Roadha Mihaaru
ނޫސްވެރިންނަށް އޮތް ގޮންޖެހުމަކީ ސަރުކާރު: އަމީތު

ނޫސްވެރިންނަށް އޮތް ގޮންޖެހުމަކީ ސަރުކާރު: އަމީތު

04 މެއި 2018

ރާއްޖޭގައި ނޫސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ނޫސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މަސައްކަތްތެރިން ބައިނަލްއަގްވާމީ ދުވަސް ނުވަތަ މޭ ޑޭގެ މުނާސަބަތުގައި އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އަމީތު ވިދާޅުވީ އެހެން ގައުމުތަކުގެ ނޫސްވެރިން ޖެހިލުން ވާން ޖެހެނީ މީހުން މަރާ މީހުން ފަދަ ބޮޑެތި ކުށްވެރިންގެ ވާހަކަތައް ރިޕޯޓް ކުރަން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ނޫސްވެރިންނަށް އޮތް ބިރަކީ ސިޔާސީ ވާހަކަތަކާއި ރައީސް ޔާމީނާ ދެކޮޅު ވާހަކަތައް ގެނެސްދިނުން ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ކުރީގެ މެމްބަރު އަމީތު ވިދާޅުވި އެވެ.

"ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތީ އަފްޣާނިސްތާނާއި އެފްރިކާގެ ފަގީރު ގައުމުތައް އޮތް ހާލަތުގައި. ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއަދުގެ ސަރުކާރު،" މިއަދު ފާހަގަކުރާ މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް އަލިއަޅުވާލައްވަމުން، ކުރީގެ ދިޓީވީގެ ޕްރެޒެންޓަރު އަމީތު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި، އެކަމަކު ފަހުން އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީން ވަކިވެވަޑައިގެންނެވި އަމީތު ވިދާޅުވީ، އޭނާއާ ރައީސް ޔާމީނާ ހިޔާލު ތަފާތުވުން އުފެދުނީ އަބުރުގެ ގާނޫނު ސަރުކާރުން ފާސްކުރަން އުޅުމުން ކަމަށެވެ.

"ޕީޕީއެމްގެ ވައިބާ ގުރޫޕްގައި އަޅުގަޑު ލިޔުނިން އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަން ނެތި ދިއުން ކަމަށް. އަބުރުގެ ބިލާ ދެކޮޅު ހެދިން،" އަބުރުގެ ބިލް ފާސްކުރަން ވޯޓު ނުދެއްވާ ޕީޕީއެމް މެމްބަރުންގެ ތެރޭގައި އޭރު ހިމެނޭ އަމީތު ވިދާޅުވި އެވެ.

އަބުރުގެ ގާނޫނުގެ ނަމުގައި މީޑިއާ ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރެވޭ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ސަރުކާރާ ދެކޮޅު ޚަބަރު ގެނެސްދޭ މީޑިއާއާ ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް ރާއްޖެ ޓީވީ ތިން ފަހަރަށް ޖޫރިމަނާ ކޮށްފައިވާއިރު ވީޓީވީ އާއި ސަންގު ޓީވީ ވެސް ވަނީ ބޮޑެތި އަދަދުތަކަކުން ޖޫރިމަނާ ކޮށްފަ އެވެ.

އަމީތު ވިދާޅުވި ގޮތުގައި، އަބުރުގެ ބިލާ އޭނާ ދެކޮޅު ހެދުމުން ރައީސް ޔާމީން ގުޅުއްވައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވި ކަމަށެވެ. އެ ބިލަކީ މީޑިއާގެ މިނިވަން ކަމަށް އޮތް ހުރަހެއް ކަމަށް ރައީސް ޔާމީނަށް އޭރު ދެންނެވި ކަމަށް އަމީތު ވިދާޅުވި އެވެ. އެކަމަކު ޖަވާބެއްގެ ގޮތުން ރައީސް ޔާމީން ސުވާލު ކުރެއްވީ ދިޓީވީން އެމަނިކުފާނުގެ އަބުރަށް އަރައިގަންނައިރު، އޭގެ އަގު ކޮބައިތޯ ކަމަށް އަމީތު ވިދާޅުވި އެވެ.

"ޔާމީނަށް ހަޖަމް ނުވެގެން އެ ބިލް [އަބުރުގެ ބިލް] ފާސްކުރީ. އެ ބިލަކީ މީޑިއާ އަށް އޮތް ބޮޑު މުސީބާތެއް،" އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަބުރުގެ ގާނޫނު ޖެހޭނީ އުވާލާށެވެ.

މި މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަށް އަލިއަޅުވާލައްވައި އަމީތު ވިދާޅުވީ 2015 ވަނަ އަަހަރުގެ މޭ ޑޭ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލީ ސަރުކާރުން ރައްޔިތުންނަށްވި ވައުދުތަކަށް ހިޔާނާތްތެރި ވުމުން ކަމަށެވެ.

ނަމަވެސް އެ އަޑު ނާއްސަވައި ރައީސް ޔާމީން އިސްކުރެއްވީ އަނިޔާވެރިކަން ކަމަށް އަމީތު ވިދާޅުވި އެވެ.

މީގެ ތިން އަހަރު ކުރިން، ބޭއްވި މޭ ޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކައަކާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ވަނީ 12 އަހަރަށް ޖަލަށް ލައިފަ އެވެ. އޭގެ އިތުރުން ވެސް މޭ ޑޭގެ މުޒާހަރާގައި ބައިވެރިވި ބައެއް މީހުންނަށް ވަނީ ހުކުމް ކޮށްފަ އެވެ.

އަމީތު ވިދާޅުވީ 2015 ގެ މޭ ޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ކުރާނެ ކަމަށެވެ.