Roadha Mihaaru
އެލެގްރީ ގޮސްފިނަމަ ޔުވެންޓަސް އިން ބޭނުންވަނީ ކްލޮޕް

އެލެގްރީ ގޮސްފިނަމަ ޔުވެންޓަސް އިން ބޭނުންވަނީ ކްލޮޕް

27 އެޕްރީލް 2018

ޓިއުރިން، އިޓަލީ (އޭޕްރީލް 27) - މި ސީޒަނަށް ފަހު ޔުވެންޓަސް ކޯޗުކަމުން މަސިމޯ އެލެގްރީ ވަކިވެއްޖެނަމަ އެ މަގާމަށް ޔުވެންޓަސްގެ ބޯޑުން ގެންނަން އެންމެ ބޭނުންވާ ކޯޗަކީ ލިވަޕޫލްގެ ޔާގެން ކްލޮޕް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން، އިޓަލީ (އޭޕްރީލް 27) - މި ސީޒަނަށް ފަހު ޔުވެންޓަސް ކޯޗުކަމުން މަސިމޯ އެލެގްރީ ވަކިވެއްޖެނަމަ އެ މަގާމަށް ޔުވެންޓަސްގެ ބޯޑުން ގެންނަން އެންމެ ބޭނުންވާ ކޯޗަކީ ލިވަޕޫލްގެ ޔާގެން ކްލޮޕް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެލެގްރީ ހޯދުމަށް ގިނަ ކްލަބްތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޗެލްސީ އާއި ޕީއެސްޖީ އަދި އާސެނަލް ހިމެނެ އެވެ. އެލެގްރީގެ މުސްތަގުބަލާ ގުޅޭގޮތުން ފަހަކަށް އައިސް ނޫސްވެރިން ކުރާ ސުވާލުތަކަށް ސީދާ ޖަވާބެއް ދޭން އޭނާ ވަނީ ދެކޮޅު ހަަދައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެލެގްރީ އަންނަ ސީޒަނުގައި ޔުވެންޓަސް ކޯޗެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ. އެލެގްރީ ގޮސްފިނަމަ އެ މަގާމަށް ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓެއް ޔުވެންޓަސްގެ ބޯޑުން އެކުލަވާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި އެ ލިސްޓުގައި ކްލޮޕް ހިމެނޭއިރު، މިދިޔަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޯމާ އަތުން 5-2 އިން ލިވަޕޫލް މޮޅުވި މެޗު ބަލަން ޔުވެންޓަސްގެ ބައެއް އޮފިޝަލުން އައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކްލޮޕް ދާދި ފަހުން ބުނީ ލިވަޕޫލަކީ އޭނާ ކޯޗުކޮށްދޭނެ އެންމެ ފަހު ކްލަބަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. އޭނާ މި ވަގުތު ލިވަޕޫލްގައި ހުރިީ ދިގު މުއްދަތުގެ އެއްބަސްވުމެއްގަ އެވެ. މި ސީޒަނުގައި ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ދައްކަމުން އަންނަ މޮޅު ކުޅުމަށް ގިނަ ބަޔެއްގެ ތައުރީފް ލިބެމުން އަންނައިރު، އޭނާ ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މިދިޔަ ހަފްތާގައި ލިވަޕޫލްގެ ވެރިންނާ މަޝްވަރާ ކޮށްފަ އެވެ.

އުމުރުން 50 އަހަރުގެ ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އަދި އެ ޓީމު މިހާރު އޮތް ހިސާބަށް ގެނައުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ފަރާތަކީ ކްލޮޕް އެވެ.