Roadha Mihaaru
އިޓަލީ ފޯވާޑް ކިއޭސާ ލިވަޕޫލަށް

އިޓަލީ ފޯވާޑް ކިއޭސާ ލިވަޕޫލަށް

29 އޯގަސްޓް 2024

ޔުވެންޓަސްގެ އިޓަލީ ފޯވާޑް ފެޑެރިކޯ ކިއޭސާ 12 މިލިއަން ޑޮލަރުގެ އަގަކަށް ގަތުމަށް ލިވަޕޫލް އިން އެއްބަސްވެއްޖެ އެވެ.

ޔުވެންޓަސްގެ އިޓަލީ ފޯވާޑް ފެޑެރިކޯ ކިއޭސާ 12 މިލިއަން ޑޮލަރުގެ އަގަކަށް ގަތުމަށް ލިވަޕޫލް އިން އެއްބަސްވެއްޖެ އެވެ.

އިޓަލީގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އަކީ ޔުވެންޓަސްގެ އާ ކޯޗު ތިއާގޯ މޮޓާގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ނޫނެވެ. އެހެންކަމުން މި ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ހިލޭ އެހެން ކްލަބަަކަށް ބަދަލުވެވެން އޮތުމުން ޔުވެންޓަސް އިން އޭނާ ކުޑަ އަގަކަށް ވިއްކާލަން ނިންމީ އެވެ.

ލިވަޕޫލުން އޭނާ ގަންނަނީ 12 މިލިއަން ޑޮލަރާއި، ބޯނަސްގެ ގޮތުގައި އިތުރު ތިން މިލިއަން ޑޮލަރަށެވެ. މިއީ އުމުރުން 26 އަހަރުގެ ކިއޭސާގެ ފެންވަރާ ބަލާއިރު ވަރަށް ކުޑަ އަގެކެވެ.

ޔުވެންޓަސް އިން 2020 ގައި ކިއޭސާ ގަތީ ފިއޮރެންޓީނާގައި ހުއްޓާ 43 މިލިއަން ޑޮލަރަށެވެ. އޭނާ ވަނީ ޔުވެންޓަސްގައި ކުރީކޮޅު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ޖެހިގެން އައި އަހަރު އޮތް ޔޫރޯ އިޓަލީ އަށް ކާމިޔާބުކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ.

ނަމަވެސް ކަކުލަށް ލިބުނު ސީރިއަސް އަނިޔާ އަށް ފަހު އެންމެ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އިޓަލީގެ ކުރީގެ ފޯވާޑް އެންރިކޯގެ ދަރިފުޅު ކިއެސާ ހޯދުމަށް ރޯމާ އާއި އޭސީ މިލާނުން ވެސް މަސައްކަތްކުރި އެވެ. ނަމަވެސް އޭނާގެ މުސާރަ ބޮޑުވުމުން އެ ކްލަބްތަކުން ހިޔާލު ބަދަލުވީ އެވެ.

އޭނާ ބާސެލޯނާ އަށް ބަދަލުވެދާނެ ކަމަށް ވެސް ބެލެވުނެވެ. ނަމަވެސް މަޝްވަރާތައް ނިމެން ކައިރިވެފައި ވަނިކޮށް ބާސެލޯނާ އަށް އެކަން ކާމިޔާބުނުކުރެވުނީ މާލީ މައްސަލަތަކެއް ދިމާވުމުންނެވެ.

ކިއެސާ ވެގެންދާނީ ލިވަޕޫލްގެ އާ ކޯޗު އާން ސްލޮޓް އެ ޓީމަށް ގެންނަ ދެ ވަނަ ކުޅުންތެރިޔާ އަށެވެ. ފުރަތަމަ ކުޅުންތެރިޔަކީ ޖޯޖިޔާ ގޯލްކީޕަރު ޖިއޯޖީ މަމަރްޑަޝްވިލީ އެވެ.

ބެލެވޭ ގޮތުގައި ލިވަޕޫލުން ކިއެސާ ގެނައީ މި ސީޒަނަށް ފަހު މުހައްމަދު ސަލާހު ޓީމު ދޫކޮށްލާނެތީއާ އެކު، މުސްތަގުބަލަށް ވިސްނައިފަ އެވެ. ކިއެސާ އަކީ އިޓަލީގެ މި ޖީލުގެ އެންމެ ޓެކްނިކަލީ ހުނަރުވެރި ކުޅުންތެރިޔާ އެވެ.