Roadha Mihaaru
ޑޮކްޓަރުކަން ކިޔަވަން ޒަކާތު ފަންޑުން ސްކޮލަޝިޕް ދެނީ

ޑޮކްޓަރުކަން ކިޔަވަން ޒަކާތު ފަންޑުން ސްކޮލަޝިޕް ދެނީ

24 އެޕްރީލް 2018

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ސްކޮލަޝިޕް ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޒަކާތު ފަންޑުން ސްކޮލަޝިޕް ދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އަހުމަދު ވިދާޅުވީ، މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ޒަކާތު ފަންޑުން 10 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުކަމުގެ އިތުރުން ދީނާއި ތައުލީމީ ދާއިރާ ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒަކާތު ފަންޑުން ސްކޮލަޝިޕް ދޭން ހަމަޖައްސާފައިވާ އަދަދާ އެކު ވަރަށް އަވަހަށް އިއުލާން ކުރެވޭނެ އެވެ.

"އެ ފަންޑުން ތައުލީމް ހާސިލްކުރަން ޖާގަ ދޭނެ އަދަދާއި ކިޔެވޭނެ ގައުމުތަކާއި އެ ކޯސްތަކަށް ދާނެ ހަރަދުތައް މިވަނީ އިވެލުއޭޓް ކުރެވިފައި. ވަރަށް އަވަހަށް ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލާނަން،" އިބްރާހިމް އަހުމަދު ވިދާޅުވި އެވެ.

ޑިޕްލޮމާ އިން ފެށިގެން ޑިގްރީ ފެންވަރަށް ޒަކާތު ފަންޑުގެ ސްކޮލަޝިޕްގައި ރާއްޖޭގައި ކިޔެވޭނެ އެވެ. އަދި ރާއްޖޭން ބޭރުން މާސްޓާޒް އަށް ކިޔަވަން ޖާގަ ދޭނެ އެވެ. އޭގެ އިތުރުން މިސްރުގައި ކިޔަވާ ދަރިވަރުންގެ ހުރުމުގެ ޚަރަދުތައް ވެސް، ޒަކާތު ސްކޮލަޝިޕްގައި ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ ފަންޑުން ސްކޮލަޝިޕްގެ ކަންތައްތައް ކުރިއަށް ގެންދަނީ ފަސް ބޭފުޅުންގެ ކޮމެޓީ އަކުންނެވެ. އެ ކޮމެޓީގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ އަދި ޒަކާތު ކޮމެޓީގެ ބޭފުޅެއް ހިމެނިވަޑައިގަންވަ އެވެ.

އިބްރާހިމް އަހުމަދު ވިދާޅުވީ ސްކޮލަޝިޕްގެ ފޯމުތައް ބެލުމަށް ފަހު އެ ފުރުސަތުތައް ދޭނެ މީހުން ކަނޑައަޅާނީ ވެސް އެ ކޮމެޓީން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒަކާތު ފަންޑުން ތައުލީމާއި ސިއްހީ ދާއިރާ އަށް ޚާއްސަ ސްކޮލަޝިޕް ދެނީ އެއީ ރާއްޖެ އަށް މުހިއްމު ބޭނުންތެރި ދާއިރާތަކަށް ވާތީ އެވެ.