Roadha Mihaaru
އާދޭސް ކުރީމަ ވެސް ކަންތައް ވީ މާ ގޯސްކޮށް!

އާދޭސް ކުރީމަ ވެސް ކަންތައް ވީ މާ ގޯސްކޮށް!

24 ޖުލައި 2016

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ރައްޔިތުންގެ މަޖިލިހަށް ފުރަތަމަ ފޮނުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބޭއްވި ބައްދަލުވުމުގައި އެއް ކަމެއްގެ ޔަގީންކަން އޭނާ ދެއްވި އެވެ. އެއީ އެ ކައުންސިލާއި މީޑިއާތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން، އެ ފަރާތްތަކާ މަޝްވަރާ ކުރުމެއް ނެތި އާ ބިލެއް ނުވަތަ އޭރު އޮތް ބިލް މަޖިލިހުން ފާސްނުކުރާނެ ކަމެވެ. މަޖިލިހުގައި ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާ ކައުންސިލްގެ މެމްބަރުން ނުކުމެވަޑައިގެން ނިހާނާ އެކު ނޫސްވެރިންނާ ބައްދަލުކޮށް، ލިބުނު ކުރިއެރުން ހާމަކުރީ ވަރަށް އުންމީދާ އެކުގަ އެވެ. އިތުރަށް ގޯސް ނުވާނެ ކަމުގެ އުންމީދާއެކުގަ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ނަމަވެސް ނިހާންގެ ބިލް އަނބުރާ ގެންދަވައި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު އަލުން ހުށަހެޅުއްވި ބިލާ އެކު، ނިހާން އަދި ސަރުކާރުން ދިން އުންމީދުގެ ހުޅުކޮޅު ނިވިއްޖެ އެވެ. ނޫސްވެރިން ދެކޭ ގޮތުގައި ނިހާން ހުށަހެޅުއްވި ބިލަށް ވުރެ އާ ބިލް ގޯހެވެ. އޭރުގެ ކަންބޮޑުވުންތަކަށް ހައްލެއް ނެތެވެ. އަބުރާ ބެހިގެން ކުރާ ޖޫރިމަނާގެ އަދަދު ކުޑަކުރި ނަމަވެސް އެހެން ކަންކަން، މީޑިއާ ކައުންސިލުން އެކުލަވާލި ހާއްސަ ކޮމިޓީގެ ހުށަހެޅުންތަކާ ގާތް ވެސް ނުކުރި އެވެ. ކުރުކޮށް ދަންނަވާ ނަމަ، މީޑިއާ ކައުންސިލާއި މީޑިއާތަކުން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާއި ރައްޔިތުންގެ މަޖިލިހަށް އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕަށް ފޮނުވި އިސްލާހުތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައެއް ނެތެވެ.

އަބުރާ ބެހުމުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ މެމްބަރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާންއާ ބައްދަލުކުރައްވަނީ: ނިހާން އޭރު މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަރިހުގައި ވިދާޅުވި ވާހަކަތަކުގެ އިތުބާރެއް ނެތް.---ފޮޓޯ: މީޑިއާ ކައުންސިލް

މީގެ އިތުރުން އެންމެ ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަން ހުރަސްއެޅޭ ގޮތަށް އަބުރުގެ ބިލް ފާސްނުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މީޑިއާ ކައުންސިލުން ބައްދަލުކުރި ސަރުކާރުގެ އިސްބޭފުޅުން ދެއްވި ނަމަވެސް، އެއާ ހިލާފަށް ހުރިހާ ކަމެއް ގެންދަން މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުން އެއްބަސް ކިޔައިގެން ތިބި ކަމެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުގެ ލީކުވި މެސެޖްތަކުން ސާފުވަނީ އަބުރުގެ ބިލްގެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމާލަން މެމްބަރުން ބޭނުންވެފައި ތިބި މިންވަރެވެ. ބަހުސްގެ މަރުހަލާ ނިންމާ ދުވަހު، ބިލްގެ މަސައްކަތް ކޮމިޓީން ވެސް ނިންމާލަން ރާވާފައިވާކަން އެ މެސެޖުތަކުން އެނގެ އެވެ.

މިކަމަށް އެންމެ ބޮޑަށް ވަކަލާތު ކުރައްވާ ވިލުފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވާ ގޮތުން ނަމަ، ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭނުމެވެ. މިހާރު ފުރަތަމަ ކިޔުން އިއްވައި މަޖިލިހުގެ ތަޅުމުގައި ބަހުސް ފަށަން ތައްޔާރު ވެފައި އޮތް އަބުރުގެ ބިލްގެ މަސައްކަތް ލަސްކުރިޔަސް ނުކުރިޔަސް ނުކުންނާނީ އެއް ނަތީޖާއެއް ކަމަށް ރިޔާޒް ވަރަށް ޔަގީންކަމާ އެކު "މިހާރު" އަށް ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އަބުރުގެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރައްވަން ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭނުންވާ ކަމަށް ވިދާޅުވި.--- ފޮޓޯ: މަޖިލިސް

"ބިލްގެ ބަހުސް އަވަހަށް ބޭއްވިޔަސް، ލަސްކުރިޔަސް އެ ފާސްކުރަން އަޅުގަނޑުމެންގެ މެމްބަރުން އެ ތިބީ. އެހެންވީމާ ބިލްގެ މަސައްކަތް ލަސްކުރިޔަސް، ނުކުރިޔަސް ނުކުންނާނީ އެއް ނަތީޖާއެއް،" ރިޔާޒް އިއްޔެ ވިދާޅުވި އެވެ.

މައްސަލައަކީ މިއެވެ؛ ނިހާން ކުރިން ހުށަހެޅުއްވި އަބުރުގެ ބިލަށް ފަހު މީޑިއާ ކައުންސިލާއި މީޑިއާތަކަށް ސަރުކާރު އަދި ނިހާން ދެއްވި ޔަގީން ކަމަށް އިހުތިރާމް ނުކުރެއްވުމެވެ. އެ އިތުބާރު މިހާރު ވަނީ ގެއްލުވާލައިފަ އެވެ. އަބުރާ ބެހިއްޖެ ނަމަ ޖިނާއީ ދައުވާ ނުކުރެވޭ ގޮތަށް ބިލް ޑިޒައިން ކުރުމަށް މީޑިއާ ކައުންސިލުން ދިން ލަފާ ތާކުންތާކު ނުޖެހުނެވެ. އަބުރާ ބެހުމުގެ ސަބަބުން ލިބޭ މާނަވީ ގެއްލުމުގެ ބަަދަލުގެ ގޮތުގައި ނަަގައިދޭ މިންވަރު އެވްރެޖް ސިވިލް ސާވަންޓެއްގެ އަހަރު ދުވަހުގެ މުސާރަ އަށް ވުރެ ބޮޑުނުވާ ގޮތަށް ކަނޑައެޅުމަށް މީޑިއާ ކައުންސިލުން ހުށަހެޅި ނަމަވެސް އެކަމަށް ރިއާޔަތެއް ނުކުރެ އެވެ. ވައްބަހުންނާއި އިޝާރާތުން އަބުރާ ބެހޭ ކަމަށް ބުނާ ބައިތައް ބިލުން އުނިކުރަން ހުށަހެޅިޔަސް އާ ބިލުގައި އެބައި ވެސް އެބައޮތެވެ. މިކހަަލަ ކިތަންމެ ކަމެއް އެބަހުއްޓެވެ.

އަބުރުގެ އާ ބިލް މަޖިލިހަށް ހުށަހެޅިއިރު ވެސް، މީޑިއާތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ނައި މައްސަލާގައި މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އޭނާ ވިދާޅުވީ ނިހާނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް މީޑިއާ ކައުންސިލުން ދިން ކުޑަކުޑަ އުންމީދު ވެސް އަޅާ ނުލި ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ރިޔާސަތު، އެ ކައުންސިލްގެ ރައީސް އާސިފް ބަލަހައްޓަވަނީ: ނިހާން ކުރިން ހުށަހެޅުއްވި އަބުރުގެ ބިލަށް މީޑިއާ ކައުންސިލާއި މީޑިއާތަކުން ހުށަހެޅި އިސްލާހުތަކަށް، ރިއާޔަތް ނުކުރުމުން ކަންބޮޑުވާ ކަމަށް އާސިފް ވިދާޅުވޭ.

"އަޅުގަނޑު ބުނާނީ އަދިވެސް ހިނގާށޭ މަޝްވަރާކޮށް މިކަމުގައި ހައްލެއް ހޯދަން. އަދިވެސް މީޑިއާ ކައުންސިލުން ބޭނުންވޭ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްގެން، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެވޭނެ ގޮތެއް ހޯދަން. މަޝްވަރާގެ މޭޒު ހުޅުވައި ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އާސިފް ވިދާޅުވި އެވެ.

"އަބުރުގެ ބިލަށް މީޑިއާ ކައުންސިލާއި މީޑިއާތައް ގުޅިގެން ކުރިން ހުށަހެޅި އިސްލާހުތަކާ އެކު ބިލް ފާސްވެ، ނޫސްވެރިން މިހާރަށް ވުރެ ޒިންމާދާރު ކުރުވުމަކީ އަޅުގަނޑުމެން ކުރި އުންމީދެއް. އަދިވެސް އެ އިސްލާހުތައް ގެންނަން އަޅުގަނޑުމެން ހުށަހަޅަން."

ރިޔާޒް ފާހަގަ ކުރެއްވި ގޮތުގައި ބިލްގެ މަސައްކަތް މަޖިލިހުގައި ކުރިއަށް ގެންދާނީ އަވަސް އެރުވުމެއް ނެތި، އެހެން ބިލްތަކަށް ވެސް ދޭ ވަގުތު ދީގެންނެވެ. މަޖިލިހުގެ ތަޅުމުގައި ބަހުސްގެ މަރުހަލާ ނިމުމުން، ކަމާ ގުޅޭ ކޮމިޓީއަށް ބިލް ފޮނުވައި، އެ ބިލާ ގުޅޭ މުއައްސަސާތަކުގެ ބޭފުޅުން ހާޒިރުކޮށް މަޝްވަރާ ވެސް އެ ކޮމިޓީން ހޯދާނެ އެވެ. ނަމަވެސް އެންމެ ހެއްވާ ކަމަކީ ރިޔާޒް ވިދާޅުވާ ގޮތުން ނަމަ، ބިލް އޮތް ގޮތަށް މަޖިލިހުން ފާސްކުރަން މެމްބަރުން ނިންމަވައިގެން ތިއްބެވުމެވެ. ކަމާ ގުޅޭ މުއައްސަސާތަކުގެ އިސްބޭފުޅުން ކޮމިޓީ އަށް ހާޒިރުކޮށް، އަބުރުގެ ބިލަށް މަތިމައްޗަށް އިސްލާހު ހުށަހެޅިޔަސް އާހިރު ނަތީޖާ އަކީ މިހާރު އޮތް ގޮތަށް ބިލް ފާސްވުން ކަމަށް ރިޔާޒް ވަރަށް ޔަގީންކަމާ އެކު ވިދާޅުވެ އެވެ. އަދި ނުރަސްމީކޮށް "މިހާރު"ން ވާހަކަ ދެއްކި އެހެން ބައެއް މެމްބަރުންގެ ވިސްނުމަކީ ވެސް ހަމަ މިއެވެ.

"އެހެންވީމާ މެމްބަރުން އެ ތިއްބެވީ މިހާރު މަޝްވަރާގެ ދޮރު ބަންދުކޮށްގެން. އިތުރަށް ދެން ކުރާނެ މަޝްވަރާއެއް ނެތޭ ވަރަށް ސާފުކޮށް އެ ވިދާޅުވަނީ. ބިލްގެ މަސައްކަތް މަޖިލިހުގައި ލަސްކުރިޔަސް، ނުކުރިޔަސް ނުކުންނާނީ އެއް ނަތީޖާއެކޭ ވިދާޅުވުމުގެ މާނައަކީ އެ ތިއްބެވީ މިހާރު ގޮތެއް ނިންމަވައިގެންނޭ. އެއީ މިހާރު އޮތް ގޮތަށް ބިލް ފާސްކުރުމުގެ ވިސްނުން. ދެން ދާނެ އިތުރު މަޝްވަރާއެއް ނެތް،" ސީނިއާ ނޫސްވެރިއަކު ބުންޏެވެ.

ނިހާން ހުށަހެޅުއްވި އަބުރުގެ ބިލް އަނބުރާ ގެންދެވުމާ ގުޅިގެން، އާ ބިލް ހުށަހެޅުއްވި މެމްބަރު ޖައުފަރު: ބިލްގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި.---ފޮޓޯ: މަޖިލިސް

ނިހާން ހުށަހެޅުއްވި އަބުރުގެ ބިލް އަނބުރާ ގެންދެވުމާ ގުޅިގެން، އާ ބިލް ހުށަހެޅުއްވި މެމްބަރު ޖައުފަރު: ބިލްގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި.---ފޮޓޯ: މަޖިލިސް

އަބުރުގެ އާ ބިލްގައިވާ ގޮތުން ނަމަ އަބުރާ ބެހިއްޖެ މީހެއްގެ އަދަބަކީ 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާއިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.

އަބުރާ ބެހުން ބިލްގައި މާނަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ދައްކާ ވާހަކައެއް، ނުވަތަ ބުނާ ބަސްތަކެއް، ލިޔާ ލިޔުމެއް، ދައްކާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ކުރާ ހަރަކާތެއް ހިމެނެ އެވެ. މިއީ ނިހާން ކުރިން ހުށަހެޅުއްވި ބިލުން ވެސް އުނިކުރަން މީޑިއާ ކައުންސިލުން އެދުނު ބައިތަކެކެވެ. އޭރު އެ ކައުންސިލުން އެދިފައިވާނީ، އަބުރާ ބެހުން ކަމަށް ބެލެވޭނީ އަނގަ ބަހުން ނުވަތަ ލިޔުމުން އާންމުކުރާ މައުލޫމާތު ކަމަށް ހެދުމަށެވެ. އެކަމަކު އެއީ ވެސް ހުސް ވާހަކަތަކަކަށް ވެއްޖެ އެވެ.

އަބުރުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގައި އިއްޔެ މަޝްވަރާ ކުރަނީ.---ފޮޓޯ: މީޑިއާ ކައުންސިލް

އަބުރުގެ ބިލާ ގުޅޭ ގޮތުން މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގައި އިއްޔެ މަޝްވަރާ ކުރަނީ.---ފޮޓޯ: މީޑިއާ ކައުންސިލް

މެމްބަރަކު ވިދާޅުވި ގޮތުން ނަމަ، މީޑިއާތަކުގައި ސަރުކާރުގެ އިސްވެރިންނަށް "ވަގަށް" ގޮވުން އިންތިހާ އަށް އާންމުވެ، އެބޭފުޅުންގެ ދިރިއުޅުން ކަތިލެވޭ ހިސާބަށް ދިއުމަކީ އަބުރުގެ ބިލް ފާސްކުރުމުގެ އަސްލެވެ. އެކަމަކު މީޑިއާއަކުން "ވަގަށް" ސީދާ ގޮވާ ނަމަ، ފިޔަވަޅު އެޅޭނެ ފުރުސަތުތައް މީޑިއާތައް ރެގިއުލޭޓް ކުރާ އިދާރާތަކަށް ދީ، ކުރާ ޖޫރިމަނާ އަދި ޖޫރިމަނާ ނުދައްކައިފި ނަމަ ދޭ އަދަބު ކުޑަކުރެވެން ޖެހެ އެވެ. ޑިމޮކްރެޓިކް މުޖުތަމައުގެ ވާހަކަ ދައްކާއިރު، ދިވެހި މުޖުތަމައުގެ ހާލަތަށް ބަލަން ޖެހެ އެވެ. ދެ މިލިއަނާ ހަމައަށް ޖޫރިމަނާ ބޮޑުކުރާއިރު، އެއީ އެންމެ އެކަށީގެންވާ މިންވަރުތޯ ސީރިއަސް ވިސްނުމަކުން ވިސްނަން ޖެހޭނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު ނިހާނާ އެކު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެދިވަޑައިގަތީ، އޭރު އޭނާ ހުށަހެޅުއްވި އަބުރުގެ ބިލަށް ނޫސްވެރިން ބޭނުންވާ އިސްލާހުތައް ލިޔުމަކުން ފޮނުވައި ދިނުމަށެވެ. އަދި ބިލަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ކުރީ ސަފުގައި މީޑިއާ ކައުންސިލް އޮތުމަށް އޭނާ އެދިވަޑައިގަތެވެ. އެ ހުރިހާ ކަމެއް، މީޑިއާ ކައުންސިލާއި މީޑިއާތަކުން ކޮށްދިނެވެ. އެކަމަކު މީޑިއާތަކުގެ ފަރާތުން މީޑިއާ ކައުންސިލުން ހުށަހެޅި ކަރުދާސް މި ފެނުނީ ޑަސްބިނަށް ވައްޓާލިތަނެވެ. މީޑިއާ ކައުންސިލާ މަޝްވަރާ ކޮށްފައި ނޫނީ ބިލާއިގެން ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެ ނިހާން ދެއްވި ޔަގީންކަމުގެ އޮއްޓަރެއް ނެތެވެ. އެއީ ތާކުންތާކު ނުޖެހޭ ޔަގީން ކަމެކެވެ. ނިހާންގެ ބިލް އަނބުރާ ގެންދެވުމަށް ފަހު، އެހެން މެމްބަރަކު ހަމަ އެ ބިލް ހުށަހެޅުއްވިއިރު ވެސް، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ވަނީ ފާޑަކަށް މަލާމާތް ކޮށްފަ އެވެ.