Roadha Mihaaru
ސިޔާސީއިދިކޮޅުލީޑަރުންގެ އަނބިންނާ ކެޝަޕް ބައްދަލުކޮށްފި

ޖަަލަށް ލާފައިވާ ސިޔާސީ ބޭފުޅުންގެ އަނބިންނާ ކެޝަޕް ބައްދަލުކުރައްވައިފި

05 ޖޫން 2018

ތަފާތު އެކި މައްސަލަތަކުގައި، ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ބޭފުޅުންގެ އަނބިންނާ، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަތުލް ކެޝަޕް މިއަދު ބައްދަލު ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ތަފާތު އެކި މައްސަލަތަކުގައި، ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ބޭފުޅުންގެ އަނބިންނާ، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަތުލް ކެޝަޕް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު، ކުރެއްވި ޓްވީޓެއްގައި ކެޝަޕް ވިދާޅުވީ ޖަލަށް ލާފައިވާ ސިޔާސީ ލީޑަރުންގެ އަނބިންގެ ހިތްވަރާއި ކެކުޅުމާ މެދު އޭނާ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފި ކަމަށެވެ. އަދި އެބޭފުޅުންގެ ހިތްވަރަށް އޭނާ ސާބަސް ދެއްވި އެވެ.

އެ ބައްދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން ސިޔާސީ އެހެން އިދިކޮޅު ބައެއް ބޭފުޅުންގެ އަނބިން ވެސް ބައިވެރިވެވަޑައިގަތެވެ.

ކެޝަޕް ވިދާޅުވި ގޮތުގައި، ޚާއްސަކޮށް ރޯދަ މަހެއްގައި އެފަދަ މަޖުބޫރީ ހާލަތެއްގައި، ޖަލަށް ލާފައިވާ ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއްގެ އަނބިން ވަކިން އުޅުއްވަން ޖެހިވަޑައިގަތުމަކީ އާއިލާ އަށް ލިބޭ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ.

އެމެރިކާގެ ސަފީރު މިއަދު މެންދުރު ވަނީ އިދިކޮޅު ސިޔާސީ ބޭފުޅުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެމްޑީޕީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އެ ޕާޓީ އާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެންބަރުންގެ ތެރެއިން ބައެއް ބޭފުޅުންނާ ވެސް ވެސް ކެޝަޕް ބައްދަލުކުރެއްވި އެވެ.

ކެޝަޕްގެ މި ދަތުރުގައި، ރާއްޖެ ވަޑައިގެން ސިޔާސީ އިދިކޮޅު ބޭފުޅުންނާ ބައްދަލު ކުރައްވަމުން ގެންދަވާއިރު، އެ ގައުމުން ރާއްޖެ އަށް އާ ސަފީރެއް ކަނޑައަޅަން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމަވައިފަ އެވެ.

ނޭޕާލުގައި މިވަގުތު ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލިޓްޒް، ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވަން ޓްރަމްޕް ނިންމަވައި މިހާރު ވަނީ އޭނާގެ ނަން އެމެރިކާގެ ސެނެޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ.