Roadha Mihaaru
މުހުތާޒް އެއް ހަފުތާ ފަހުން ހޮސްޕިޓަލުން ޖަލަށް

މުހުތާޒް އެއް ހަފުތާ ފަހުން ހޮސްޕިޓަލުން ޖަލަށް ގެންގޮސްފި

22 މެއި 2018

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އެއް ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، މާފުށީ ޖަލަށް މިއަދު ގެންގޮސްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން އެއް ހަފުތާ ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު، މާފުށީ ޖަލަށް މިއަދު ގެންގޮސްފި އެވެ.

މުހުތާޒްގެ އާއިލާ އިން ބުނީ މުހުތާޒް އެޑްމިޓްކުރީ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯދުމަށް އިންޖެކްޝަނެއް ޖަހަން ކަމަށެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެޑްމިޓް ކުރި މުހުތާޒް ހޮސްޕިޓަލުން ދޫކޮށްލީ އިންޖެކްޝަން ޖެހުމަށް ފަހު ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

މިއީ މުހުތާޒް ޖަލަށް ލީ ފަހުން އޭނާގެ ގަޔަށް އިންޖެކްޝަން ޖެހި ތިން ވަނަ ފަހަރެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފިޒިއޮތެރަޕީ ހެދުމަށް އޭޑީކޭ ހޮސްޕިޓަލްގައި ދެ ހަފުތާ ވަންދެން އެޑްމިޓް ކުރި އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލައިގައި މުހުތާޒްގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2016 ގަ އެވެ.

މުހުތާޒްގެ ގަޔަށް އިންޖެކްޝަނެއް ޖެހީ އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި ކަރެކްޝަންސް އިން އިހުމާލުވަމުންދާ ކަމަށް ބުނެ، އާއިލާ އިން އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާފައި ވަނިކޮށެވެ.

މުހުތާޒްގެ ބަލި ހާލަތު އިތުރަށް ބޮޑުވެ، ކައިރި މުސްތަގުބަލެއްގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ ކަމަށް އޭނާގެ އާއިލާ އިން ދާދި ފަހުން ވަނީ ބުނެފަ އެވެ. މުހުތާޒްގެ އާއިލާ އިން ވަނީ އޭނާ ބޭސްފަރުވާގެ ހައްގުން މަހްރޫމް ނުކުރުމަށާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް އަމަލު ކުރުމަށް ގޮވާލައިފަ އެވެ. އަދި މުހުތާޒްއާ މެދު ހިންގަމުންދާ ތަފާތު ކުރުންތައް ހުއްޓާލުމަށް ވެސް ކަރެކްޝަނަލް ސާވިސްއަށާއި ކަމާ ބެހޭ ފަރާތްތަކަށް އާއިލާ އިން ގޮވައިލި އެވެ.