Roadha Mihaaru
މައުމޫންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ

މައުމޫންގެ ހާލުކޮޅު ގޯސްވެފައި ވަނިކޮށް މާދަމާ އަޑުއެހުމެއް ބާއްވަނީ

08 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވަނިކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުން މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވަނިކޮށް، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުން މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތީ މައުމޫނާ ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހުންނެވީ ޖަލުގައި ބަންދުކޮށްފަ އެވެ.

މި މައްސަލައިގައި މިއަދު މެންދުރު ފަހު އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލް ކުރި އެވެ. އެކަމަކު، ފަހު ވަގުތު ވަނީ އެ މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.

މައުމޫން އާ ދެކޮޅަށް އުފުލި ޓެރަރިޒަމްގެ ދައުވާގައި ވަނީ 2013 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކި ގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދެއްވުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ނުފޫޒު ފޯރުވި ކަމަށް ވެސް ދައުވާގައިވެ އެވެ.

މީގެ އިތުރުން އެ އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ބައެއް ފުލުހުންތަކެއް މަގުމައްޗަށް ނެރެ، ޑިއުޓީގައި ތިބި އެހެން ބައެއް ފުލުހުންނާ ކުރިމަތިލައި، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

މައުމޫންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅުވަންދެން، އެމަނިކުފާނުގައި އަރިހުގައި ދޫނިދޫ ޖަލުގައި ހުންނެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ނުވަތަ އާއިލީ އެހީތެރިކަން ބޭނުންވާތީ ގެއަށް ބަދަލުކޮށް ދިނުމަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފުލުހުންގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

މައުމޫންގެ އާއިލާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެމަނިކުފާނު އުޅުއްވަނީ އަނބުރައިގަންނަ އާލާސްކަންފުޅެއްގަ އެވެ. އެހެންވެ އެއްވެސް ހާލެއްގައި ގިނިކަންޏާ ނުހުންނެވުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.