Roadha Mihaaru
"ޖެމްސްގެ ހިދުމަތް މެދުކަނޑާލިކަން ނުވެސް ދެނަހުރިން"

ޖެމްސްގެ ޚިދުމަތް މެދުކަނޑާލިކަން ނުވެސް ދެނަހުރިން: އުއްތަމަ ފަނޑިޔާރު

30 އެޕްރީލް 2018

ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލި ކަން އެނގިވަޑައި ނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލި ކަން އެނގިވަޑައި ނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން، ލިޔެކިޔުން ބަދަލު ކުރުމަށް ސަރުކާރުން ގާއިމު ކޮށްފައިވާ ނިޒާމް، ޖެމްސްގެ ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެމަނިކުފާނާ ދެކޮޅަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލައިފަ އެވެ.

ދައުލަތުން ދައުވާ އުފުލި ކަމުގައިވި ނަމަވެސް، މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.

އަދި މިއަދު ތިން ގަޑިއިރާއި 30 މިނިޓަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލާގައި ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ރައްދު ދީފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަނީ، ޖެމްސްގެ ޚިދުމަތް، މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ކޮއްޅަށް ތެދުވެ ހުންނަވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުން ބުނާ ފަދަ ކަމެއް ހިނގިނަމަ، ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރާއި ކޯޕަރޭޓިވް މެނޭޖްމަންޓަށް އެނގޭނެ ކަމަށެވެ. އެކަމަކު، އެއީ ހިނގި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މިއީ އިޖުރާއުތަކާ ޚިލާފަށް ދައުލަތުން ހުށަހަޅައިގެން އުޅޭ ދައުވާއެކެވެ. އަދި މިއީ އާބިޓްރެރީ ޝަރީއަތެއް ކަމަށް ވިދާޅުވެ، ޝަރީއަތް ހިނގަމުންދާ ގޮތާ މެދު އެމަނިކުފާނު ވަރަށް ބޮޑަށް ހިތްޕުޅުހަމަނުޖެހިވަޑައިގެން ހުންނަވައި، ގޮނޑިކޮޅުގައި އިށީނދެ ވަޑައިގަތެވެ.

"މިއީ އަޅުގަނޑު ނުވެސް ދެނަ ހުރި ކަމެއް. އަނެއްކާ ޓެކްނިކަލް މައްސަލަތަކެއް [އެ ދުވަހު] ނުވެސް އާދޭ،" ޖެމްސްގެ ޚިދުމަތް ހުއްޓުވުމަކަށް ގެނައި ކަމަށް ބުނާ މައްސަލަ އަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުން ދައުވާ ހުށަހަޅައިގެން އުޅެނީ އެއްވެސް މަގްސަދެއް އޮވެގެން ނޫން ކަމަށެވެ. އަދި ޖެމްސް ޚިދުމަތް ހުއްޓުވާނީ ކިހިނެއްތޯ އުއްތަމަ ފަނޑިޔާރު ސުވާލު އުފެއްދެވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުން، ދައުވާ އުފުލީ އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް އުފުލީ ހިޔާލީ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވި އެވެ.

"މިއީ ކުޅޭކުޅޭ ދައުވާތަކެއް،" ހުދު ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން އަދި ނޫ ޓައިއެއް އަޅުއްވައިގެން ހުންނެވި އުއްތަމަ ފަނޑިޔާރު ކޮޅަށް ތެދުވެ ހުންނަވައި ފަނޑިޔާރުގެ ސަމާލު ކަމަށް ގެންނެވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އެމަނިކުފާނު ގިނަ ވަގުތު ސުޕްރީމް ކޯޓުގައި ހޭދަކުރައްވާފައި ނުވާނެ ކަމަށެވެ. އެ ކޯޓަށް އެ ދުވަހު ވަޑައިގަތީ ވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅި ކަމަކާ ގުޅިގެން ޖަވާބުދާރީވުމުގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށް ޖަވާބުދާރީވުމުގެ ގޮތުން ޝަރީއަތުގެ މަޖިލީހެއް އެ ދުވަހު ބޭއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވަނީ މިހާރަކަށް އައިސް ޝަރީއަތްތައް ހިންގާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ފްރޭމް ކުރުމުގެ ބޭނުމުގަ އާއި ޖިނާއީ އަދުލުގެ ނިޒާމުގެ އަގު ވައްޓާލުމުގެ ގޮތުން ގިނަ ދައުވާތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކިތައް ހުށަހަޅައިފަ އެވެ. ދިފާއީ ވަކީލުންނަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ އަންނަ ބުދަ ދުވަހުގެ 12 ޖެހުމުގެ ކުރިންނެވެ. އަދި ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ ވަކީލުންގެ ހެކި ބަސް ނެގުމެވެ. އެ އަޑުއެހުން އޮންނަ ތާރީޚެއް ފަހުން ދެ ފަރާތަށް އަންގަވާނެ ކަމަށް ފަނޑިޔާރު އިބްރާހިމް އަލީ ވަނީ ވިދާޅުވެފަ އެވެ.