Roadha Mihaaru
އިދިކޮޅު ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެފި

އިދިކޮޅު ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ޕީޕީއެމުން ތުހުމަތުކޮށްފި

24 ޖުލައި 2018

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ދާ ކަމަށް ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން ދާ ކަމަށް ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި އިއްޔެ އިދިކޮޅުގެ ފަރާތްތަކުން މުޒާހަރާ ކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ހަލީލް ވިދާޅުވީ މުޒާހަރާގެ ބޭނުމަކީ ކޮމިޝަނުގެ މެންބަރުންނަށް ބިރުދައްކައި ނުފޫޒު ފޯރުވުން ކަމަށެވެ.

"މިފަދަ އަމަލުތައް އިދިކޮޅު ފަރާތްތަކުން ހުއްޓާލައި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށް ލޯބި ކުރަން ޖެހޭ. އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދޭން ޖެހޭ،" ހަލީލް ލިއުއްވި އެވެ.

މީގެ އިތުރުން އޭނާ ވަނީ އެމްޑީޕީގެ ޖަގަހަތަކަށް ގޮސް ރީ-ރެޖިސްޓްރީ ކުރާ ބައެއް މީހުންގެ ފޯމުތައް ކޮމިޝަނާ ހަވާލުނުކުރާ ގޮތަށް އެ ޕާޓީން ނިންމާފައިވާ ކަމަށް، އެހެން ޓްވީޓެއްގައި ވިދާޅުވެފަ އެވެ.

"އެމްޑީޕީގެ އޮފީހުން ބެކްގްރައުންޑް ޗެކްކޮށް، އެމްޑީޕީއަށް ވޯޓު ނުލިބޭ ނަމަ އިލެކްޝަންސް ކޮމިޝަނަށް ފޯމު ނުވައްދާނެ ކަމުގެ މައުލޫމާތު ލިބޭ،" ހަލީލް ލިއުއްވި އެވެ.

"ދިވެހި ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގު މިގޮތަށް ހައިޖެކް ކޮށްގެން ނުވާނެ!"

ހަލީލް ކުރެއްވި ޓްވީޓް

ހަލީލްގެ މި ވާހަކަތައް މިއައީ ސަރުކާރުން ބޭނުންވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނަށް ލައިގެން، ވޯޓު އޮޅުވާލަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނިކޮށެވެ. ޕީޕީއެމުން ކުރިއަށް ގެންދާ ރީ-ރެޖިސްޓްރޭޝަންގެ ކަންކަމާއި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ބޭނުންކުރާތީ އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާޑު ވެސް ކިޔަމުންނެވެ.