Roadha Mihaaru
ފާގަސަންގެ ހާލު އަންނަނީ ރަނގަޅުވަމުން

ފާގަސަންގެ ހާލު އަންނަނީ ރަނގަޅުވަމުން

06 މެއި 2018

ލަންޑަން (މެއި 6) - ސިކުނޑިއަށް ލޭ އެޅުމުގެ ސަަބަބުން ރޭ ކުރި ކުއްލި އޮޕަރޭޝަނަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ މެމްބަރަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 6) - ސިކުނޑިއަށް ލޭ އެޅުމުގެ ސަަބަބުން ރޭ ކުރި ކުއްލި އޮޕަރޭޝަނަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާ މެމްބަރަކާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 76 އަހަރުގެ ފާގަސަން އަކީ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗެވެ. އޭނާ ވަނީ ޔުނައިޓެޑަށް ކޯޗުކޮށްދިން 26 އަހަރުގައި އެ ޓީމަށް 38 ތަށި ހޯދައިދީފަ އެވެ.

ރޭގެ ވަގުތެއްގައި ފާގަސަންގެ ސިކުނޑި އަށް ލޭ އެޅިގެން އޭނާގެ ހާލު ގޯސްވެ ކޯމާ އަކަށްދިޔަ އެވެ. ވަގުތުން އިންގްލެންޑުގެ ސަލްފޯޑް ރޯޔަލް ހޮސްޕިޓަލްގައި ފާގަސަންގެ އޮޕަރޭޝަނެއް ކުރިއިރު، މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ފާގަސަންގެ އާއިލާގެ މެމްބަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވަގުތު ފާގަސަން އަށް ބޭނުންވަނީ ގިނަ ބައެއްގެ އެހީތެރިކަން ކަމަށާއި އެހެން ނަމަވެސް ޕްރައިވެސީ ބޭނުންވާ ކަމަށެވެ.

ފާގަސަން ވަނީ މިދިޔަ ހަފްތާގައި ޔުނައިޓެޑާއި އާސެނަލް ކުޅުނު މެޗު ބަލަން ގޮސްފަ އެވެ. އަދި މި ސީޒަނަށް ފަހު ވެންގާ އާސެނަލް ދޫކޮށްލާތީ ޔުނައިޓެޑްގެ ފަރާތުން އޭނާ އަށް ދިން އެވޯޑް ހަވާލުކުރީ ވެސް ފާގަސަން އެވެ.

ފާގަސަން 2013 ވަނަ އަހަރު ޔުނައިޓެޑުގެ ކޯޗުކަމުން ރިޓަޔާ ކުރުމަށް ފަހު ދެން އޭނާ ފެނުނީ ހާވަޑް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ގޮތުގަ އެވެ. ފާގަސަން އަކީ ޔުއެފާގެ ކޯޗިން އެމްބަސަޑަރެކެވެ. ޔުއެފާގެ ކޯޗުން ތަމްރީން ކުރުމުގެ ކޯސްތަކުގައި ވެސް ފާގަސަން އަންނަނީ ކިޔަވައިދެމުންނެވެ.

ފާގަސަންގެ ހާލު ސީރިއަސްވުމާ އެކު ޔުނައިޓެޑްގެ ކުރި އާއި މިހާރުގެ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި އެ ކުޅުންތެރިންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.