Roadha Mihaaru
ފާޑުކިޔުމަށް އިބޫގެ ސަރުކާރުން މަރުހަބާ ކިޔާނެ: ޝާހިދު

ފާޑުކިޔުންތަކަށް އިބޫގެ ސަރުކާރުން މަރުހަބާ ކިޔާނެ: ޝާހިދު

14 ނޮވެމްބަރ 2018

އަންނަ ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާ، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަކީ ފާޑުކިޔުމަށް މަރުހަބާ ކިޔާނެ އެ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ ހޮނިހިރު ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާ، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަކީ ފާޑުކިޔުމަށް މަރުހަބާ ކިޔާނެ އެ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު މިހެން ވިދާޅުވީ އަބުރު ރައްކާތެރިކުރުމުގެ ނަމުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މީގެ ދެ އަހަރު ކުރިން ހެދި ގާނޫނު އުވާލުމަށް ޝާހިދު ހުށަހެޅުއްވި ގޮތަށް މިއަދު މަޖިލީހުން ފާސްކުރުމަށް ފަހުގަ އެވެ.

މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެ ގާނޫނު އުވާލުމަކީ އިބޫގެ ސަރުކާރުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދިނުމުގެ ފެށުން ކަމަށެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އާ ސަރުކާރުން ޔަގީން ކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެމަނިކުފާނުގެ މެނިފެސްޓޯގެ އެންމެ އިސްކަމެއް ދޭނެ ކަންތައް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގެ އިމުގެ ތެރެއިން އެ އޮތް މިންވަރަށް ރައްޔިތުންނަަށް ފުރިހަމައަށް ދޫކޮށްލެއްވުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ސިފަކުރެއްވި ގޮތުގައި، އަބުރުގެ ގާނޫނު އުވާލަން މަޖިލީހުން މިއަދު ފާސް ކުރުމުން އެއީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކެއް ގެއްލުވާލާފައި ވަނިކޮށް އަލުން އަނބުރާ ހޯދައިދިނުމެވެ. އެކަމުގެ ސަބަބުން ދިވެހި ނޫސްވެރިންނާއި ރައްޔިތުންނަށް މިނިވަންކަން ހޯދައިދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ކަރުގައި. ނޫސްވެރިންގެ ކަރުގައި. މީޑިއާގައި މަސައްކަތް ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ ކަރުފުޅުގައި އަޅުވާފައިވާ ބުރަ ހިލިހިލާތަކެއް ބުރިކޮށްލުމުގެ މަސައްކަތްތަކެއް މިކުރެވުނީ،"

އަބުރު ގާނޫނުން މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ރާއްޖެ ޓީވީ ފަސް ފަހަރަށް ޖޫރިމަނާކުރި އެވެ. މިހާތަނަށް އެ ތަނުން ދެއްކި ޖޫރިމަނާގެ އަދަދު 3.7 މިލިއަން ރުފިޔާ އަށް އަރަ އެވެ.

މީޑިއާތަކުން ދެކޮޅުހަދަމުން ދަނިކޮށް، އަދި ބިލް ރަނގަޅުކުރަން ގިނަ ހިޔާލުތަކެއް ދީފައި ވަނިކޮށް، އެއިން އެއްވެސް ކަމަކާ މެދު ވިސްނުމެއް އަދި ބަދަލު ކުރުމެއް ވެސް ނެތި، ރައީސް ޔާމީން އެންގެވި ގޮތަށް ޕީޕީއެމުން އަބުރުގެ ގާނޫނު ފާސްކުރީ އޮގަސްޓް 8، 2016 ގަ އެވެ.