Roadha Mihaaru
"ދަނޑަށް ފަރިތަވުމުގެ ފައިދާ މާޒިޔާ އިން ނަގާނަން"

ދަނޑަށް ފަރިތަވުމުގެ ފައިދާ މާޒިޔާ އިން ނަގާނަން: އަސަދުﷲ

18 އޯގަސްޓް 2021

ސަޕޯޓަރުންނަށް ނުވަދެވުނަސް، ގައުމީ ފުޓްބޯޅަ ދަނޑަށް މާޒިޔާ ފަރިތަވުން އެއީ އޮތް އެޑްވާންޓޭޖެއް ކަމަށް، ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސަޕޯޓަރުންނަށް ނުވަދެވުނަސް، ގައުމީ ފުޓްބޯޅަ ދަނޑަށް މާޒިޔާ ފަރިތަވުން އެއީ އޮތް އެޑްވާންޓޭޖެއް ކަމަށް، ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ އެ ޓީމުން ނުކުންނާނީ ބަންގަލަދޭޝްގެ ޗެމްޕިއަން ބޮށުންދަރާ ކިންގްސްއާ ދެކޮޅަށެވެ.

"ރާއްޖޭގެ މި ފަސްގަނޑުގައި، މި ދަނޑުގައި ކުޅެންޏާ އެއީ އަހަރެމެންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ވަރަށް ބޮޑު ފަސޭހައެއް. ކޮންމެ ގޮތެއްވިޔަސް މި ދަނޑަށް ފަރިތަ ވާނީ މާޒިޔާ،" ގަލޮޅު ދަނޑުގައި ބޭއްވި ޕްރީ މެޗު ޕްރެސްގައި އަސަދުﷲ ބުންޏެވެ. "އިރާދަ ކުރެއްވިއްޔާ ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ނެރެން މަސައްކަތް ކުރާނަން."

އަސަދުﷲ ބުނީ، މުޅި ޓީމު ދެކެނީ މާޒިޔާ އިން ތަމްސީލު ކުރަނީ މުޅި ގައުމު ކަމަށެވެ. އަދި ދެކެނީ ވެސް ގައުމީ ކަމެއްގެ ގޮތުގައި ކަމަށެވެ.

މިރޭ ބޮށުންދަރާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ އެންމެ މުހިންމު ކަންތައް ކަމަށް އަސަދުﷲ ބުންޏެވެ. އޭނާ ބުނީ ކުޅޭ ފުރަތަމަ މެޗު ކާމިޔާބު ކުރުން އެއީ ކޮންމެ ޓީމަކަށް ވެސް މި ވަގުތަށް އެންމެ މުހިންމުކަންތައް ކަމަށެވެ.

ބޮށުންދަރާ އަކީ ވަރުގަދަ ޓީމެއްކަން ފާހަގަ ކުރަމުން، އަސަދުﷲ ބުނީ، އެކަމަކު ހުރިހާ ޓީމެއް ވެސް ވަރުގަދަ ކަމަށާއި ހަތަރު ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.

"ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ނުނެރވިއްޖެއްޔާ ވަރަށް ބޮޑު އުނދަގުލަކަށް ވާނެ ކުރިއަށްދިއުން،" އަސަދުﷲ ބުންޏެވެ. "ހަތަރު ޓީމަކީ ވެސް ވަރަށް ވަރުގަދަ ހަތަރު ޓީމު. ހުރިހާ މެޗުތަކަކީ ވެސް ރަނގަޅު ގޭމެއް ފެނިގެންދާނެ މެޗުތަކެއް ކަމަށް މި ބަލަނީ."