Roadha Mihaaru
ކުށްވެރިއަކަށް ނުހެދޭނެ، ކޯޓަށް ވަނީ ވަގަކަށް ނޫން

ކުށްވެރިއަކަށް ނުހެދޭނެ، ކޯޓަށް ވަނީ ވަގަކަށް ނޫން: އުއްތަމަ ފަނޑިޔާރު

07 މެއި 2018

ސުޕްރީމް ކޯޓަށް ވަޑައިގަތީ "ވަގަށް" ނޫން ކަމަށާއި އެމަނިކުފާނު "ކުށްވެރިއަކަށް ނުހެދޭނެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓަށް ވަޑައިގަތީ "ވަގަށް" ނޫން ކަމަށާއި އެމަނިކުފާނު "ކުށްވެރިއަކަށް ނުހެދޭނެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ޚިދުމަތް މިދިޔަ ފެބްރުއަރީ 4 އަދި 5ގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލި، ދައުލަތުގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ދައުވާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ފަހު އަޑުއެހުމުގައި ކޮޅަށް ތެދުވެ ވަޑައިގެން ހުންނަވައި، ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާރު ރާއްޖޭގައި ހިނގަމުން ދަނީ ވަރަށް ނުރައްކާތެރި، ހުޟޫރަތްތެރި ކަންތައްތަކެއް ކަމަށެވެ. މިއީ ގާނޫނުއަސާސީ ބަލިކޮށްލަން ކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދައްކަވަމުން ގެންދެވިއިރު، ކޮންމެވެސް ވަރަކަށް ދިޔައީ ތުރުތުރު އަޅަމުންނެވެ. އަދި ވާހަކަފުޅު ނިންމަވާލާފައި އިށީނދެވަޑައިގެންނެވިއިރު، ވަރަށް ބޮޑަށް ނުތަނަވަސްވެފައި ހުންނެވި މަންޒަރު މޫނުފުޅުން ފެނުނެވެ. އެމަނިކުފާނު ޝަރީއަތުގެ މަޖިލީހުގައި އިންނެވިއިރު، ދޭތެރެ ދޭތެރެއިން ދިފާއީ ވަކީލް ހިސާން ހުސެއިނާ ވާހަކަ ދައްކަވަ އެވެ. އަދި ދައުލަތުގެ ދެ ވަކީލުންނާ ދިމާލަށް ވެސް ބައްލަވަ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ދައުލަތުން "ސ. މީދޫ، އަލިވާގޭ އަބްދުﷲ ސައީދު" އާ ދެކޮޅަށް ދައުވާ ކުރައްވާއިރު، އެމަނިކުފާނު ކުރެއްވި ކަމެއް ނޯންނާނެ އެވެ. އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ކަމަށް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ރަށާއި އުޅޭ އެޑްރެސް ޝަރީއަތުގައި ވިދާޅުވީ ދައުލަތުގެ ވަކީލުން "އުއްތަމަ ފަނޑިޔާރު" މި ބަސް ބޭނުން ނުކުރައްވާ ހަމައެކަނި ނަމުން މުހާތަބް ކުރައްވާތީ ކަމަށް ބެލެވެ އެވެ. އަދި އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގައި އެއްވެސް ކަމެއް ހިނގައިފި ނަމަ، އެ ކޯޓުން އެކަމެއް ބަލާނެ ކަމަށެވެ. އަދި ކޮންމެ ފަނޑިޔާރަކު ކަމެއް ކުރެއްވި ނަމަވެސް އެ މައްސަލައެއް ބަލާނީ ސުޕްރީމް ކޯޓުން ކަމަށާއި އެ ކޯޓުން އަމަލުކުރަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަބްދުﷲ ސައީދު ހުންނެވީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްތުން. އަޅުގަނޑު ކުށްވެރިއަކަށް ނުހެދޭނެ. ސުޕްރީމް ކޯޓަށް ވަނީކީ ވަގަކަށް ނޫން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ހުންނެވި އެންމެ އިސް ބޭފުޅަކީ ވެސް އުއްތަމަ ފަނޑިޔާރުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއްގައި އުއްތަމަ ފަނޑިޔާރަކީ ވެސް މުހިންމު ފަރާތެއްކަން ދޭހަވާ ގޮތަށް އެމަނިކުފާނުގެ ވާހަކަފުޅު ބިނާ ކުރައްވައި ނިންމަވާލެއްވި އެވެ.

"ގާނޫނުއަސާސީ ޑްރާފްޓް ކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކަކު އަޅުގަނޑަކީ... އެ ގާނޫނުއަސާސީގެ ދަށުން (ސުޕްރީމް ކޯޓުން) ކަންކަން ކުރަމުން ދަނީ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ޖެމްސްގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ކަމެއް ހިނގިނަމަ، ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރާއި ކޯޕަރޭޓިވް މެނޭޖްމަންޓަށް އެނގޭނެ ކަމަށް އުއްތަމަ ފަނޑިޔާރު މީގެ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ޖެމްސްގެ ޚިދުމަތް މެދުކަނޑާލަން އެންގެވި ކަމަށް ބުނާ ވާހަކަތައް އެމަނިކުފާނު ދޮގުކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ދައުލަތުން، އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރެއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އުއްތަމަ ފަނޑިޔާރާ އަޅާބަލާއިރު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަކީ މާ ކުޑަކުޑަ ބައެއް ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ހިތްޕުޅުހަމަނުޖެހިވަޑައިގެން ހުންނަވައި، ގޮނޑިކޮޅުގައި އިށީނދެ ވަޑައިގަތެވެ.

ޝަރީއަތުގެ މަޖިލިސް ނިމުމާ އެކު، ކޯޓު ރޫމުން ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ވަނީ އަޑުއަހަން ތިބި މީހުންނަށް އިޝާރާތް ކުރައްވައި، މިއީ ޖަވާބުދާރީވާން ޖެހޭނެ މައްސަލައެއް ވެސް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަވާބުދާރީވެވަޑައިގަތީ ގައުމަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.