Roadha Mihaaru
ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި ކަމުގެ އިހުސާސް ނުކުރެވޭ: އަސަދުﷲ

ގިނަ ދުވަހު ކުޅުމާ ދުރުގައި ހުރި ކަމުގެ އިހުސާސް ނުކުރެވޭ: އަސަދުﷲ

07 މެއި 2018

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ނުވަ މަސް ދުވަސް ހޭދަކުރަން ޖެހުނު ނަމަވެސް އިތުބާރު ނުގެއްލޭ ކަމަށާއި އެކަމުގެ ހުރިހާ ވެސް ޝުކުރެއް ހައްގުވަނީ ކްލަބާއި ގާތް މީހުންނަށް ކަމަށް މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ނުވަ މަސް ދުވަސް ހޭދަކުރަން ޖެހުނު ނަމަވެސް އިތުބާރު ނުގެއްލޭ ކަމަށާއި އެކަމުގެ ހުރިހާ ވެސް ޝުކުރެއް ހައްގުވަނީ ކްލަބާއި ގާތް މީހުންނަށް ކަމަށް މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަކުލަށް ލިބުނު އަނިޔާ އަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ރޭ އޭނާ ވަނީ ކްލަބް ވެލެންސިއާ ކޮޅަށް ލަނޑު ޖަހައިފަ އެވެ. މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަސަދުﷲ ބުނީ އޭނާ އަށް އިހުސާސްކުރެވެނީ މިދިޔަ ހަފުތާގައި މެޗެއް ކުޅެފައި އެނބުރި އައިސް ކުޅުނު ކަމުގެ އިހުސާސް ކަމަށެވެ.

"އަޅުގަނޑުގެ ކޮންފިޑެންސް ވެއްޓުނަކަނުދޭ ޓީމުން. މެނޭޖްމަންޓާ ކުޅުންތެރިންނާ އެހީތެރިވާން ތިބި އެންމެންގެ މަސައްކަތުން. އަޅުގަނޑު ހަމަ ނޯމަލްއޭ ބުނާނީ ދަނޑަށް އެރިއިރު. މިދިޔަ ހަފުތާގައި މެޗު ކުޅެގައި މިހަފުތާގައި މެޗު ކުޅުން ކަހަލަ. އެ ފީލްކޮށްދިނޭ މި ނުވަ މަސް ތެރޭގައި އަޅުގަނޑުގެ ގާތް ޓީމުގެ މީހުންނާއި އާއިލާގެ ހުރިހާ އެންމެން،" އަސަދުﷲ ބުންޏެވެ.

އޭނާ ބުނީ އެނބުރި އާދެވުނީ އޭނާގެ މަސައްކަތުން އެކަނި ނޫން ކަމަށާއި އެހުރިހާ އެންމެންނަށް ޝުކުރުއަދާކުރަން ބޭނުންވާ ކަމަށެވެ. ހާއްސަކޮށް މާޒިޔާގެ މެނޭޖްމަންޓާއި އޭނާ އަށް ރިހެބިލިޓޭޝަން ފަރުވާދިން މުހައްމަދު ފަޔާޒް (ފިއްޓޭ) ގެ ނަން ފާހަގަކުރި އެވެ.

"އަޅުގަނޑަށް ވުރެ އޭނާ ހިތްވަރުކުރިޔޭ ބުނެވިދާނެ. އޭނާގެ މަސައްކަތް ރަނގަޅު،" އަސަދުﷲ ބުންޏެވެ.

އެނބުރި އައިސް ފުރަތަމަ މެޗުގައި ވެސް އަސަދުﷲ ގޯލެއް ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ވެސް ވަނީ ބުނެފަ އެވެ. އަސަދުﷲ ބުނީ މަގާމުގެ ގޮތުން ގޯލް ޖަހަނީ އޭނާ ކަމުގައިވީ ނަމަވެސް އެއީ މުޅި ޓީމުގެ މަސައްކަތް ކަމަށެވެ.

މި އަހަރު ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް އޮތްއިރު އަސަދުﷲ އަކީ ގައުމީ ޓީމަށް ވެސް މުހިއްމު ކުޅުންތެރިޔެކެވެ. އޭނާ ބުނީ ގައުމީ ޓީމުން ގޮވާލައިފިއްޔާ ދާން ތައްޔާރު ކަމަށާއި ކްލަބާއި ގައުމީ ޓީމަށް ވެސް އޭނާ އަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.