Roadha Mihaaru
ރޭ ވެސް ނަސްރީނާ ޖަލަށް ވަޑައިގެންނެވި

ރޭ ވެސް ނަސްރީނާ ޖަލަށް ވަޑައިގެންނެވި

10 މެއި 2018

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ރޭ ވެސް އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ދޫނިދޫ ޖަލަށް ވަޑައިގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ރޭ ވެސް އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ދޫނިދޫ ޖަލަށް ވަޑައިގެންފި އެވެ.

މައުމޫންގެ އާއިލާ އިން ބުނެފައިވާ ގޮތުގައި "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.

މައުމޫންގެ އާއިލާއާ ގާތް ބޭފުޅެއް ކަމަށްވާ އައިމިނަތު ނާދިރާ ވިދާޅުވީ މައުމޫންގެ ހާލުކޮޅު އަދިވެސް ރަަނގަޅު ނޫން ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން ކޮންމެ ރެޔަކު ވެސް ވަކި ކަހަލަ ކަސްރަތުތަކެއް ކުރައްވަން ޖެހިވަޑައިގެންނަވާ ކަމަށެވެ. ކަސްރަތު ކުރައްވާއިރު އާއިލާގެ ބޭފުޅަކު އަރިހުގައި ހުންނެވުން ޑޮކްޓަރުން ލާޒިމްކޮށްފައިވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.

"ރޭގައި ވެސް ނަސްރީނާ ޖަލަށް ވަޑައިގެން، މައުމޫން އެ އެކްސަސައިޒްތައް ހައްދަވަންދެން އަރިހުގައި ހުންނެވި. އެކަން ނިމުމުން އަނބުރާ މާލެ ވަޑައިގެންނެވީ،" ނާދިރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ބާއްވަން އޮތް އާއިލީ ބައްދަލުވުން ވެސް މައުމޫންގެ ހާލުކޮޅު ގޯސްކަމުން ކެންސަލްކޮށްފައިވާ ކަމަށެވެ.

މައުމޫންގެ މައްޗަށް ކޮށްފައިވާ ކުށުގެ ތުހުމަތުތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު އެއީ މައުމޫންގެ ސިއްހީ މައްސަލައާ ގުޅިގެން ކަމެއް ނޭނގެ އެވެ. މިއީ މައުމޫންގެ ޝަރީއަތް ކެންސަލް ކުރި ތިން ވަނަ ފަހަރެވެ. މައުމޫން ހައްޔަރުކޮށްފައިވަނީ، ސިޔާސީ ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވުމަށް ފަހުގަ އެވެ. އަދި އޭގެ ފަހުން ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފަ އެވެ.