Roadha Mihaaru
ބަންދުވާން ނުޖެހޭ ބަޔަކު ކުށްތަކުގައި ބަންދުވެއްޖެ: ރައީސް

ބަންދުވާން ނުޖެހޭ ބަޔަކު ކުށްތަކުގައި ބަންދުވެއްޖެ: ރައީސް ޔާމީން

02 ޖުލައި 2018

ގާނޫނާއި އުސޫލުތަކުން ބޭރުވެ ހިންގި ކުށްތަކެއްގެ ސަބަބުން، ބަންދުވާން ނުޖެހޭ ބަޔަކު ވެސް ބަންދު ކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނާއި އުސޫލުތަކުން ބޭރުވެ ހިންގި ކުށްތަކެއްގެ ސަބަބުން، ބަންދުވާން ނުޖެހޭ ބަޔަކު ވެސް ބަންދު ކޮށްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅުގައި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރަަން އެ އަތޮޅަށް ވަޑައިގެން ބިލެތްފަހީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގައި އޮތީ މުޅިން ވެސް ސިޔާސީ ހަމަނުޖެހުން ކަމަށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ހަނގާ ކުރުމާއި ހަމަޖެހުން ނަގައިލުމުގެ އަމަލުތަކެއް ހިންގަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.

އެއާ އެކު، ސިޔާސީ ކަންކަން އިތުރަށް ގޯސް ކުރުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އެތެރެ އާއި ބޭރުގައި އަދި މަގުމަތީގައި ވެސް ގާނޫނާއި އުސޫލުތަކުން ބޭރު، އަމަލުތަކެއް ހިންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ އަމަލުތަކުގެ ތެރޭގައި ބައެއް އިއްޒަތްތެރިން ބަންދު ކުރަން ޖެހުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އުސޫލުތައް ދޫކޮށްލައި، އުސޫލުތަކަށް ގޮންޖަހާފައި ކުރި ކަންކަމުގެ ތެރޭގައި ވަރަށް ބޮޑެތި ތަކުލީފުތަކެއް އަޅުގަނޑުމެން އުފުލައިފި. އޭގެ ތެރޭގައި އެކިއެކި ކުށްތަކުގައި އިއްޒަތްތެރި ބޭފުޅުން ވެސް ބަންދުކުރަން ޖެހުނު. އެކަމަކު، އެ ބޭފުޅުން ވެސް ހައްޔަރުކޮށްފައި އެ ވަނީ، އެ ބޭފުޅުން ކުރެއްވި ކުށްތަކަކަށް ޝަރީއަތުގެ މަރުހަލާ ހިނގައި އެ ކަންކަން ސާބިތުވެގެން،" ރައީސް ވިދާޅުވި އެވެ.

ބަންދުގައި ތިބީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ދައުލަތުން އުފުލި ތުހުމަތުތަކާއި ޝަކުވާތަކަށް ޖަވާބުދާރީވެ، ކުށުން ބަރީއަ ނުވެވުނު ބޭފުޅުންނެވެ.

"އެހެންވީމާ އެހެރީ ކަންކަން ހިނގާފައި. ހިނގައިގެން މި ދެންނެވި ކަހަލަ އެއްގޮތަކަށް ވެސް ބަންދުވާން ނުޖެހޭ މީހުންތަކެއް ބަންދު ވެސް ވެއްޖެ. މީގެ އުނދަގޫ އަޅުގަނޑުމެންގެ މުޅި މުޖުތަމައުން ހިއްސާ ކުރޭ، މުޅި މުޖުތަމައު އެބަ އުފުލާ،" ރައީސް ވިދާޅުވި އެވެ.

ބައެއް އިއްޒަތްތެރިން ބަންދުކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއިރު، ސިޔާސީ އިދިކޮޅު ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަންކުރަން ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށް، ޝަރީއަތް ހިންގައި ހުކުމް އިއްވާފައިވެ އެވެ. އޭގެ ތެރޭގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް އަދި ރައީސް ޔާމީން އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކެއް ހިމެނިވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެތެރެ އާއި ބޭރުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިނގި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން، އިދިކޮޅު ފަރާތްތަކުން ވެއްދި އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައާ ގުޅިގެން، މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާ އަށް ވެންނެވުން މަނާކުރި މައްސަލައިގައި ހަމަނުޖެހުންތަކެއް ހިނގި އެވެ. އެ ހަމަނުޖެހުންތަކުގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.