފައިނަލެއް ނޫން ކަމަށެވެ.

"ގިނަ ބަޔަކު އުއްމީދުކުރީ މިއީ މެންޗެސްޓާ ސިޓީ އާއި ބާސެލޯނާގެ ސެމީ ފައިނަލަކަށް ވާނެކަމަށް. އެކަމަކު އެކަން އެހެން ވިޔަ ނުދިނީ. ރޯމާ އާއި އަހަރެމެން (ލިވަޕޫލުން). ރޯމާ އާއި ލިވަޕޫލުން ކުރި ހިތްވަރަށް ބަލާއިރު ދެ ޓީމަށް ވެސް ސެމީގެ ޖާގައެއް ހައްގު،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ އުއްމީދުކުރަނީ ކުއާޓާ ފައިނަލުގައި ސިޓީއާ ދެކޮޅަށް ލިވަޕޫލްގެ ސަޕޯޓަރުން ދެއްކި ފަދަ ތަފާތެއް މި ފަހަރު ވެސް ފެންނާނެ ކަމަށެވެ.

"ސިޓީގެ ބަހަށް ހަމަލާ ދިން ގޮތަކަށް ނޫން ބޭނުމީ. އަހަރެމެން އެމީހުންނަށް (ރޯމާ) ޖެހޭނެ ފުރިހަމަ އިހުތިރާމްދޭން. އެކަމު މެޗު ފެށިގެން ސްޓޭޑިއަމް ތެރޭ އަހަރެމެން އެބަ ބޭނުންވޭ ސިޓީ މެޗުގައި ފެނުނު ފަދަ ސަޕޯޓެއް،" ކްލޮޕް ބުންޏެވެ.

ސަލާހަށް ހާއްސަ ސަމާލުކަމެއް ނުދޭނަން: ރޯމާ

މި ސީޒަނުގައި ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ސީޒަނުގެ ހުރިހާ މުބާރާތެއްގައި 41 ގޯލު ޖަހައިފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ސަލާހަށް ވަނީ ޕީއެފްއޭ އިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިފަ އެވެ.

މިރޭގެ މެޗަކީ ސަލާހު އޭނާގެ ކުރީގެ ކްލަބް ރޯމާއާ ދެކޮޅަށް ކުޅޭނެ ފުރަތަމަ މެޗެވެ. މި ވަގުތު ސަލާހު ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް ރޯމާގެ ކޯޗު އުސޭބިއޯ ޑި ފްރަންސެސްކޯ ބުނީ ސަލާހަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށެވެ.

"އަހަރެމެން މެޗު ރޭވީ ހަމައެކަނި ސަލާހު ހުއްޓުވާކަށް ނޫން. އެކަމަކު އަހަރެެމެން އިދިކޮޅު ޓީމުގައި ތިބި ތަރިންނާ މެދު ސަމާލުވާނަން. މިސާލަކަށް ބާސެލޯނާއާ ދެކޮޅަށް ކުޅުނުއިރު މެސީ އަށް ވެސް ހާއްސަ ނަޒަރަކުން ބެލިން. އަހަރެމެން އަބަދުވެސް މެޗަށް ތައްޔާރުވަނީ އިދިކޮޅަށް ނުކުންނަ ޓީމަށް ވިސްނައިގެން. އެންމެ ކުޅުންތެރިޔަކާ މެދު ވިސްނައިގެނެއް ނޫން،" ފްރަންސެސްކޯ ބުންޏެވެ.

ރޯމާގެ މިޑްފީލްޑަރު ކެވިން ސްޓްރޫޓްމަން ބުނީ ސަލާުހު ހުއްޓުވަން ހަދަންޖެހޭގޮތް އޭނާގެ ޓީމުގެ ކުޅުންތެރިންނަށް އެނގޭ ކަމަށާއި އެކަމު މެޗުގެ ކުރިން އެ ވާހަކަތައް ދެއްކުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށެވެ.

ސަލާހުގެ ބަދަލުގައި ރޯމާ އިން މި ސީޒަނުގައި ގެނައީ ތުރުކީގެ އުއްމީދީގެ ކުޅުންތެރިޔާ ސެންޗިޒް އުންޑެއާ އެވެ. އޭނާ އަންނަނީ މި ސީޒަނުގައި ރޯމާ އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސަލާހު ބުނީ ކުރީގެ ޓީމާ ދެކޮޅަށް ނުކުންނައިރު މިއީ އޭނާ އަށް ހާއްސަ މެޗަކަށްވާނެ ކަމަށާއި އެއީ އެ ޓީމުގައި އަދިވެސް ތިބީ އޭނާގެ ގާތް އެކުވެރިން ކަމަށެވެ. އެކަމު މި މެޗަށް ނުކުތުމަށް ފަހު އެންމެ ބޮޑު އަމާޒަކީ މޮޅުވުން ކަމަށެވެ.

މިރޭގެ މެޗުގައި ސަލާހު ލަނޑު ޖަހައިފިނަމަ އޭނާ ވެގެންދާނީ ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ލަނޑު ޖެހި ދެ ވަނަ ކުޅުންތެރިޔާ އަށެވެ. މި ވަގުތު އެ ރެކޯޑް އޮތީ ސްޓީވެން ޖެރާޑް އަތުގަ އެވެ. އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ލަނޑު ޖަހައިފަ އެވެ.

ލިވަޕޫލާއި ރޯމާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.