10 މެއި 2018
ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލީ 2016 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހާ ހަމައަށް، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް އެ ދެ ބޭފުޅުން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަދަބުގެ އަސާސީ މިންގަނޑަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ގާޒީ އަދަބު ކަނޑައެޅުއްވީ އަސާސީ މިންގަނޑަށް ވުރެ ހަތަރު ދަރަޖަ މަތިކޮށް، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ.
އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ޝަހީދު ވިދާޅުވި ގޮތުގައި އަދަބުގެ ދަރަޖަ މަތިކުރީ އެ ދެ ބޭފުޅުން އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބަވައިގެން ނުފޫޒު ފޯރުވި ކަން ކަމަކީ އާންމު މަސްލަހަތާ ގުޅުން ހުރި ކަންކަމަށް ވެފައި އަދި އެކަމުގެ ސަބަބުން ދައުލަތުގެ މުއައްސަސާ އަކާ މެދު އޮތް އިތުބާރު ކުޑަވާ ގޮތަށް އެ ބޭޭފުޅުން އަމަލު ކުރައްވާފައިވާތީ އެވެ. އަދި އެފަދަ ކަންކަމަކީ ގާނޫނުލް އުގޫބާތު އޮތްގޮތުން އަދަބުގެ ދަރަޖަ މަތި ކުރެވޭނެ ކަންކަން ކަމަށް ގާޒީ ޝަހީދު ހުކުމް އިއްވަވަމުން ވިދާޅުވި އެވެ.
ހުކުމް އިއްވެވުމުގެ ކުރިން، ފާހަގަ ކުރެއްވި ނުކުތާތައް އިއްވަވަމުން ގާޒީ ޝަހީދު ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެކި މައްސަލަަތަކުގައި އެ ބޭފުޅުން ބޭނުންވާ ގޮތަށް ހުކުމްތައް ނެރުމަށް ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެގޮތުން ދަށު ކޯޓެއްގެ ފަނޑިޔާރަކު ބެއްލެވި މައްސަލައެއްގައި އެ ފަނޑިޔާރާއި އެ ކޯޓުގެ އިސް ފަނޑިޔާރު ސުޕްރީމް ކޯޓަށް ގެންގޮސް، އަލީ ހަމީދު ބޭނުންވާ ގޮތަށް އެ މައްސަލައިގެ ހުކުމް ބަދަލުކޮށް، އެގޮތަށް ހުކުމް ކުރުވިކަން އެނގޭ ކަމަށް ގާޒީ ޝަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން، މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސިޔާސީ ފަރާތްތަކާއި ޝަރުއީ ދާއިރާގެ އިސް ފަރާތްތަކުގެ މައްޗަށް އަމުރުތައް ނެރުމުގައި "ވިސްނާލުމަށް" ދަށު ކޯޓެއްގެ ފަނޑިޔާރަކަށް ގުޅުއްވައިގެން އުއްތަމަ ފަނޑިޔާރު ވިދާޅުވި ކަމަށާއި އަދި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އެހީވާން ޖެހޭނެ ކަމަށް އެ ފަނޑިޔާރު ގާތު އެމަނިކުފާނު ވިދާޅުވި ކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ގާޒީ ޝަހީދު ވިދާޅުވި އެވެ. އަދި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނު މައްސަލާގައި ވެސް އުއްތަމަ ފަނޑިިޔާރު ނުފޫޒު ފޯރުވި ކަމަށް ހެކިން ބުނެފައިވާ ކަން ގާޒީ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މައްސަލައަކާއި އިތުރު އެހެން ބައެއް މައްސަލަތަކުގައި ވެސް އަލީ ހަމީދު ނުފޫޒު ފޯރުވިކަން ހެކިންގެ ބަހުން އެނގޭ ކަމަށް ގާޒީ ޝަހީދު ވިދާޅުވި އެވެ.
އެ މައްސަލާގައި ސިއްރުން ހެކިބަސް ދިން އެއް ހެއްކަކު ވަނީ ސިޔާސީ ބޭފުޅުންތަކެއް ހައްޔަރު ކުރަން ނެރުނު އަމުރުތަކަކާ ގުޅިގެން އޭނާ އަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ގުޅުއްވައި، ނުފޫޒު ފޯރުވި ކަމަށާއި އަދި ފަހުން އޭނާ އެ އަމުރު ބާތިލް ކުރި ކަމަށް ތަހުގީގުގައި ބުނެފަ އެވެ.
ކޯޓުގައި އޭނާ ހެކިބަސް ދެމުން ބުނެފައި ވަނީ އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އޭނާ އަށް ގުޅުއްވައި، ވާހަކަފުޅު ދެއްކެވި ކަމަށާއި އެކަމަކު އޭނާ އެ އަމުރުތައް ބާތިލް ކުރީ އެ އަމުރުތައް އޭނާ ދިރާސާ ކުރިއިރު އެ އަމުރުތައް ދަމަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެނުމުން ކަމަށެވެ. އެކަމާ ގުޅިގެން ގާޒީ ޝަހީދު ވިދާޅުވީ، އެ ހެކިވެރިޔާ އަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުފޫޒު ފޯރުވިކަން އޭނާގެ ބަހުން އެނގޭއިރު އެ އަމުރުތައް ބާތިލް ކުރި ސަބަބެއް ބުނެދެވިފައި ނެތް ކަމަށެވެ. އެހެންވެ، އެ އަމުރު ބާތިލްކުރީ ނުފޫޒު ފޯރުވުމުގެ ސަބަބުން ކަން އެނގޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުލަތުގެ މަގާމަކީ ހަވާލު ކުރެވޭ އަމާނާތެއް ކަން ފާހަގަ ކުރައްވައި، ގާޒީ ޝަހީދު ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އެ އަމަލުތަކަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވަޔާ ޚިލާފްވުން ކަމަށާއި އަދި އެއީ ގާނޫނުއަސާސީ އަށް ވެފައިވާ ޚިޔާނާތެކެވެ.
ހުކުމް އިއްވުމުން، ކޯޓު ރޫމުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ނުކުމެވަޑައިގަަތްއިރު ވެސް ތިއްބެވީ ހިނިތުންވެވަޑައިގެންނެވެ. ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކު ނުކުމެ ވަޑައިގަތުމުގެ ކުރިން، ދެ ބޭފުޅުން ވެސް އެ ބޭފުޅުންގެ ވަކީލުންނާ ސަލާމް ކުރެއްވި އެވެ. އަދި ނުކުމެ ވަޑައިގަތުމުގެ ކުރިން ދިފާއީ ވަކީލުންނާ މުޚާތަބު ކުރައްވައި، އުއްތަމަ ފަނޑިޔާރު ވިދާޅުވީ "ގާނޫނުއަސާސީ ނެގެހެއްޓުމަކީ ބޮޑު މަސައްކަތެއް" ކަމަށެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން ގެންދިޔައީ ސިއްރު ކޮށްގެން ކަމަށް ވިޔަސް، ހުކުމް އިއްވީ އާންމުކޮށް ހުޅުވާލާފައިވާ މަޖިލީހެއްގަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު، ޖެމްސް ސިސްޓަމް ޑައުން ކުރަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޯޓުން މިދިޔަ އަންގާރަ ދުވަހު އޮތީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން އެ ދެ ބޭފުޅުންގެ މައްޗަށް ކުރެ އެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވަ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ޖަލު ހުކުމުގެ އިސްތިއުނާފް މަރުހަލާތައް ނިމޭއިރު، ދަށު ކޯޓުގެ ދަމަހައްޓައިފި ނަމަ އެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ. ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ 10 ދުވަހުގެ މުއްދަތެކެވެ.
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް ސުޕްރީމް ކޯޓަށް
އަލީ ހަމީދާއި ހަސަން ސައީދުގެ ހެކި ބަހެއް ނުނެގި!
އަމުރުތައް ނެރުނީ ދެ ފަނޑިޔާރުން އަންގާ ގޮތަށް!
އަލީ ހަމީދުގެ ކޮރަޕްޝަން ދައުވާގެ ޝަރީއަތް ފަށަނީ
އުއްތަމަ ފަނޑިޔާރަށް އާ ތުހުމަތެއް، ތަހުގީގު ފަށައިފި
"އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ"
ފަނޑިޔާރުން ގަތް މުދަލުގެ މައުލޫމާތު ދޭންޖެހޭ: ޝިއާން
"އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ފެނިފައިވޭ"
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް