Roadha Mihaaru
ބަންދުގައި ތިބި މީހުން ގެއަށް ނުފޮނުވަނީ ހެކިނުދޭތީ

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ބަންދުގައި ތިބި މީހުން ގެއަށް ނުފޮނުވިގެން އުޅެނީ ހެކި ދޭން ދެކޮޅު ހަދާތީ: ރައީސް ޔާމީން

02 މެއި 2018

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލާގައި ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުން ގެ އަށް ނުފޮނުވިގެން އުޅެނީ އެ ބޭފުޅުން ހެކި ދެއްވަން ބޭނުން ނުވާތީ ކަމަށާއި ހެކި ނުދެއްވާ ނަމަ އެ ބޭފުޅުންނަށް ކޯޓުން ހުކުމެއް އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ މައްސަލާގައި ޖަލުގައި ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުން ގެ އަށް ނުފޮނުވިގެން އުޅެނީ އެ ބޭފުޅުން ހެކި ދެއްވަން ބޭނުން ނުވާތީ ކަމަށާއި ހެކި ނުދެއްވާ ނަމަ އެ ބޭފުޅުންނަށް ކޯޓުން ހުކުމެއް އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވިއިރު، އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަށް ފަހު، ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ އެމަނިކުފާނު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެހެނިހެން ބައެއް ބޭފުޅުން ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުންނެވި މައުމޫން ވަނީ އުމުރުން ދުވަސްވެފައި ހުރުމުން އިންސާނިއްޔަތައްޓަކައި ނަމަވެސް ގޭބަންދަށް ބަދަލުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މައުމޫންގެ ބަންދަށް ލުޔެއް ދެއްވެން ނެތް ކަމަށެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން މިރޭ ވެސް ވިދާޅުވީ، ކޯޓުތަކުގައި ހިންގާ މައްސަލަތަކާ އެ މަނިކުފާނު ބެހިވަޑައިނުގަންނަވާނެ ކަމަށާއި ނަމަވެސް މައްސަލަތައް އަވަސް ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. ރައީސް ޔާމީން އެކަމާ ގުޅޭ ގޮތުން އަބަދުވެސް ވިދާޅުވާ އެ ވާހަކަފުޅު ތަކުރާރު ކުރައްވަމުން ވިދާޅުވީ، މައްސަލަތައް އަވަސް ކުރައްވަން މަސައްކަތްޕުޅު ކުރައްވަނީ މީހުންގެ ހައްގުތައް ގެއްލޭތީ ކަމަށެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ބައެއް ވަޒީރުން އަދި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ބައެއް ވަޒީރުން އަދި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެހެންވީމާ މި ބޭބޭފުޅުން ގެއަށް ވަޑައިނުގެންނެވިގެން އެ އުޅުއްވަނީ، އަޅުގަނޑުމެންނަށް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން ގެ އަށް ވަޑައިނުގެންނެވިގެން އުޅުއްވަނީ އެ ބޭފުޅުން އަމިއްލަ އަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާތީ. ހެކި ނުދެއްވާތީ. އެ ހެކި ނުދެއްވަންޏާ އެ ބޭފުޅުންނަށް ކޯޓުން އަންނާނެ ހުކުމެއް. މީގެ ކުރިން ވެސް އައިސް ހުރީ. އިހަށް ދުވަހު ވެސް [ހުކުމް] އައިސް ހުރީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުށުން ބަރީއަ ވުމަކީ އެ މީހަކާއި އެ މީހެއްގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެ ގެމީހަކު ކުށުން ބަރީއަ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭނާ ކުށުން ބަރީއަ ކުރުމަކީ ދައުލަތުން ކުރާ ކަމެއް ނޫން. ސަރުކާރުން ކުރާ ކަމެއް ނޫން. ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލަނީ އޭނާ ކުރާ ވިޔާނުދާ ކަމެއްގެ ސަބަބުން. އެ ކަމަކަށް އަދަބެއް ނުދެވިއްޖެ ނަމަ އެ އަށް ވުރެ ބޮޑު ނުރައްކާ މުޅި މުޖުތަމައަށް ކޮށްފާނެތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ދަމަހައްޓައި އަދި އޭގައި ބުނެފައިވާ ކަންކަމާ ޚިލާފަށް ގާނޫނުއަސާސީ ފުނޑުފުނޑު ކުރާއިރު، އެންމެ ވަރުގަދަ އަށް އެކަމާ ދެކޮޅަށް މުގުރުން ޖަހަން ތިއްބެވި ބޭފުޅުންތަކެއް ގާނޫނުއަސާސީގެ ތަނބުތަކުގައި މުގުރުން ޖަހައި ރެނދުއަޅުވާލީމާ ސުވާލު އުފައްދަން ޖެހެ އެވެ.

ރައީސް ޔާމީން އެ އިޝާރާތް ކުރައްވަނީ ބެލެވޭ ގޮތުގައި، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް ފަހު، ސުޕްރީމް ކޯޓުގެ ބާކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމުމުގެ އަމުރުގެ އެ ބައި ބާތިލްކޮށްފަ އެވެ. އެހެންވެ ފެބްރުއަރީ 1 ގެ އަމުރުގެ އެ ބަޔަށް ދެން އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ފެބްރުއަރީ 1 ގެ އަމުރާ ގުޅޭގޮތުން ނުސީދާކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިރޭ ވިދާޅުވީ ރާއްޖޭގައި ކަންތައްތަކެއް ހިނގައިފި ކަމަށެވެ.

"އެހެން ހިނގާފައި ހުރެއްޖެ ނަމަ މީގެ މައުލޫމާތު ހުންނާނެ. ކީއްވެގެންތޯ މީހަކު ކުށުން ބަރީއަވާން ބޭނުން ކަމަށް ވަންޏާ އޭނާގެ ފޯނުގައި ހުރި މައުލޫމާތު ނުދޭންވީ. އަދި އަދުލު އިންސާފު ގާއިމް ކުރަން އަޅުގަނޑުމެން އެންމެ އިތުބާރާ އެކީ ތިއްބެވި އެންމެ އިސް ފަނޑިޔާރު ވެސް އޭނާގެ މައްސަލަ ހުށަހެޅުނީމާ އެއްބަހެއް ނުވޭ ފޯނު ދޭކަށް. ދެން އެބޭފުޅުންނާ އެކު ތިއްބެވި އެހެން ބޭފުޅުން ވެސް އެއްބަހެއް ނުވޭ ފޯނު ދޭކަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.

މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އިން ނެރުނު ކަމަށް ފުލުހުން ބުނާ ކަޅުފޮއްޓާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ އެ ފޮށިން ފެނުނު މައުލޫމާތު އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އެ މައުލޫމާތަށް ބަލާ ކަމަށް ވަންޏާ އެ މައުލޫމާތުގެ ދީބާޖާ އަކަށް އަދި އޭގެ ފަހުން ކަންކަން ކުރާނެ ގޮތްތަކެއް ރޭވިފައި ހުންނާނެ. އިންތިޒާމް ތަކެއް ހުންނާނެ. އަދި މުއާމަލާތްތަކެއް ކުރެވިފައި ހުންނާނެ. އެހެންވީމާ އެ މުއާމަލާތްތައް އެބަ ލިބެން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ތަހުގީގަށް ހައްޔަރު ކުރާ މީހުންގެ ފޯނު ފުލުހުންނަށް ނުދިނުމުން ފުރަތަމަ ވެސް ބަންދުގެ ހުކުމެއް އަންނާނެ ކަމަށެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އަޅުގަނޑުމެންނަށް އެކަން ފެނިގެން ހިނގައްޖެ ދިވެހިރާއްޖެ އިން ވެސް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށް ވީ ނަމަވެސް ފޯނު ދޭން އިއުތިރާޒު ކުރީމާ އަދި ފޯނު ހުޅުވައި ދޭން އިއުތިރާޒު ކުރީމާ ބަންދުގެ ހުކުމެއް އަތުވެއްޖެ. އެއީ މި ދެންނެވި ކަހަލަ ހެކި ފޮރުވާފައި ހުރީމާ،" ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން މީހަކު ކުރާ ކުށަކުން ހެކި ނައްތައިލަފާނެ ކަމަށް ހީވާ ނަމަ ނުވަތަ ހެކި ފޮރުވަފާނެ ކަމަށް ގަބޫލު ކުރެވޭ ނަމަ އެ މީހަކު ހައްޔަރުކުރުމުގެ އިޚުތިޔާރު އޮންނަ ކަމަށެވެ.

"އެހެންވީމާ ހެކި ނައްތާލުމަކީ މި ދެންނެވި ކަހަލަ ކަމެއް. މުޅި މައްސަލަ ފޮރުވުން ކަހަލަ ކަމެއް. އެއީ މުޅި މައްސަލަ އަށް ފަސް އަޅައި ފޮރުވާލުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާއަށް ދިޔަ ބައެއް މީހުން އިށީނދެލައިގެން.--- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާއަށް ދިޔަ ބައެއް މީހުން އިށީނދެލައިގެން.--- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއާ ގުޅޭ ގޮތުން ނުސީދާކޮށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ އެންމެ ގަބޫލުކުރާ ޑިމޮކްރެސީގެ ހަމަތައް ރާއްޖޭގައި ވެސް ހުދާއި ކަޅުން ލިޔެފައިވާ ކަމަށެވެ.

"މި ވާހަކަތައް ލިޔެފައި މި ކަންކަން މި ގޮތަށް ތަންފީޒު ކުރަން ބަޔަކު މަސައްކަތް ކުރީމާ އެ އިން އިސްތިސްނާއީ ހާލަތު ބޭނުންވާ ފަރާތްތަކުން މަސައްކަތްތަކެއް ކޮށްފައި، އެ މަސައްކަތްތަކަކީ ދެން ދިވެހިރާއްޖޭގައި ޑިމޮކްރެސީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެގެން ތަންތަނުގައި ވާހަކަ ދެއްކީމާ އެއީ އަދި ދިވެހިރާއްޖެ އަށް ކަމޭހިތައިގެން ދެއްކެވޭ ވާހަކަ އަކަށް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ "މިއުޅެނީ ދިވެހިރާއްޖޭގައި ޑިމޮކްރެސީ ނެތިގެން ދައްކަވާ ވާހަކައެއް ނޫން" ކަމަށެވެ. އަދި ޑިމޮކްރެސީ ރާއްޖޭގައި ފަނޑުވެގެން ހިނގައިދާނެތީ ހަމަ އެއްވެސް ފަރާތަކުން ބިރުން އުޅޭކަށް ނުޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމަށް ޚިދުމަތްތަކެއް ކުރެވިއްޖިއްޔާ ފެންނަން ވާނީ އުސް އިމާރާތްތަކާއި ތަނބުތަކާއި ހިޔާ ކުރެވޭ ފުރާޅުތަކެއް ވެސް ނޫން. މީހުންގެ ދިރިއުޅުމާއި މީހުންގެ ހާލަތަށް ރިއާޔަތްކޮށް އެ މީހުންގެ ހާލަތު ބަދަލުވެއްޖެތޯ، އެ ކުރާ އުއްމީދުތަކަށް އެއްވެސް ކަހަލަ ސޫރައެއް ގެނެސްދެވިއްޖެތޯ؟ އަދި އަޅުގަނޑުމެން ދެކޭ ހުވަފެންތައް އެއް ދުވަހުން އަނެއް ދުވަހަށް ރީތި ކުރެވޭތޯ އެ ހުވަފެންތަކަށް ސޫރަ ގެނެވޭތޯ ކުރާ ސުވާލު،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީ ފުރިހަމަ ކުރަން ކުރާ މަސައްކަތުގެ ތެރޭގައި އެންމެ ވަރުގަދަ އަސާސަކީ ހުރިހާ އެންމެންނަކީ ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބަޔަކަށް ވުން ކަމަށެވެ. ގާނޫނާއި ޝަރީއަތްތައް ހިންގަން އަދި މުއައްސަސާތަކުގެ އުސޫލްތައް ދަމަހައްޓަން ތިބޭ ހުރިހާ ބަޔަކަށް ލާޒިމް ކުރާ ކަމަކީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގާނޫނުގެ ހުކޫމަތު ގާނޫނުގެ ބާރު ދެމެހެއްޓުމެވެ.

"ގާނޫނުގެ ބާރު ދެމެހެއްޓުމަކީ ޑިމޮކްރެސީގެ އަސާސް. އެހެންވީމާ ގާނޫނުގެ ހުކޫމަތުގެ ބާރުތައް ދަމަހައްޓާ ކަމަށް ވަންޏާ އަޅުގަނޑު ކުރާ ސުވާލަކީ މިހާރު އިދިކޮޅު އެކިއެކި ބޭފުޅުން ދައްކަވާ ވާހަކައިގައި މީގެ ކޮން އަސާސެއް މުގުރާލެވިގެން ބާއޭ މިހާރުގެ ސަރުކާރުން މި އުޅެނީ؟ އެއްވެސް މީހަކު ޖަލަށް ދިޔައީ ހޯމް މިނިސްޓްރީން ކުރި އަމުރަކަށްތޯ؟ ފުލުސް އޮފީހުން އެއްވެސް މީހަކަށް ޗިޓް ދީފައި ޖަލަށް ފޮނުވީތޯ؟" ރައީސް ޔާމީން ވިދާޅުވި އެވެ.