Roadha Mihaaru
ޔުވެންޓަސް ހާލަތު ގޯސް، މިލާން އަނެއްކާވެސް ބަލިވެއްޖެ

ޔުވެންޓަސްގެ ހާލަތު ގޯހުން ގޯހަށް، މިލާނަށް އަނެއްކާވެސް ބޮޑު ބައްޔެއް

30 ޖެނުއަރީ 2023

ޓިއުރިން (ޖެނުއަރީ 30) - ފައިސާގެ މުއާމަލާތްތަކެއްގައި މަކަރު ހަދައިގެން ޕޮއިންޓް މަދުކޮށްފައިވާ ޔުވެންޓަސް އަމިއްލަ ދަނޑުގައި، މި ސީޒަނުގައި އަލަށް އިޓާލިއަން ލީގު ކުޅޭ މޮންޒާ އަތުން 2-0 އިން ބަލިވިއިރު، އޭސީ މިލާން އަމިއްލަ ދަނޑުގައި 5-2 އިން ސަސުއޮލޯ އަތުން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (ޖެނުއަރީ 30) - ފައިސާގެ މުއާމަލާތްތަކެއްގައި މަކަރު ހަދައިގެން ޕޮއިންޓް މަދުކޮށްފައިވާ ޔުވެންޓަސް އަމިއްލަ ދަނޑުގައި، މި ސީޒަނުގައި އަލަށް އިޓާލިއަން ލީގު ކުޅޭ މޮންޒާ އަތުން 2-0 އިން ބަލިވިއިރު، އޭސީ މިލާން އަމިއްލަ ދަނޑުގައި 5-2 އިން ސަސުއޮލޯ އަތުން ބަލިވެއްޖެ އެވެ.

މޮންޒާ އިން މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނިޓުގައި ޖަހައިދިނީ ޕެޓްރިކް ކިއުރިއާ އެވެ. އަދި 39 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖަހައިދިނީ 2019 ވަނަ އަހަރު ޔުވެންޓަސް އިން ގެނެސް މެޗެއް ކުޅުމުގެ ފުރުސަތު ނުދިން ފޯވާޑް ޑެނީ މޮޓާ އެވެ.

ދެ ވަނަ ހާފުގައި ޔުވެންޓަސް އިން ޑޮމިނޭޓް ކޮށްގެން ކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މޮންޒާގެ ކީޕަރު މިކެލޭ ޑި ގްރެގޯރިއޯ ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

މިއީ ޔުވެންޓަސް މި ސީޒަން ގައި މޮންޒާ އަތުން ބަލިވި ދެ ވަނަ މެޗެވެ. ލީގުގައި އެންމެ ފުރަތަމަ ބަލިވީ ވެސް މިދިޔަ ސެޕްޓެމްބަރު މަހު މޮންޒާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުގައި ބަލިވީ 1-0 އިންނެވެ.

މި ނަތީޖާއާ އެކު ޔުވެންޓަސް ވަނީ 23 ޕޮއިންޓާ އެކު ލީގު ތާވަލްގެ 13 ވަނައަށް ވެއްޓިފަ އެވެ. އަދި މޮންޒާ ވަނީ މި ތާރީހީ މޮޅާ އެކު 20 މެޗުން 25 ޕޮއިންޓް ހަމަކޮށްގެން 11 ވަނައަށް ޖެހިލައިފަ އެވެ.

ލީގުގައި އެންމެ ފަހުން ޔުވެންޓަސް ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދިފައި ނުވާއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަދި ބައިކޮޅަށް 10 ގޯލު ވަދެފައިވެ އެވެ.

ސަސުއޮލޯގެ ފަސްވަނަ ގޯލަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ސަސުއޮލޯގެ ފަސްވަނަ ގޯލަށް ފަހު. -- ފޮޓޯ: އޭއެފްޕީ

ސެން ސީރޯ ގައި މިލާނުން ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ވެސް ސަސުއޮލޯ އިންނެވެ. މެޗުގެ 19 ވަނަ މިނިޓުގައި ގްރެގޮރީ ޑެފްރެލް ގޯލެއް ޖަހާފައި ވަނިކޮށް ދެ މިނިޓު ފަހުން ޑޭވިޑް ފްރަޓޭސީ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްދީފަ އެވެ. އޭގެ ތިން މިނިޓު ފަހުން އޮލިވިއޭ ޖިރޫޑް ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދިން ނަމަވެސް 30 ވަނަ މިނިޓުގައި ޑޮމެނީކޯ ބެރާޑީ ވަނީ އަލުން ދެ ގޯލުގެ ލީޑު ސަސުއޮލޯ އަށް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ލިބުނު ޕެނަލްޓީއަކުން ސަސުއޮލޯ އަށް ހަތަރު ވަނަ ގޯލު ކާމިޔާބު ކޮށްދިނީ އާމަންޑް ލޯރިއެންޓޭ އެވެ. އަދި 79 ވަނަ މިނިޓުގައި މެތިއުސް ހެރިންކް އެ ޓީމުގެ ފަސް ވަނަ ގޯލު ޖެހިތާ ދެ މިނިޓު ފަހުން މިލާނުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ޑިވޮކް އޮރިގީ އެވެ.

މިލާން ވަނީ މި މެޗުގެ ކުރިން ލާޒިއޯ އަތުން 4-0 އިން ބަލި ވެފަ އެވެ. އޭގެ ކުރީ ދެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ރޭގެ ބައްޔާ އެކު މިލާން ވަނި ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ފަސް ވަނައިގައި އޮތީ 20 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް އެޓަލާންޓާ އާއި ތިން ވަނައިގައި އޮތް ލާޒިއޯ އަށް ވެސް ލިބިފައި ވަނީ 38 ޕޮއިންޓެވެ.

ލާޒިއޯ އާއި ފިއޮރެންޓީނާ ރޭ ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވެގެން ނިމުނުއިރު އިންޓަ މިލާން ވަނީ ލައުޓާރޯ މާޓިނޭޒްގެ ދެ ގޯލުން ފަހަތުން އަރައި 2-1 އިން ލީގު ފުލުގައި އޮތް ކްރެމޮނީސް ބަލިކޮށްފަ އެވެ.

އިންޓަ މިލާން މިހާތަނަށް ކުޅުނު 20 މެޗުން 40 ޕޮއިންޓް ހޯދައިގެން އެޓީމު އޮތީ ތާވަލުގެ ދެ ވަނައިގައި އެވެ. އިންޓަ އަށް ވުރެ 13 ޕޮއިންޓް ކުރީގައި އޮތީ ރޭ 2-1 އިން ރޯމާ ބަލިކުރި ނަޕޯލީ އެވެ. ނަޕޯލީ އަށް ވަނީ 20 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ.

ނަޕޯލީގެ ވިކްޓާ އޮސީމެން މެޗުގެ 17 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދީފައި ވަނިކޮށް ރޯމާ އިން ވަނީ 75 ވަނަ މިނިޓުގައި ސްޓެފާން އެލް ޝަރާވީ ކާމިޔާބު ކޮށްދިން ގޯލުން އެއްވަރު ކޮށްފަ އެވެ. ނަޕޯލީ މޮޅުވީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިތަށް ވެފައި ވަނިކޮށް ޖިއޮވާނީ ސިމިއޯނީ ކާމިޔާބު ކޮށްދިން ގޯލުންނެވެ.