Roadha Mihaaru
ނަޝީދަށް މި ފަހަރު ސުޕްރީމް ކޯޓުން ޖާދޫ ހަދައިދޭނެބާ!

ނަޝީދަށް މި ފަހަރު ސުޕްރީމް ކޯޓުން ޖާދޫގެ އަތް ދިއްކޮށްލާނެބާ!

26 އެޕްރީލް 2018

މިހާރުގެ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި އިރު، 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދަށް ހުރަސްވީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) އެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާން ކުރާ އެ މާއްދާގައި ބުނެފައިވަނީ؛ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މިހާރުގެ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި އިރު، 2008 ވަނަ އަހަރުގެ ރިއާސީ އިންތިހާބާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދަށް ހުރަސްވީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ) އެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ބަޔާން ކުރާ އެ މާއްދާގައި ބުނެފައިވަނީ؛ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.

އޭރު ނަޝީދު ހުންނެވީ، 1999 ވަނަ އަހަރު ވައްކަމުގެ ކުށެއް ސާބިތުވެ ދެ އަހަރާއި ހަ މަހަށް އަރުވައިލުމުގެ ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ. އެމަނިކުފާނު އެ ހުކުމް ތަންފީޒު ކުރެއްވީ ރ. އަނގޮޅިތީމުގަ އެވެ. އެއީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ކުރީގެ ގެކޮޅު، ވެލާނާގޭގައި ހުރި އެއްޗެހިތަކެއް ވަގަށް ނެގުމުގެ ކުށުގަ އެވެ. އޭރު ވެލާނާގެއަކީ ދައުލަތަށް ނަގައި ދައުލަތުގެ ބިމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ގޯއްޗެކެވެ.

ވައްކަމަކީ، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައި އޮތް ކުށެކެވެ. ކީރިތި ގުރްއާނުގެ ނައްސުން ސާބިތުވާ ގޮތުގައި ވައްކަމުގެ ކުށުގެ ހައްދަކީ އަތް ބުރި ކުރުމެވެ. އެ ހައްދު ގާއިމުކުރެވެނީ ވަކި ޝަރުތުތަކާ އެކުގަ އެވެ.

އެހެންކަމުން، ރިއާސީ އިންތިޚާބަށް އިއުލާން ކުރުމާ އެކު، ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަމިއްލަ މީހަކު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެއީ ވެލާނާގޭ މައްސަލައިގައި ނަޝީދު ތަންފީޒު ކުރައްވާފައިވާ ވައްކަމުގެ ކުށުގެ ހުކުމަށް ބިނާކޮށެވެ.

އޭރުގެ ސިޔާސީ އޮއިވަރު ހުރީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށް އެހާ ފަހި ގޮތަކަށް ނޫނެވެ. އެއްވެސް ވާދަވެރިއެއް ނެތި، އިންތިހާބުތައް ކާމިޔާބު ކުރައްވައި ވެރިކަމުގައި 30 އަހަރު ފުރެމުން ދިޔަ އިރު، ދާޚިލީ ފިއްތުންތަކާ އެކު ބޭރުގެ ފިއްތުންތައް އެހާ ބޮޑެވެ.

އެމްޑީޕީގެ މަގުމަތީ ހަރަކާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ޕާޓީގެ މެންބަރުން. -- ފޮޓޯ: ނިއުސް.ސީއެން

އެމްޑީޕީގެ މަގުމަތީ ހަރަކާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ޕާޓީގެ މެންބަރުން. -- ފޮޓޯ: ނިއުސް.ސީއެން

ވެރިކަމުގެ އިތުރު ދައުރެއް ބޭނުންފުޅުވެފައި ހުންނެވިޔަސް އިންތިހާބުގައި ވާދަ ކުރެއްވުމަށް މައުމޫނަށް އޮތް ހަމައެކަނި ފުރުސަތަކީ، އާ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް، ގިނަ ބަޔަކަށް ވާދަކުރެވޭ ގޮތަށް އިންތިހާބު ބޭއްވުމެވެ. ހަމަ އެއާ އެކު، ރާއްޖެ އަށް ފިއްތުންތައް ކުރިމަތިކުރާ ޚާރިޖީ ބާރުތައް ގަބޫލުކުރާ ކެންޑިޑޭޓަށް ވެސް، އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދިނުމެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ނަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ޒާތުގެ ކުށެއް ނޫން ކަމަށެވެ.

އޭގެ 10 އަހަރު ފަހެވެ. މި އަހަރު ބާއްވާ ރިއާސީ އިންތިހާބުގައި އެ މަނިކުފާނަށް ހުރަހަކަށް ވަނީ، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން، ރިއާސީ އިންތިޚާބަށް ކުރިމަތިލާ މީހަކީ، "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި" ވާންޖެހޭނެ ކަމަށެވެ.

ނަޝީދު މިހާރު ވެސް އެ ހުންނެވީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެމަނިކުފާނު ޖަލަށް ލުމަށް މާޗް 13، 2015 ގައި ހުކުމް ކޮށްފައި ވިޔަސް، މިހާތަނަށް އެމަނިކުފާނު ތަންފީޒު ކުރައްވާފައިވަނީ ހުކުމްގެ ވަރަށް ކުރު މުއްދަތެކެވެ. ހުކުމް ކުރެއްވިތާ 10 މަހާއި ތިން ދުވަސް ފަހުން، ޖެނުއަރީ 18، 2016 ގައި ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި ގޮތަށް އުޅުއްވަމުން އެ ގެންދަވަނީ ރާއްޖޭން ބޭރުގަ އެވެ.

ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ ނަޝީދު ޓުވިޓާ

ނަޝީދާއި ލަންކާގެ ބޮޑުވަޒީރު ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ ނަޝީދު ޓުވިޓާ

އެ މަނިކުފާނަށް ކުރި ހުކުމާ މެދު ކިތަންމެ ގިނަ ބަޔަކު ފާޑު ކިޔަސް، ރާއްޖޭގެ ޝަރުއީ ހުރިހާ މަރުހަލާއަކުން ވަނީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރުގެ ޖަލު ހުކުމް ދަމަހައްޓައިފަ އެވެ. އެހެންކަމުން ރިއާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ހުރިހާ ދޮރެއް މިހާރު ހުރީ ބަންދުވެފަ އެވެ. ސުޕްރީމް ކޯޓުގެ ދޮރު ފިޔަވައެވެ.

މިކަން މިހެން ހުއްޓަސް، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގި ގޮތާއި، ކޮށްފައިވާ ހުކުމް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގަބޫލެއް ނުކުރެ އެވެ. ހަމައެފަދައިން ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ބަލައެއް ނުގަނެ އެވެ. އެހެނެއް ކަމަކު، ކޮމަންވެލްތާއި ވިލާތުގެ އިއްތިހާދާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކުން ފާޅުގައި ބުނަމުން އެދަނީ، މިއަހަރުގެ ރިއާސީ އިންތިހާބުގައި ނަޝީދަށް ވާދަ ކުރެއްވެން ވާނެ ކަމަށެވެ.

ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގި ގޮތާއި ކޮށްފައިވާ ހުކުމް ގަބޫލު ނުކުރުމަށް ބާރު ލިބިދޭ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. އެއީ މި ދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވެސް، ނަޝީދާއި އެ ނޫން ސިޔާސީ ބޭފުޅުންގެ މައްޗަށް ހިންގި ޝަރީއަތްތަކާ މެދު ކުރެވުނު ތުހުމަތުތަކަށް އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް އިއުތިރާފްވެވަޑައިގެންފައި ވާތީ އެވެ.

އެ އަމުރުގެ ފަސް ވަނަ ނަންބަރުގައި މައިގަނޑު ފަސް ކަމަކަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގެންފައިވެ އެވެ. އެއީ؛ (1) އެ އަމުރުގައި ހިމަނާފައިވާ ނުވަ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގާފައިވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމާއި، (2) އެ ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް ކަމާއި، (3) އެ ބޭފުޅުންގެ މައްޗަށް ދައުވާކުރީ ގާނޫނާ ޚިލާފަށް ހިންގި ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށް ކަމާއި، (4) އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެ އަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ޚިލާފަށް ކަމެވެ.

ނަޝީދު ފެނުމުން ދެ ސަޕޯޓަރަކު އުފާފާޅުކުރަނީ: ސްރީ ލަންކާގައި އެމަނިކުފާނު އިއްޔެ ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި. --ފޮޓޯ: އެމްޑީޕީ

ނަޝީދު ފެނުމުން ދެ ސަޕޯޓަރަކު އުފާފާޅުކުރަނީ: ސްރީ ލަންކާގައި އެމަނިކުފާނު އިއްޔެ ވަނީ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި. --ފޮޓޯ: އެމްޑީޕީ

އެ އަމުރުގައި ބަޔާންކޮށްފައިވާ ނުވަ ބޭފުޅަކު (ނަޝީދު ވެސް ހިމެނޭ ގޮތަށް) މިނިވަން ކުރުމަށް އެ ކޯޓުގެ ފަސް ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގަތީ އެ ފަސް ނުކުތާ އަށް ބުރަވެވަޑައިގެންނެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން، ފަސް ފަނޑިޔާރުންގެ އަމުރު ވަނީ ބާތިލުކޮށްފަ އެވެ. އެއީ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު އެވެ.

ސުވާލަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް އެ ހަގީގަތްތައް ގަބޫލުކުރައްވާ އިރު، މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތަކަށް އެދިވަޑައިގެން، ސުޕްރީމް ކޯޓުގައި ނަޝީދު ޓަކި ޖައްސަވައިފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މީގެ ކުރިން 2008 ގައި ދެއްވި ފަދައިން މި ފަހަރު ވެސް ނަޝީދަށް ޖާދޫގެ އަސާގަނޑު ދެއްވަފާނެ ހެއްޔެވެ؟

"އަޅުގަނޑަކަށް ހިޔެއް ނުވޭ މިފަހަރު ސުޕްރީމް ކޯޓުން އެފަދަ ކަމެއް ކޮށްފާނެޔެކޭ. މިއީ 2008 ނޫން. މިއީ ރައީސް މައުމޫންގެ ވެރިކަމެއް ވެސް ނޫން. މިހާރު ވެރިކަމުގައި ހުންނެވީކީ، ބޭރުގެ އެކަހަލަ ޕްރެޝަރުތަކަށް އެހާ ފަސޭހަ އިން ބޯލަނބާނެ ބޭފުޅެކޭ ނުބުނާނަން. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅިޔަސް އަޅުގަނޑަކަށް ހަމަ ހިޔެއް ނުވޭ، ސަރުކާރުން ނަޝީދަށް އެ ފުރުސަތު ދޭން ބޭނުން ނުވާހާ ހިނދަކު، ޝަރުއީ ދާއިރާގެ ތެރެއިން އެ ފުރުސަތު ފަހި ކުރެވިދާނެހެންނެއް،" ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މެމްބަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

"ރައީސް މައުމޫނާއި ރައީސް ޔާމީނަކީ ދެބެން ކަމުގައި ވިޔަސް މިއީ ވަރަށް ތަފާތު ދެ ބޭފުޅުން އިނގޭތޯ. ހަމަ އުޑާއި ބިމާހާ ތަފާތު، ކަންކަމާ ކުރިމަތިލެއްވުމުގައި. ހަމަ ލަފާކޮށްލަން ވެސް ނޭނގޭނެ ރައީސް ޔާމީން ކަންތައް ކުރައްވާނެ ގޮތެއް. އަދި އަމުދުން ބޭރުގެ ސިޔާސީ ނުފޫޒުތަކާ ޗެލެންޖް ކުރައްވަން ރައީސް ޔާމީނަށް ވަރަށް ކެރިވަޑައިގަންނަވާ. އެކަން އެ ދަނީ ސާބިތުވަމުން ވެސް."

ސުޕްރީމް ކޯޓުގެ ތެރެއިން ނަޝީދަށް ފުރުސަތެއް ނުލިބޭނެ ކަމުގެ ހެއްކެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވީ، ސުޕްރީމް ކޯޓު މިހާރު އޮތް ގޮތާއި، އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އެ ކޯޓަށް އައި ބަދަލުތަކެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

މިއަދުގެ ސިޔާސީ ހަގީގަތަކީ އެއީ ކަމުގައި ވިޔަސް، މި އަހަރުގެ ރިއާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ލިބިވަޑައިގެންނެވޭނެ ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުން އެމަނިކުފާނަށް އެހީގެ އަތެއް ދިއްކޮށްލުމެވެ. ނަމަވެސް 2008 ގައި އެ ފުރުސަތު އެ މަނިކުފާނަށް ހޯއްދަވައިދެއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް މިހާރު އެ ހުންނެވީ، ޝަރުއީ ހުކުމަކާ ނުލައި، ވަކި މުއްދަތެއް ނެތް ގޮތަށް ޖަލުގައި ހައްޔަރު ކޮށްފަ އެވެ.