Roadha Mihaaru
މުހުތާޒަށް ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ: އާއިލާ

މުހުތާޒަށް ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ: އާއިލާ

25 އެޕްރީލް 2018

ކުރީގެ ޕްރޮސެކިއުޓާ ނެރަލް މުހުތާޒް މުހުސިންގެ ބަލި ހާލަތު އިތުރަށް ބޮޑުވެ، ކައިރި މުސްތަގުބަލެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ޕްރޮސެކިއުޓާ ނެރަލް މުހުތާޒް މުހުސިންގެ ބަލި ހާލަތު އިތުރަށް ބޮޑުވެ، ކައިރި މުސްތަގުބަލެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލާގައި މުހުތާޒްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، އޭނާ 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖޫން 9، 2016 ގަ އެވެ. އޭނާ މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ.

މުހުތާޒްގެ އާއިލާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ މާފުށީ ޖަލުގައި ބަންދު ކުރިއިރު ވެސް މައިބަދައިގެ މައްސަލަތަކަށް ފަރުވާ ކުރަމުން ދިޔަ ބޭފުޅެއް ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި މުހުތާޒަށް ގަވައިދުން ފިޒިއޮތެރަޕީ ދިނުމަށާއި ފެތުމަށާއި ކަސްރަތު ކުރުމަށް އަނގަބަހުންނާއި ލިޔުމުން ޑޮކްޓަރުން އިރުޝާދު ދެއްވި ނަމަވެސް، މިކަން ކުރުމުގެ މަގު ފަހިކޮށްދީފައި ނެތުމުން މުހުތާޒްގެ މައިބަދަ އަށް ލިބުނު ގެއްލުން ވަނީ އިތުރަށް ބޮޑުވެފަ އެވެ.

މުހުތާޒްގެ އާއިލާ އިން ބުނީ މިދިޔަ އަހަރު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، އޭނާގެ މައިބަދަ އަށް ދެ އިންޖެކްޝަނެއް ޖަހާފައިވާ ކަމަށެވެ. އިންޖެކްޝަން ޖެހި ފަހުން، ވެސް ޑޮކްޓަރުން ދެއްވި އިރުޝާދާ އެއްގޮތަށް ކަރެކްޝަނަލް ސާވިސް އިން އަމަލުކޮށްފައި ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

މުހުތާޒްގެ މައިބަދައިގެ ހާލަތު އިތުރަށް ގޯސްވުމުގެ ނަތީޖާއެއްގެ ގޮތުން ބާރުގަދަ އިތުރު ދެ އިންޖެކްޝަނެއް ޖަހަން މި މަހުގެ 10 ގައި ޑޮކްޓަރުން ލަފާ ދީފައި ވުމަކީ އޭނާގެ ބޭސްފަރުވާ އަށް ކަރެކްޝަނަލް ސާވިސް އިން އިހުމާލު ވެފައިވާ މިިންވަރު ހާމަވި ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ.

"މުހުތާޒްގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވާކަން ބަޔާންކޮށް، މުހުތާޒަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަށާއި އަދި އެފަދަ ހާލަތެއްގައި ބަލި މީހަކު ހުންނަން ޖެހޭނެ ފަދަ މާހައުލެއްގައި މުހުތާޒް ބެހެއްޓުމަށް ކަރެކްޝަނަލް ސާވިސަށް ދެންނެވިފައި ވާނެ އެވެ. ނަމަވެސް އެ ފަރާތުން މުހުތާޒްގެ ސިއްހީ އަދި އެހެނިހެން މައްސަލަތަކަށް އެއްވެސް ހައްލެއް ހޯދައިދީފައި ނުވާކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

އާއިލާ އިން ބުނި ގޮތުގައި މުހުތާޒަށް ނަމެއްގައި "ސްޕެޝަލް ޕްރޮޓެކްޝަން" ހަމަޖައްސައި ދިން ނަމަވެސް، އޭނާ ޖަލުގައި އޮންނަވަނީ އެންމެ ނުރައްކާތެރި ގައިދީން ބާއްވާފައިވާ ޔުނިޓް "ޑެތު ރޯ" ގައި ކަރަންޓު އަދި ވެންޓިލޭޝަން ނެތި އެކަހެރިކޮށްފަ އެވެ.

"ސްޕެޝަލް ޕްރޮޓެކްޝަން" ކެޓަގަރީގެ މީހުންނަށް ދޭ ވަސީލަތްތަކާއި ފަސޭހަތަކުން މަހްރޫމް ކޮށްފައި މުހުތާޒް ޖަލުގައި ގެންގުޅެމުން ދަނީ ނަފްސާނީ ގޮތުން ބަލިކޮށް، ނުފޫޒު ގަދަ ވަކި ބައެއްގެ ހިތްހަމަޖެހުމަށް ވީހާވެސް ދަތި އުނދަގޫ ނިކަމެތި ގޮތެއްގައި ހުކުމް ތަންފީޒު ކުރުވުމުގެ ބޭނުމުގައި ކަމަށް އާއިލާ އިން ބުންޏެވެ.

މުހުތާޒްގެ އާއިލާ އިން ވަނީ އޭނާ އަށް ބޭސްފަރުވާގެ ހައްގުން މަހްރޫމް ނުކުރުމަށާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް އަމަލު ކުރުމަށް ގޮވާލައިފަ އެވެ. އަދި މުހުތާޒްއާ މެދު ހިންގަމުންދާ ތަފާތު ކުރުންތައް ހުއްޓާލުމަށް ވެސް ކަރެކްޝަނަލް ސާވިސް އަށާއި ކަމާ ބެހޭ ފަރާތްތަކަށް އާއިލާ އިން ގޮވާލި އެވެ