Roadha Mihaaru
ޒަކާތުފަންޑު ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް އާއްމުކޮށްފި

ޒަކާތު ފަންޑުގެ ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް އިއުލާނުކޮށްފި

30 މެއި 2018

ޒަކާތު ފަންޑުން ދޭން ހަމަޖައްސާފައިވާ ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒަކާތު ފަންޑުން ދޭން ހަމަޖައްސާފައިވާ ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، ޒަކާތު ފަންޑުން ނޮން އޯއީސީޑީ ގައުމުތަކާއި މިސްރާއި މެލޭޝިޔާގެ އިތުރުން ރާއްޖޭގައި ކިޔެވޭނެ ކަމަށެވެ. އެ 73 ސްކޮލަޝިޕަށް ކުރިމަތިލުމަށް އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.

އެ ސްކޮލަޝިޕުން ރާއްޖޭގައި ކިޔަވަން ދީފައިވަނީ 44 ފުރުސަތެވެ. އެއީ ޑިޕްލޮމާއަށް 20 ފުރުސަތާއި ޑިގްރީއަށް ކިޔެވުމަށް 24 ފުރުސަތެވެ. އޭގެ ތެރޭގައި އިމާމުކަމުގެ ކޯހާއި އިސްލާމާއި ގުރުއާން އަދި އަރަބި ބަސް ކިޔަވައިދިނުމުގެ ދާއިރާ އާއި ޑޮކްޓަރުކަން ކިޔެވުން ހިމެނެ އެވެ.

ޑޮކްޓަރުކަން ކިޔަވަން ދެ ފުރުސަތު ދީފައިވާއިރު ރާއްޖޭގައި ޑޮކްޓަރީ އިންޓާންޝިޕް ފުރިހަމަކުރުމަށް ވެސް ވަނީ 10 ޖާގަ ހުޅުވާލައިފަ އެވެ.

ނޮން-އޯއީސީޑީ ގައުމުތަކުން ކިޔަވަން ދީފައިވަނީ ޑިގްރީ ފެންވަރަށް ތަމްރީނުވުމުގެ ދެ ފުރުސަތެވެ. އެއީ ސިވިލް އިންޖީނިއަރިން އަދި އޮޓޯ މޯބައިލް އިންޖީނިއަރިންނެވެ.

ނޮން-އޯއީސީޑީ އަކީ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ފޯރަމްގައި ނުހިމެނޭ ގައުމުތަކެވެ.

އަޒްހަރު ޔުނިވާސިޓީގެ ސްކޮލަޝިޕުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކަށް، އެހެނިހެން ހަރަދުތައް ކުރުމަށް ޒަކާތު ފަންޑުން އެހީ ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. ކިޔެވުމުގެ ހުރިހާ ހަރަދެއް އަޒްހަރު ޔުނިވާސިޓީން ދެ އެވެ. އެހެންވެ ޒަކާތު ފަންޑުން އެ އެހީ ދޭނީ އެހެނިހެން ހަރަދުތައް ކުރުމަށެވެ.

މާސްޓާސް އަށް ކިޔެވުމަށް މެލޭޝިއާގައި ދީފައިވަނީ ދެ ފުރުސަތެވެ. އެއީ އިސްލާމާއި ގުރުއާންގެ ކަރިކިއުލަމް އެކުލަވާލުމާ ބެހޭ ދެ ފުރުސަތެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ހަމައެކަނި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ހާއްސަކޮށް ބިޒްނަސް ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ދާއިރާއިން ޑިގްރީއަށް ކިޔަވަން ދެ ފުރުސަތު ދީފަ އެވެ.

އެ އިއުލާނުގައި ވާ ގޮތުން ޒަކާތު ސްކޮލަޝިޕަށް ކުރިމަތިލެވޭނީ، މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު 18 އަހަރު ފުރިފައިވާ ނަމަ މީހުންނަށެވެ. އަދި ސްކޮލަޝިޕް ލިބޭތާ 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.