Roadha Mihaaru
މިއީ މިލާނަށް ވޯލްޑް ކަޕް ފައިނަލެއް ފަދަ މެޗެއް: ގަޓޫސޯ

މިއީ މިލާނަށް ވޯލްޑް ކަޕް ފައިނަލެއް ފަދަ މެޗެއް: ގަޓޫސޯ

09 މެއި 2018

ރޯމް (މޭ 9) – އިޓާލިއަން ކަޕުގެ ފައިނަލުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ޓީމަށް ވޯލްޑް ކަޕް ފައިނަލް ފަދަ މެޗެއް ކަމަށް އޭސީ މިލާނުގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޯމް (މޭ 9) – އިޓާލިއަން ކަޕުގެ ފައިނަލުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ޓީމަށް ވޯލްޑް ކަޕް ފައިނަލް ފަދަ މެޗެއް ކަމަށް އޭސީ މިލާނުގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނެފި އެވެ.

ޔުވެންޓަސް އަކީ މިދިޔަ ތިން އަހަރު މި މުބާރާތުގެ ޗެމްޕިއަންނެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި މިލާން 1-0 އިން ބަލިކުރުމަށް ފަހު އެވެ. މިލާނުން މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ 2003 ގަ އެވެ. އޭރު ގަޓޫސޯ އަކީ އެ ޓީމުގެ ކުޅުންތެރިޔެކެވެ.

"އަހަރެމެން މިއީ ވޯލްޑް ކަޕް ފައިނަލް ފަދަ މެޗެއް. ސަޕޯޓަރުންގެ ރޫހު ހުރި ގޮތާއި އަލުން ކްލަބުން ތަށްޓެއް އުފުލާލާތަން ބޭނުންވެފައި ތިބި މިންވަރަށް ބަލާއިރު،" ސީޒަނުގެ މެދުތެެެެރެއިން ޓީމާ ހަވާލުވި ގަޓޫސޯ ބުންޏެވެ.

އޭނާ ވަނީ މިލާނުގައި އޮތް ޓީމަށް ބަލާއިރު ބޮޑު ކާމިޔާބީތަކާ ދިމާލަށް ދަތުރުކުރަން ބޭނުންވަނީ މިފަދަ އެންމެ ކާމިޔާބެއް ކަމަށް އިޝާރާތްކޮށްފަ އެވެ. ގަޓޫސޯ ބުނީ ކުޅުންތެރިންނަށް ހިތްވަރު ދޭން އޭނާ އަށް ނުޖެހޭ ކަމަށާއި މިއީ އަމިއްލަ އަށް ވެސް ހިތްވަރު ލިބޭނެ ފަދަ މެޗެއް ކަމަށެވެ.

"މިއީ އަހަރެންގެ ކޯޗިންގެ ކެރިއަރުގެ އެންމެ މުހިއްމު މެޗު. މަދުން ނަމަވެސް ދެރަ ކަންކަމާ ދިމާވި އެކަމަކު އަހަރެމެން އުއްމީދުކުރަނީ މިއީ ހިތްހަމަޖެހުން ލިބޭނެ ފަހަރެއް ކަމަށް،" ގަޓޫސޯ ބުންޏެވެ. "އިދިކޮޅަށް ނުކުންނަ ޔުވެންޓަސް އަކީ މިދިޔަ ހަތް އަހަރު އިޓަލީ ފުޓްބޯޅަ ޑޮމިނޭޓްކޮށް ޔޫރަޕުގެ ވެސް މުހިއްމު ކްލަބެއްގެ ގޮތުގައި އޮތް ޓީމެއް."

މިލާނުން 2011 ވަނަ އަހަރު ލީގު ކާމިޔާބުކުރި ފަހުން މިހާތަނަސް ބޮޑު ތަށްޓެއް ނުލިބެ އެވެ. އެންމެ ފަހުން ހޯދި އިޓާލިއަން ސުޕަ ކަޕް، 2016 ގައި ކާމިޔާބުކުރީ ޔުވެންޓަސް ބަލިކުރުމަށް ފަހު އެވެ.

މިރޭގެ މެޗު އެންމެ ހާއްސަވާ އެއް ކުޅުންތެރިޔަކީ ޔުވެންޓަސްއާ އެކު މިދިޔަ ތިން ސީޒަނުގައި މި މުބާރާތް ކާމިޔާބުކުރުމަށް، މި ސީޒަނުގައި މިލާނަށް ބަދަލުވެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅޭ ލިއޮނާޑޯ ބޮނޫޗީ އެވެ. މި ދެ ޓީމު އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ބޮނޫޗީ ލަނޑު ޖެހި އެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އަކީ 2011 ވަނަ އަހަރު މިލާނަށް ލީގު ކާމިޔާބުކޮށްދިން ކޯޗެވެ. އޭރު ގަޓޫސޯ އަކީ މިލާނުގެ ވައިސް ކެޕްޓަނެވެ. މެޗާ ބެހޭގޮތުން އެލެގްރީ ބުނީ މި ތަށްޓާ އެކު ޔުވެންޓަސްގެ ތާރީހުގެ ތެރެއަށް ވަނުމަށް ކުޅުންތެރިންނަށް ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަރެމެން ކުޅެން ޖެހޭނީ ރޫހާ އެކު. އެއީ އިންޓަ އާއި ބޮލޯނިއާއާ ދެކޮޅަށް ކުޅުނުއިރު ވިސްލާނަން ޖެހޭ ކަންކަން ދިމާވެފައިވާތީ. އަބަދުވެސް ތަށްޓެއް ހޯދަން ނުކުތުމަކީ އަދި މިލާނާ ދެކޮޅަށް ކުޅުމަކީ އުފާވެރިކަމެއް. މިފަދަ މެޗުތައް އަބަދުވެސް ވަރަށް ހަމަހަމަކޮށްދާތީއާ އެކު،" އެލެގްރީ ބުންޏެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.