23 ޖުލައި 2016
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް އަވަސް އަރުވާލައިގެން ފާސްކުރަން ނިންމާފައި ނުވާނެ ކަމަށާއި އެކަމަކު އެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ،
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް އަވަސް އަރުވާލައިގެން ފާސްކުރަން ނިންމާފައި ނުވާނެ ކަމަށާއި އެކަމަކު އެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ،
ވެރިކަންކުރާ މައި ޕާޓީގެ ޕީޖީ ގުރޫޕުގެ ދެވަނަ އަށް އެންމެ އިސް ލީޑަރު "މިހާރު" އަށް މިހެން ވިދާޅުވިއިރު، އަބުރުގެ ބިލުގެ ބަހުސް އަންނަ ހޯމަ ދުވަހު ނިންމައި ހަމަ އެ ދުވަހު ކޮމެޓީ އަށް ފޮނުވަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވައިބަ ގުރޫޕުގައި ދެއްކެވި ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއް ވަނީ އާންމުވެފަ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާގައި ރިޔާޒް ވިދާޅުވެފައި ވަނީ ކޮމެޓީން ވެސް ހޯމަ ދުވަހު ބިލް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.
މި މައްސަލާގައި "މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން ރިޔާޒް ފާހަގަ ކުރެއްވި ގޮތުގައި ވައިބަ ގުރޫޕުގައި އެގޮތަށް ވިދާޅުވީ އެހެން މެމްބަރުންތަކެއް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އަދި ސްކްރީން ޝޮޓްތަކުގެ އެއްބައި ލީކްވުމުން، ކުރިން ދެއްކެވި ވާހަކަތައް އާންމުންނަށް ނޭނގޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ހޯމަދުވަހު ބިލް ކޮމިޓީއަށް ފޮނުވަން ނިންމި ކަމަށް އަޅުގަނޑު [ވައިބަ ގުރޫޕުގައި] ބުނީ ކޮންމެހެން އެ ދުވަހު އެކަން ކުރާކަށް ނޫން. އެކަމަކު ނުކުންނާނީ އެއް ނަތީޖާއަކަށް ވުމުން އެހެން ބުނީ. އެއީ ބިލްގެ ބަހުސް އަވަހަށް ބޭއްވިޔަސް، ލަސްކުރިޔަސް އެ ފާސްކުރަން އަޅުގަނޑުމެންގެ މެމްބަރުން އެ ތިބީ. އެހެންވީމާ ބިލްގެ މަސައްކަތް ލަސްކުރިޔަސް، ނުކުރިޔަސް ނުކުންނާނީ އެއް ނަތީޖާއެއް. އެހެންވެ އަޅުގަނޑު ބުނީ ހޯމަދުވަހު ހިނގާށޭ ބިލް އަވަހަށް ފާސްކުރަން،" ރިޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ހޯމަދުވަހު މަޖިލިހުގެ ޖަލްސާއެއް ބޭއްވުމާ މެދު ރިޔާސަތުން ގޮތެއް ނުނިންމާ ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ވިދާޅުވޭ - ފޮޓޯ: މަޖިލިސް
އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، މި ހަފުތާގައި ބޮޑު ބަންދެއް ލިބޭއިރު، މަޖިލިހުގެ ޖަލްސާ ބާއްވަން ލިބެނީ ހޯމަ ދުވަސް އެކަންޏެވެ. އެކަމަކު އެ ދުވަހު ޖަލްސާ ބޭއްވުމާ މެދު މަޖިލިހުގެ ރިޔާސަތުން އަދި ގޮތެއް ނުނިންމާކަން ރިޔާޒް ފާހަގަ ކުރެއްވި އެވެ.
"މި ބިލް [އަބުރުގެ ބިލް] ވެސް އަޅުގަނޑުމެން މަޖިލިހުގައި ކުރިއަށް ގެންދާނީ އެހެން ބިލްތައް ވެސް ކުރިއަށް ގެންދާ ގޮތަށް. މަޖިލިހުގެ ތަޅުމުގައި ބަހުސްކޮށް، ކޮމިޓީ މަރުހަލާ ބާއްވާނެ. ކޮމިޓީ މަރުހަލާ އަށް އާންމުކޮށް ދޭ ވަގުތު ދޭނެ. ކޮމިޓީ އަށް ހާޒިރުކުރަން ޖެހޭ ބަޔަކު ހާޒިރުކޮށް، ބިލާ ގުޅޭ ގޮތުން މައުލޫމާތު ވެސް ސާފުކުރާނެ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނޫޅެން އެއްގޮތަަކަށް ވެސް އަވަސް އަރުވާލައިގެން ބިލް ފާސްކުރާކަން. އެ ވިސްނުމެއް ޕީޕީއެމް ޕީޖީ ގުރޫޕަކު ނެތް. އެގޮތަށް ނިންމައި އަދި މަޝްވަރާއެއް ވެސް ނުކުރަން. އެކަމަކު މި ބިލް މިގޮތަށް ފާސްކުރުމުގެ ވިސްނުން ހުރީ. އެގޮތަށް ފާސްކުރާނެ،" ރިޔާޒް ވިދާޅުވި އެވެ.
މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޖަލްސާއެއް ދެން ބާއްވާނީ އަންނަ މަހުގަ އެވެ. އެކަމަކު މިކަމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށްވެ އެވެ.
އަބުރުގެ ބިލްގެ މަސައްކަތް ހޯމަދުވަހު ނިންމާނެ ކަމުގެ އިޝާރާތެއް ޕީޕީއެމްގެ ބައެއް މެމްބަރުން ދެއްވުމުން، އެކަމާ މެދު މީޑިއާތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީޑިއާތަކުން ދެކޭ ގޮތުގައި މި ބިލް އޮތް ގޮތަށް ފާސްކޮށްފި ނަމަ، ނޫސްވެރިކަން މަރުވާނެ އެވެ.
އަބުރުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގައި މިއަދު މަޝްވަރާ ކުރަނީ.---ފޮޓޯ: މީޑިއާ ކައުންސިލް
މިކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހާއްސަ ކޮމިޓީގެ ބައްދަލުވުމެއް ވެސް މިއަދު ހަވީރު ވަނީ ބާއްވައިފަ އެވެ. އަދި އެ ބައްދަލުވުމާ ގުޅޭ ނިއުސް ކޮންފަރެންސެއް މާދަމާ ބާއްވަން މީޑިއާ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
ޕީޕީއެމްގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ: ނިހާން ހުށަހެޅުއްވި އަބުރުގެ ބިލް އަނބުރާ ގެންގޮސް އެހެން މެމްބަރަކު ހުށަހެޅުއްވި ބިލްގައި ހުރި ކަންބޮޑުވުންތައް މާ ބޮޑު.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އަބުރުގެ ބިލް މަޖިލިހަށް ފުރަތަމަ ފޮނުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނެވެ. އެ ފަހަރު މީޑިއާ ކައުންސިލާއި މީޑިއާތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ނިހާން ވިދާޅުވެފައި ވަނީ، ބިލް ފާސްކުރުމުގެ ކުރިން މީޑިއާތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މީޑިއާ ކައުންސިލުން އިސްވެ ހުށަހެޅި އިސްލާހުތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދުގެ ނަމުގައި އަބުރުގެ އާ ބިލެއް ހުށަހެޅުއްވިއިރު އެއިން ކަމަށް ރިޔާއަތް ނުކުރައްވަ އެވެ.
މިހާރު ހުށަހަޅާފައި އޮތް އަބުރުގެ ބިލްގައި ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އިސްލާހުކޮށްފައި ފޮނުވި ބިލުގައި ވެސް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް ކުޑައެއް ނޫނެވެ. އަދި މި ބިލް ފާސްކޮށްފި ނަމަ، މިނިވަން ނޫސްވެރިކަން ވަޅުޖެހި މަރުވާނެ ކަމަށް، މީޑިއާތަކުން ބުނެ އެވެ. އަބުރުގެ އާ ބިލުގައި ވެސް އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ ހޯމް މިނިސްޓްރީއަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ. އަދި ވަކި ހަބަރުތަކެއް މީޑިއާތަކުން ރިޕޯޓް ނުކުރެވޭނެ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލުފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް
އަބުރުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ކޮމެޓީއަށް
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
ހަރުކަށި ނުވެ މަޝްވަރާ އަށް އާދޭ: މީޑިއާ ކައުންސިލް
ބޭކާރު ކަންބޮޑުވުންތަކެއް، ބިލް އަނބުރާ ނުގެންނާނަން
އާދޭސް ކުރީމަ ވެސް ކަންތައް ވީ މާ ގޯސްކޮށް!
ނޫސްވެރިކަމަށް ހުރަސްއެޅޭ ބިލް ހޯމަދުވަހު ފާސްކުރަނީ
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މީޑިއާ ކޮމިޝަންގެ ހިޔާލާ މެދު މީޑިއާތަކުން ކަންބޮޑުވޭ