Roadha Mihaaru
އަލީ ހަމީދުގެ ކޮރަޕްޝަން ދައުވާގެ ޝަރީއަތް ފަށަނީ

އަލީ ހަމީދުގެ ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ހަތަރު އަހަރު ފަހުން ފަށަނީ

29 އެޕްރީލް 2018

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކޮރަޕްޝަންގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވި މައްސަލައިގެ ޝަރީއަތް ހަތަރު އަހަރު ފަހުން ފަށަން ތައްޔާރުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކޮރަޕްޝަންގެ ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވި މައްސަލައިގެ ޝަރީއަތް ހަތަރު އަހަރު ފަހުން ފަށަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އެ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް ބޮޑެތި ދައުވާތަކެއް މިހާރު އުފުލާފައިވާ އަލީ ހަމީދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ އޭޕްރީލް، 2014 ގަ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް ކޯޓުން މިހާތަނަށް އޮތީ ނުފަށަ އެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމަށްޓަކައި މީގެ ދެ ހަފުތާ ކުރިން އެ މައްސަލައިގެ ލިޔުންތައް އަލީ ހަމީދާ ކޯޓުން ހަވާލު ކޮށްފައިވާ ކަން އޭނާގެ ވަކީލުން ކަށަވަރުކޮށް ދިނެވެ. އެކަމަކު މައްސަލައިގެ އަޑުއެހުމެއް އަދި ނުބާއްވަ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މައްސަލައެއްގެ ވެސް އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން އެ މައްސަލައާ ގުޅޭ ލިޔުންތައް ދައުވާ ލިބޭ ފަރާތަށް ހަވާލު ކުރާނެ އެވެ.

އަލީ ހަމީދަށް ކޮރަޕްޝަންގެ ދައުވާ ކުރީ ދައުލަތުން ފަނޑިޔާރުންގެ ފޯނު ބިލްތައް ދައްކަމުން ގެންދިޔަ ދުވަސްވަރު ފަނޑިޔާރު އަލީ ހަމީދުގެ ފޯނުން އެހެން ފޯނުތަކަކަށް 2،000 އަށް ވުރެ ގިނަ ރުފިޔާ ޓްރާންސްފާ ކުރި ކަމަށް ބުނެ އެވެ. އޮޑިޓާ ޖެނެރަލް 2010 ވަނަ އަހަރު ނެރުއްވި ރިޕޯޓެއްގައި އެ މައްސަލަ ފާހަގަ ކުރެއްވުމުން އެ މައްސަލަ ތަހުގީގު ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.

އަލީ ހަމީދުގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނިކޮށް، އެ މައްސަލައިގެ ލިޔުންތަކަށް ކޮފީ އެޅި، ލިޔުންތައް ހަލާކުވި ކަމަށް ކްރިމިނަލް ކޯޓުން ޕީޖީ އޮފީހަށް އޭރު އެންގި އެވެ.

ކޮރަޕްޝަންގެ ދައުވާގެ ޝަރީއަތް ފަށަން ތައްޔާރުވަމުންދާއިރު، އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން މިހާރު ވަނީ އުފުލައިފަ އެވެ. އޭގެ ތެރެއިން ދެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިހާރު ވަނީ ފަށައިފަ އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވެސް އެކި ދައުވާތައް ދައުލަތުން ކުރާއިރު، އެ ބޭފުޅުން މިހާރު ތިއްބެވީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ، އެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.