Roadha Mihaaru
ފަރުވާ އަށް ފަހު މައުމޫން ދޫނިދު އަށް ގެންގޮސްފި

މައުމޫނަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ދޫނިދު އަށް ގެންގޮސްފި

11 މެއި 2018

ފުލުހުންގެ ބަންދުގައި، ދޫނިދޫގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އަނބުރާ ދޫނިދު އަށް ގެންގޮސްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުލުހުންގެ ބަންދުގައި، ދޫނިދޫގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އަނބުރާ ދޫނިދު އަށް ގެންގޮސްފި އެވެ.

ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫނަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ، މައުމޫން ކަރުންމަތީގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ފަހު އަނބުރާ ދޫނިދު އަށް ގެންދިޔައީ މިއަދު ހަވީރު ހައެއް ޖަހަން އުޅެނިކޮށެވެ.

އާއިލާ އާއި ވަކީލުން ބުނެފައިވާ ގޮތުގައި، ޖަލަށް ލުމުގެ ކުރިން ވެސް މައުމޫން ފަރުވާ ހޯއްދަވަމުން ގެންދެވި، ބަލި މިހާރު ވަނީ ބޮޑުވެފަ އެވެ. އާއިލާ އިން ބުނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައިވާ ކަމަށެވެ.

އެ ބަލީގެ ސަބަބުން ވަރަށް ބޮޑަށް ބޯއެނބުރުމާއި ކުއްލިއަކަށް ވެއްޓުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ. އެ ގޮތަށް ވެއްޓޭ އިރު އެހީތެރިވޭނެ މީހަކު ކައިރީގައި ނެތް ނަމަ ފުރާނަ އަށް ގެއްލުންވުމުގެ ފުރުސަތު އޮވެ އެވެ.

މައުމޫނަށް ކުރިމަތިވެވަފައިވާ އެ ބައްޔާ ގުޅިގެން އެމަނިކުފާނު ގިނިކަންޏާ ނުހުންނެވުމަށް ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. އެހެންވެ، ޖަލުން މައުމޫން ގޭބަންދަށް ބަދަލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އެދިފައިވީ ނަމަވެސް މިހާތަނަށް އެމަނިކުފާނު ގޭބަންދަށް ބަދަލެއް ނުކުރެ އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، މައުމޫން ހައްޔަރުކުރީ ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތާ އެކު ޓެރަރިޒަމްގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މައުމޫންގެ މައްޗަށް ކުރެ އެވެ.