Roadha Mihaaru
ސޯލްޝެއާ އަށް އެހީވާން ފާގަސަން އަލުން ޔުނައިޓެޑަށް

ސޯލްޝެއާ އަށް އެހީވާން ފާގަސަން އަލުން ޔުނައިޓެޑަށް

25 ޑިސެމްބަރ 2018

މެންޗެސްޓާ (ޑިސެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑުގެ އާ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އެހީވުމުގެ ގޮތުން ކުރީގެ ކޯޗު އެލެކްސް ފާގަސަން އެ ޓީމުގެ ކޮންސަލްޓަންޓެއްގެ ޒިންމާއާ ހަވާލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޑިސެމްބަރު 25) - މެންޗެސްޓާ ޔުނައިޓެޑުގެ އާ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް އެހީވުމުގެ ގޮތުން ކުރީގެ ކޯޗު އެލެކްސް ފާގަސަން އެ ޓީމުގެ ކޮންސަލްޓަންޓެއްގެ ޒިންމާއާ ހަވާލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑަށް 1986-2013 އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ފާގަސަން ފާއިތުވި ތިން އަހަރެއްހާ ދުވަހު އެ ކްލަބްގެ ކަންތައްތަކުގައި ބައިވެރިނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑުން 2016 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް ހޯސޭ މޮރީނިއޯ ގެނައީ ފާގަސަންގެ ލަފައެއް ނުހޯދަ އެވެ. އަދި ޔުނައިޓެޑްގެ ކޯޗުކަމުގައި މޮރީނިއޯ ހުރިއިރު ޓީވީ ޗެނަލްތަކުން ޔުނައިޓެޑްގެ މެޗުތަކަށް ޓީވީ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވަން ފާގަސަން އަށް ފޮނުވި ދައުވަތުތައް އޭނާ ގަބޫލުނުކުރެ އެވެ.

ފާގަސަން ރިޓަޔާކުރި ފަހުން އެ ޓީމާ ހަވާލުވި ހަތަރު ކޯޗުންނަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ރަނގަޅު މަސައްކަތެއް ނުކުރެވެ އެވެ. އެންމެ ފުރަތަމަ ހަވާލުވި ޑޭވިޑް މޮއިސް ސީޒަނުގެ މެދުތެރެއިން މަގާމުން ވަކިކުރިއިރު، އެ ސީޒަނުގެ ނިޔަލަށް ހުރީ ރަޔާން ގިގްސް އެވެ. ދެން އައި ލުއީ ވެން ހާލާއި މޮރީނިއޯގެ ކޯޗުކަމުގައި ކޮންމެވެސް ވަރަކަށް ކާމިޔާބީތަކެއް ހޯދި ނަމަވެސް އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ނަތީޖާތައް ދަށްވުމުގެ ސަބަބުން ސަޕޯޓަރުންގެ ފާޑުކިޔުމާއި ޕްރެޝަރު ބޮޑުވުމެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށް މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗަކަށް ސޯލްޝެއާ ހަމަޖެއްސިއިރު، އޭނާ އަށް އެހީވުމަށް ފާގަސަންގެ އެދުމުގެ މަތިން ކުރީގެ އެސިސްޓަންޓް ކޯޗު މައިކް ފެލަން ވަނީ އެ ޓީމާ ގުޅިފަ އެވެ.

ޔުނައިޓެޑުން އަދި ރަސްމީ ސިފައެއްގައި ފާގަަސަން އެ ޓީމުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން އިއުލާންކޮށްފައިނުވި ނަމަވެސް އޭނާ އަންނަނީ ދުވަހުން ދުވަހަށް ސޯލްޝެއާއާ އެކު ޔުނައިޓެޑްގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރަމުންނެވެ. ފާގަސަންގެ އިރުޝާދުގެ ދަށުން ސޯލްޝެއާ ވަނީ ޔުނައިޓެޑަށް ކުޅެފަ އެވެ.

މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖެއްސި ސޯލްޝެއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ކާޑިފް އަތުން 5-1 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށްވާން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.

ޔުނައިޓެޑުން އަންނަނީ އެ ކްލަބްގެ ހިންގުމަށް ބަދަލުތަކެއް ގެންނަން މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން ވަރަށް އަވަހަށް ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމަށް މީހަކު ހަމަޖައްސަން ނިންމައިފަ އެވެ. އެ މަގާމު ހަވާލުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އާއި ސައުތުހެމްޓަންގެ ހެޑް އޮފް ރެކްރޫޓްމަންޓަކަށް ހުރި މިހާރު ޖަރުމަނުގެ އާރްބީ ލިޕްޒިގުގައި މަސައްކަތްކުރަމުން އަންނަ ޕައުލް މިޗެލް އެވެ.