Roadha Mihaaru
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި

ޔުވެންޓަސް ބަލިކޮށް މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި

29 މެއި 2023

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި 1-0 އިން މޮޅުވެ އޭސީ މިލާން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި 1-0 އިން މޮޅުވެ އޭސީ މިލާން އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.

ލީގުގައި ބާކީ މެޗެއް އޮއްވައި މިލާން ގަދަ ހަތަރަކުން ޖާގަ ހޯދީ 67 ޕޮއިންޓް ހޯދައިގެންނެވެ. މިލާންގެ ފަހަތުން ފަސް ވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 61 ޕޮއިންޓެވެ.

އިޓަލީގެ ޗެމްޕިއަން ނަޕޯލީ އާއި މިލާންގެ އިތުރުން ޗެމްޕިއަންސް ލީގު ކަށަވަރުކުރީ ލާޒިއޯ އަދި އިންޓަ މިލާން އެވެ.

ރޭގެ މެޗުގައި މިލާންގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޑޭވިޑް ކަލަބްރިއާގެ އެހީގައި ޖެހީ އޮލިވިއޭ ޖިރޫޑް އެވެ. ރޭގެ ގޯލާ އެކު ޖިރޫޑް ވަނީ ސީޒަނުގައި 12 ލީގު ގޯލު ހަމަކޮށްފަ އެވެ. މީގެ ކުރިން އެއް ސީޒަނުގައި ޖިރޫޑް 12 ލީގު ގޯލު ޖެހީ 2016/2017 ވަނަ ސީޒަނުގައި އާސެނަލްގަ އެވެ.

ބަލިވުމުން ޔުވެންޓަސް އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ވަނީ ގެއްލިފަ އެވެ. 59 ޕޮއިންޓާ އެކު ޔުވެންޓަސް މިހާރު އޮތީ ހަތް ވަނައިގަ އެވެ. ޔުވެންޓަސް ފަހަތަށް ވެއްޓުނީ އެ ކްލަބާ ގުޅޭ މައްސަލަތައް ބެލުމަށް ފަހު 10 ޕޮއިންޓް އުނިކުރަން ނިންމުމުންނެވެ.

މި ސީޒަނުގައި މިލާން ވަނީ ލީގުގައި ޔުވެންޓަސްއާ ވާދަކުރި ދެ މެޗުން ވެސް މޮޅުވެފަ އެވެ. މިދިޔަ 50 އަހަރުތެރޭ ލީގުގައި އެ ނަތީޖާ މިލާން އަށް ތަކުރާރު ކުރެވުނީ ތިން ފަހަރު އެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކުރި މިލާން އަށް މި ސީޒަނުގައި ލީގަށް ވާދައެއް ނުކުރެވުނެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި ނަތީޖާތައް ރަނގަޅުކޮށް ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ.