Roadha Mihaaru
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ

ހިޔާ ފްލެޓްގެ ފިނިޝިން އަށް ނުވަ މަސް ދޭން އަދިވެސް ނުނިންމާތީ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

20 ޖުލައި 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުން، އެ ތަންތަން ނިންމަން މާލޭ ސިޓީ ކައުންސިލުން އެދިފައިވާ ގޮތަށް ނުވަ މަސް ދުވަހުގެ މުއްދަތެއް ދޭން އެޗްޑީސީން އަދިވެސް ނުނިންމާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުން، އެ ތަންތަން ނިންމަން މާލޭ ސިޓީ ކައުންސިލުން އެދިފައިވާ ގޮތަށް ނުވަ މަސް ދުވަހުގެ މުއްދަތެއް ދޭން އެޗްޑީސީން އަދިވެސް ނުނިންމާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކޮށްފައިވާ 7،000 އަށް ވުރެ ގިނަ ފްލެޓްތަކުގެ ފިނިޝިންގެ ކަންކަން ނިންމަން ޖެހެނީ އެ ތަންތަން ލިބޭ މީހުން ކަަމަށް ވާއިރު، އެޗްޑީސީން އެ މަސައްކަތަށް ދޭން ނިންމާފައި ވަނީ ތިން މަސް ދުވަހެވެ. އެކަމަކު، ސިޓީ ކައުންސިލުން ބުނަމުން އަންނަނީ ތިން މަހަކީ އެފަދަ މަސައްކަތަކަށް ވަރަށް ކުރު މުއްދަތެއް ކަމަށާއި އެންމެ މަދުވެގެން ވެސް ނުވަ މަސް ދޭން ވާނެ ކަމަށެވެ. އަދި އެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ސިޓީ ކައުންސިލުން ވަނީ އެޗްޑީސީގައި ވެސް އެދިފައި ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ހިޔާ ފްލެޓްގެ ފިނިޝިން އަށް ދީފައިވާ މުއްދަތު ގުނަން ފަށާނެ ތާރީހު އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް މީޑިއާގައި އެޗްޑީސީން ބުނުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން މޭޔަރު ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ފާޑުވިދާޅުފަ އެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ތިން މަސް އިތުރު ކޮށްދޭން އަދިވެސް ނުވިސްނާތޯ ސުވާލު ކުރައްވަމުން މޭޔަރު ވިދާޅުވީ، "ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތް މިދެނީ ކީއްވެ ބާއޭ" ކަމަށެވެ.

"މަދުވެގެން ނުވަ މަސް ދުވަސް ފިނިޝިންގެ މަސައްކަތަށް ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އަދިވެސް ސަރުކާރުގައި އެދެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެކަމާ ގުޅޭ ރަސްމީ ލިޔެކިޔުންތައް ވެސް ވަނީ ފޮނުވައިފަ އެވެ.

"ޚަބަރެއް ނުވޭ،" އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޑީސީން މިހާރު ކަނޑައަޅާފައިވާ ގޮތުން ފްލެޓްތައް ނިންމަން ދޭ ތިން މަސް ދުވަހުގެ ތެރޭގައި ކުލި ވެސް ދައްކާކަށް ނުޖެހޭނެ އެވެ.

ޖުމުލަ 25 ބުރީގެ 16 ޓަވަރު ހިމެނޭ ހިޔާ ފްލެޓްގެ ކުލީގެ އަގަކީ 8،500ރ. ކަމަަށް ވާއިރު، ކުލި ބަހާލައިފައި ވަނީ 25 އަހަރަށެވެ.

މުއިއްޒު ވަނީ ފްލެޓްގެ ކުލި ކުޑަ ކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ އަގަށް އިތުރު ބަދަލެއް ގެންނާކަށް މި ސަރުކާރަކުން ނުނިންމަ އެވެ.

ހިޔާ ފްލެޓް ލިބިފައިވާ މީހުންނަށް ލިބޭ ފްލެޓް ގުރުއަތުން ނަގައި، ފްލެޓްގެ އެއްބަސްވުންތައް ހަދައި މިހާރު ވަނީ ތަޅުދަނޑިތައް ވެސް ހަވާލުކޮށްފަ އެވެ. ފްލެޓުގައި ފެނާއި ކަރަންޓުގެ ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިޔަށް އެބަދެ އެވެ.