Roadha Mihaaru
7،000 ފްލެޓުގެ ފޯމަށް ކިޔޫގައި ނުޖެހޭގޮތަށް ހަދަނީ

7،000 ފްލެޓަށް ކިޔޫގައި ނުޖެހި ފޯމު ލިބޭ ގޮތް ހަދަނީ

05 މެއި 2018

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު، ކިޔޫގައި ނުޖެހި ވީހާ ވެސް ފަސޭހަ އިން ފޯމު ލިބޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާއިރު، ކިޔޫގައި ނުޖެހި ވީހާ ވެސް ފަސޭހަ އިން ފޯމު ލިބޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުޅުމާލޭގައި އަޅާ 7،000 ފްލެޓް 12 ކެޓަގަރީއަކަށް ޚާއްސަކޮށް، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މާދަމާ ފޯމު ދޫކުރަން ފަށާނެ އެވެ. އެކަމަށްޓަކައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްރޫއުގެ ތަފްސީލުތައް ހިއްސާކުރައްވާނެ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ވިދާޅުވީ މީގެކުރިން ފްލެޓް މަޝްރޫއުތަކަށް ހުޅުވާލުމުން، ފޯމު ނަގަން ދިގު ކިޔޫއެއްގައި ޖެހުނަސް މިފަހަރު މުޅިން ތަފާތުވާނެ ކަމަށެވެ. ފްލެޓަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް، ކިޔޫގައި ނުޖެހި ފަސޭހަ އިން ފޯމު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފޯމު ދޫކުރުން މިފަހަރު ކުރިއަށް ގެންދާނީ، ބޭނުންވާ މައުލޫމާތު ވެސް ދަރުބާރުގެ އިން ފޯރުކޮށްދޭ ގޮތަށެވެ. ފޯމު ހުށަހެޅުމުގެ ކުރިން ބޭނުންވާ މައުލޫމާތާއި އެ މީހަކު ޝަރުތު ހަމަވާ ކެޓަގަރީ ވެސް ދަރުބާރުގޭގައި ތިބޭ އެ މިނިސްޓްރީގެ މުވައްޒަފުން ސާފުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"އައިޑީކާޑު ދައްކައި ކިޔޫއެއްގައި ރައްޔިތުން ތިބޭކަށް ނުޖެހޭނެ. ފޯމު ނަގަން އެއްވެސް ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް، ވީހާވެސް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން ހައުސިން މިނިސްޓްރީން ނިންމާފައި އޮތީ،" ފަޒާލް ވިދާޅުވި އެވެ.

7،000 ފްލެޓް ބެހި ކެޓަގަރީތައް:

- ސިވިލް ސާވިސް: 1،000

- ކައިވެނިކޮށްގެން އުޅޭ 18-40 ދެމެދުގެ ރައްޔިތުންނަށް: 1،000

- މާލޭގެ ރަށްވެހިންނަށް: 1،000

- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް: 1،044

- ޑޮކްޓަރުންނާއި ނަރުހުންނަށް: 475

- ޓީޗަރުންނަށް: 625

- ފުލުހުންނާއި ސިފައިންނަށް: 600

- އެކަނިވެރި މައިންނާއި ބަފައިންނަށް: 400

- ނުކުޅެދޭ އާއިލާތަކަށް 200

- ގުޅީފަޅުން ފްލެޓަށް ފައިސާ ދައްކައި ނުލިބުނު މީހުންނާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު މީހުންނަށް: 300: (މިނިސްޓަރު ވިދާޅުވީ މި އަދަދު މަދުވެދާނެ ކަމަށް)

- މާފަންނު ހުޅަނގު ދާއިރާގައި ވަރަށް ނިކަމެތިކޮށް އުޅޭ ބަޔަކަށް ހާއްސަ: 256

ފަޒާލް ވިދާޅުވީ ދަރުބާރުގެ އިން ފޯމު ދޫކުރުމުގެ އިތުރުން އެ މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވޭނެ ކަމަށެވެ. ފޯމު ދޫކުރުން އެކަށީގެންވާ މުއްދަތަކަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ފޯމު ބަލައިގަތުން ވެސް ކުރިއަށް ގެންދާނީ ރައްޔިތުންނަށް އުނދަގޫ ނުވާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ. މި މަޝްރޫއުގައި ފްލެޓް ދިނީ، ވަރަށް ބޭއިންސާފުން ކަަމަށް ބުނެ ޝަކުވާ ބޮޑުވެ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ފްލެޓްތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ވެސް ފަށައިފަ އެވެ.

އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން ފައްޓަވައިދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ ހައްލަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.