Roadha Mihaaru
އެންމެ ކޮރަޕްޓް މީހުން ތިބީ އިދިކޮޅުގައި: ރައީސް

އެންމެ ކޮރަޕްޓް މީހުން ތިބީ އިދިކޮޅުގައި: ރައީސް ޔާމީން

11 މެއި 2018

މި ސަރުކާރަށް ނިސްބަތްކޮށް، އަޑުހަރުކޮށް ކޮރަޕްޝަންގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު އެންމެ ކޮރަޕްޓް މީހުން ތިބީ އިދިކޮޅު ޕާޓީތަކުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރަށް ނިސްބަތްކޮށް، އަޑުހަރުކޮށް ކޮރަޕްޝަންގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު އެންމެ ކޮރަޕްޓް މީހުން ތިބީ އިދިކޮޅު ޕާޓީތަކުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމުން އަލިމަސް ކާނިވަލުގައި ބޭއްވި "ހެސްކިޔާފައި" ޖަލްސާގައި، ސިޔާސީ ގޮތުން އެމަނިކުފާނަށް އަމާޒުކުރާ އެންމެ ބޮޑު ފާޑުކިޔުމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަންގެ ވާހަކަ ދެއްކޭ ވަރުގެ އެއްވެސް ލީޑަރަކު އިދިކޮޅުގައި ނެތް ކަމަށެވެ. އެ ވާހަކަ ދެއްކޭ ވަރުގެ ލީޑަރެއް އިދިކޮޅުގައި ހުންނެވި ނަމަ، ރާއްޖޭގައި މިހާތަނަށް ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑެތި މައްސަލަތައް ހުންނާނީ ބަލާފައި ކަމަށް ވިދާޅުވި އެވެ.

"އަދި އެ މައްސަލަތަކުގައި އެޅުނު ފިޔަވަޅުގެ ސަބަބުން އިތުރު ކޮރަޕްޝަނެއް ނުހިނގާ ވަރަށް ކަންކަން ހުންނަންވާނީ ތަންފީޒު ކުރެވިފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮރަޕްޝަންގެ "ހަމަލާތަކަށް" ރައީސް ރައްދު މި ދެއްވީ، މިދިޔަ ބުދަ ދުވަހު ބޭއްވި މެލޭޝިއާ އިންތިހާބުން ވެސް ފެނުނީ ކޮރަޕްޝަނަށް އެ ގައުމުގެ ރައްޔިތުން ނޫނެކޭ ބުނި މަންޒަރު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެ އިން ވެސް އެ މަންޒަރު ފެންނާނެ ކަމަށް އިދިކޮޅުން ބުނެފައި ވަނިކޮށެވެ.

މެލޭޝިއާ އިންތިހާބުގައި، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގާ ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، އަދި އެ ގައުމުގައި ކުރިން ވެރިކަން ކުރެއްވި މަހާތީރު މުހައްމަދެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކޮރަޕްޝަނޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައި ސަރުކާރަށް ދަތިކުރަމުން ދަނީ އެންމެ ބޮޑަށް ކޮރަޕްޝަންގެ އަމަލުތައް ހިންގެވި ލީޑަރުންނެވެ. އިދިކޮޅު ޕާޓީތަކުން އެއްބައިވެގެން އުޅެނީ ސަރުކާރުގައި މައްސަލަތަކެއް ހުރެގެން ނޫން ކަމަށާއި އެ މީހުންނަށް މައްސަލައަކަށް ވެފައި ވަނީ އުސޫލްތައް ތަންފީޒުކުރަން މި ސަރުކާރުން ކުރާ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ހިންގުމުގެ ނިޒާމާއި މީހުން އިތުބާރުކޮށްގެން ތިބި ނިޒާމް، އަދުލު އިންސާފުގެ ނިޒާމް ނޫނީ އެހެން ވެސް ނިޒާމްތައް ހަރާބުކުރީ ކޮން ބައެއްތޯ؟ ފައިސާގެ، ކޮރަޕްޝަންގެ ނުފޫޒު، ފެބުރުއަރީ 1 ގައި ނެރުނު އަމުރާ ގުޅިގެން އެ ބޭފުޅުން ދެއްކެވި ވާހަކަތައް، އެއީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މާލެ އަށް މިރޭ ވެހުނު ވިއްސާރައާ އެކު، ޕީޕީއެމްގެ ޖަލްސާ އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާއިރު، ރައީސް ޔާމީންގެ ދެކަނބަލުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މާލެ އަށް މިރޭ ވެހުނު ވިއްސާރައާ އެކު، ޕީޕީއެމްގެ ޖަލްސާ އަލިމަސް ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދާއިރު، ރައީސް ޔާމީންގެ ދެކަނބަލުން އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ވާހަކަތަކުގައި، ވެރިކަން ބަދަލުކުރަން ފައިސާ ހިމަނާފައި ހުރީ ކިހާ މިންވަރަކަށްތޯ ވެސް އެ ބޭފުޅުން ވާހަކަ ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅުން މަސައްކަތް ކުރަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތައް ދައްކައި މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާށެވެ. އެކަންކަމަށް ވިސްނައި، އެ މަޝްރޫއުތައް ނިންމުމުގެ ފުރުސަތު އެމަނިކުފާނަށް ދޭން ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީން މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ސިޔާސީ އެއްވެސް ލީޑަރަކާ ވާދަކުރައްވާކަށް ނޫނެވެ. އެމަނިކުފާނުގެ ހަމައެކަނި މަގްސަދަކީ، ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކަށް އެ ތަަރައްގީ ނުފެނުނަސް ރައްޔިތުން އެކަން ބަލައިގަންނަކަން އެނގެނީ، ފެނާއި ނަރުދަމާގެ ނިޒާމާއި ބަނދަރާއި ދެ ރަށް ދެމެދުގައި ވެސް ބްރިޖް އަޅަން އެމަނިކުފާނަށް އަންނަ ހުށަހެޅުންތަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަންތައްތައް ރައްޔިތުންނަށް ފަހިކޮށްދީ، އަމާންކަން ގާއިމްކޮށްދެވޭނީ އެމަނިކުފާނާ އެކު ރައްޔިތުން ތިބެގެން ކަމަށް ވެސް ވިދާޅުވި އެވެ.