Roadha Mihaaru
މަތީ ތައުލީމުގެ ފެންވަރާ މެދު ސުވާލު!

މަތީ ތައުލީމުގެ ފެންވަރާ މެދު ސުވާލު!

17 މެއި 2018

އާބާދީ މަދު މި ރާއްޖޭގައި ޑިގްރީ އާއި މާސްޓާސް އިން ފެށިގެން ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. އެއްގޮތަކުން އުފާވެރި ކަމެކެވެ. ނަމަވެސް އުފެދޭ ސުވާލުތައް ގިނަ އެވެ. މަތީ ފާސް ނަގައިގެން މަސައްކަތު މާހައުލުގައި ތަފާތު ދެއްކޭތޯ އެވެ؟ ވިސްނުން ތޫނު، ހީވާގި ގިނަ ސިކުނޑިތަކެއް އުފެދިއްޖެތޯ އެވެ؟ އެކި މީހުންގެ ޖަވާބު ތަފާތެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އާބާދީ މަދު މި ރާއްޖޭގައި ޑިގްރީ އާއި މާސްޓާސް އިން ފެށިގެން ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. އެއްގޮތަކުން އުފާވެރި ކަމެކެވެ. ނަމަވެސް އުފެދޭ ސުވާލުތައް ގިނަ އެވެ. މަތީ ފާސް ނަގައިގެން މަސައްކަތު މާހައުލުގައި ތަފާތު ދެއްކޭތޯ އެވެ؟ ވިސްނުން ތޫނު، ހީވާގި ގިނަ ސިކުނޑިތަކެއް އުފެދިއްޖެތޯ އެވެ؟ އެކި މީހުންގެ ޖަވާބު ތަފާތެވެ.

ވަރަށް ރަނގަޅަށް ހިންގާ އަދި ދަރިވަރުންގެ ފެންވަރު ރަނގަޅަށް ވަޒަންކޮށްގެން ސަނަދު ދޭ ކޮލެޖުތަކާއި ޔުނިވަސިޓީތައް ރާއްޖޭގައި ވެސް އެބަ ހުއްޓެވެ. ހަމަ އޭގެ އަނެއް ކޮޅުވެސް އެބަ އޮތެވެ. މަތީ ތައުލީމު ދިނުމަކީ ހަމައެކަނި ފައިސާ ހޯދަން ކުރާ ވިޔަފާރިއަކަށް ހެދުމުން އޭގެ ނުރަނގަޅު އަސަރު ރާއްޖޭގެ މަތީ ތައުލީމަށް ފޯރަމުން ދާކަމުގެ ޝަކުވާގެ އަޑު ވެސް އިވެ އެވެ.

ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮލެޓީއަށް ބެލުމެއް ނެތި، ކަމަކަށް ކަމެއް ކުރާ އުސޫލުން މަތީ ތައުލީމުގެ ކަންކަން ކުރިއަށް ގެންދާ ތަންތަން އިތުރުވުމެވެ. އެ ބޭފުޅުން ގަބޫލުކުރައްވަނީ ކޮލެޖްތަކުގެ ވާދަވެރިކަން ބޮޑުވެ، ގިނަ ދަރިވަރުން ހޯދަން ކޮލެޓީ ދޫކޮށްލާފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ކްލާހެއްގައި-- މިހާރު ފޮޓޯ

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް ކްލާހެއްގައި-- މިހާރު ފޮޓޯ

ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތަށް ބަލާއިރު ވީހާވެސް ގިނަ ބަޔަކަށް މަތީ ތައުލީމުގެ ސެޓްފިކެޓް ހޯދައިދިނުމަކީ އަމާޒެކެވެ. އެގޮތުން ކްލާހަށް ހާޒިރުނުވެ ފަސޭހައިން ކިޔެވޭނެ ގޮތްތައް ހަދާފައިވެ އެވެ. މިސާލަކަށް ބްލޮކް މޯޑެވެ. އެ އުސޫލުގެ ދަށުން ކިޔަވާ މީހުން ކޮލެޖަށް ނުވަތަ ޔުނިވާސިޓީއަށް ހާޒިރުވާން ޖެހެނީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. އަމިއްލަ ކޮލެޖްތަކުން ރަށްރަށުގައި ހިންގާ ވާޗްއަލް ކޯސްތަކަކީ ވެސް އެކަހަލަ ފުރުސަތެކެވެ.

މިއީ ހަގީގަތުގައި ވެސް ކާމިޔާބު ނިޒާމުތަކެއްތޯ ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަވަ އެވެ. މަތީ ތައުލީމާ ގުޅުން ހުރި ދާއިރާއަކުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅަކު، ހުންނެވި މަގާމުގެ ގޮތުން ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ ބްލޮކް މޯޑަކީ ފެންވަރު ރަނގަޅު މަތީ ތައުލީމު ދޭ ގައުމުތަކުގައި ބަލައި ގަންނަ ނިޒާމެއް ނޫން ކަމަށެވެ.

މަތީ ތައުލީމަށް އުނގެނޭއިރު އޭގެ އެންމެ މުހިންމު އެއް ކަމަކީ ޔުނިވާސިޓީގައި ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ދަސްވާ ކަންކަން ކަމަށް ވާއިރު ބްލޮކް މޯޑާ އެކު އެ ފުރުސަތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި ބޭނުންވަނީ ޔުނިވާސިޓީގެ ކަލްޗާގެ ތެރެއިން ތައުލީމު އުނގެނުން. ވީކެންޑުގައި ދަރިވަރު ކްލާހަށް އައިމަ އެއް މަސް ދުވަހަށް ވާ ވަރަށް ދަރިވަރުގެ ބޮލަށް ހުރިހާ އެއްޗެއް އަޅައިދޭންވީމަ ދަރިވަރަށް އެއްޗެއް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

ހަމަ އެފަދަ އެހެން މައްސަލައެކެވެ. ފުލް ޓައިމްކޮށް ވަޒީފާތަކުގައި އުޅެމުން "ފުލްޓައިމް ކޯސްތަކުން" ކިޔެވުމެވެ. ދިރިއުޅުމުގެ ކަންކަމާއި ވަޒީފާގެ ބުރައާ އެކު ދަރިވަރު އައިސް ކްލާހުގައި ހޭދަކުރާ ދެ ތިން ގަޑިއިރުގެ ތެރޭގައި ރަނގަޅު ތައުލީމެއް އުނގެނުމުގެ ފުރުސަތު ކުޑަވާނެ ކަމަށް، ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

"މަތީ ތައުލީމު އުނގެނުމަށް ރިސާޗްތައް ހަދަން ޖެހޭ. ފޮތްތައް ކިޔަން ޖެހޭ. ފުލް ޓައިމްކޮށް ވަޒީފާގައި އުޅެމުން، ފުލް ޓައިމްކޮށް ދިރިއުޅުމެއް އުޅެމުން، ފުލް ޓައިމްކޮށް ކިޔަވަންވީމާ އެކަމެއް ނުވޭ،" ޔުނިވާސިޓީއެއްގެ ލެކްޗަރާއަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ހުރި އެހެން ގޮންޖެހުންތަކަށް ބަލާއިރު ރަނގަޅު ލެކްޗަރާއިން ނެތުމުގެ މައްސަލައަކީ ވެސް ރާއްޖޭގެ މަތީ ތައުލީމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގައި ޕީއެޗްޑީއަށް ކިޔަވައިދެ އެވެ. އެކަމަކު ޕްރޮފެސަރުންނެއް ނެތެވެ. ޕީއެޗްޑީ ފަދަ އެންމެ މަތީ ފަންތީގެ ތައުލީމު ދޭއިރު ރާއްޖޭގައި މޮޅު ޕްރޮފެސަރުންގެ އެހީތެރިކަން ބޭނުންވެ އެވެ.

ދެން އޮތީ ޕާޓް ޓައިމް ލެކްޗަރާއިންގެ ވާހަކަ އެވެ. ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވައިދޭ ތަންތަނުގައި ގިނައިން މަސައްކަތް ކުރަނީ ޕާޓް ޓައިމް ލެކްޗަރާއިންނެވެ. އެހެންކަމުން ކިޔަވައި ދިނުމުގެ ފެންވަރު، ގިނަ ފަހަރަށް، ދަށްވާ ކަމަށް ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

"ކޮންމެވެސް ކަމެއްގައި ނޫނީ ވަޒީފާއެއްގައި އުޅެފައި ލެކްޗަރާ މިއަންނަނީ. އެހެން އަންނައިރު ގިނަ ފަހަރަށް ރަނގަޅަށް ތައްޔާރުނުވެ ހުންނާނީ. ފައިސާ ލިބޭތީ އެ އަންނަނީ އެކަމަށް،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، ކޮލެޖެއްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

"ތައްޔާރުނުވެ އައިސް ކްލާހުގައި ވާހަކަތަކެއް ދައްކާފައި ދިއުމަކުން ކުދިންނަށް އޭގެ އެންމެ ރަނގަޅު އެއްޗެއް ބުނެއެއް ނުދެވޭ."

ފުލް ޓައިމް ލެކްޗަރާ އިން ނުލިބުމުން އެތަންތަން ފޫބައްދަން ދެން ބޭނުންކުރަނީ ތަޖުރިބާ ކުޑަ ލެކްޗަރާއިންނެވެ. ޑިގްރީ ނުވަތަ މާސްޓާސް ނިންމާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑިގްރީ ކްލާސްތަކަށް ކިޔަވައިދޭން ދާ ލެކްޗަރާއިން އުޅެ އެވެ.

މަތީ ތައުލީމަށް ކިޔަވައިދިނުމުގައި ބައެއް ތަންތަނުން ދެން ގުޅޭ އުސޫލާ މެދު ވެސް، ބައެއް ތަޖުރިބާކާރުން ކަންބޮޑުވެ އެވެ. އެގޮތުން ފާސްކުރަން ފަސޭހައަކަށްޓަކައި ގިނައިން މާކްސް ލިބޭ ގޮތަށް އެސައިންމަންޓްތައް ދެ އެވެ. ބައެއް ދަރިވަރުން އެކި މީހުން ލައްވާ އެސައިންމެންޓްތައް ހަދައިގެން ހުށަހަޅަ އެވެ. ނަމަވެސް އެއީ ދަރިވަރުގެ އަމިއްލަ އެއްޗެއްތޯ ކަށަވަރެއްނުކުރެ އެވެ.

އެސައިންމަންޓް ހަދައިދޭ ކަމަށް ރާއްޖޭގެ ވެބްސައިޓެއްގައި އިއުލާންކޮށްފައި---

އެސައިންމަންޓް ހަދައިދޭ ކަމަށް ރާއްޖޭގެ ވެބްސައިޓެއްގައި އިއުލާންކޮށްފައި---

ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހި ގިނަ ދަރިވަރުން ފޮތް ކިޔަން ޝައުގުވެރިކަން ނުހުންނާތީ އެސައިންމަންޓަށް ރިސާޗް ކުރުމާ ދަރިވަރުން ދުރެވެ. ދެން އޮތީ ވަޒީފާގެ ސަބަބުން އެކަށީގެންވާ ވަގުތު ނުލިބުމެވެ. މިފަދަ ދަރިވަރުންގެ އަތުން އަގު ނަގައިގެން އެސައިންމަންޓް ހަދައިދޭ މީހުން އެކަން ސޯޝަލް މީޑިއާގައި އިސްތިހާރުކުރެ އެވެ. އެހެންކަމުން ސެޓްފިކެޓް ހޯދަން އެހެން މީހުން ލައްވާ އެސައިންމަންޓް ހެދުން އާންމުވަމުން ދާކަމަށް ބެލިދާނެ އެވެ.

ފާރަވެރިންގެ ހާލަކީ ކޮބާ؟

ރާއްޖޭގައި ހިންގާ ހުރިހާ ކޯހަކަށް ވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހުއްދަ ލިބެން ޖެހެ އެވެ. އެ ކޯސްތަކުގެ ފެންވަރާއި ކޯސް ހިންގަން ޖެހޭނެ މިންގަނޑު ކަނޑައަޅައި މޮނީޓާ ކުރުމަކީ އެމްކިޔުއޭގެ ޒިންމާ އެވެ.

އެމްކިޔުއޭގެ ފެންވަރާ މެދު ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަވަ އެވެ. އެއީ އެ އޮތޯރިޓީގައި މަތީ ތައުލީމުގެ ކޮލެޓީއާ ގުޅޭ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މީހުން މަދު ވުމެވެ. އެ އޮތޯރިޓީގެ ގަވަނިން ބޮޑީގައި ޕީއެޗްޑީ ބޭފުޅުން ތިއްބެވި ނަމަވެސް އޮތޯރިޓީ ހިންގުމުގެ ކަންކަމުގައި އެބޯޑަށް ބާރެއް ނެތެވެ.

އެމްކިޔުއޭއިން ކޯސްތަކަށް ހުއްދަ ދޭއިރު ފާރަވެރިވާނެ ތައުލީމީ އަދި ތަޖުރިބާކާރު ބަޔަކު ތިބުން ވަރަށް މުހިންމެވެ. މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރަން ބޭނުން ނަމަ ވަކި ކޮޅަކަށް ނުޖެހޭނެ އަދި ވަކި ކޮލެޖަކާ ގުޅުމެއް ނެތް ތަޖުރިބާކާރުންގެ ބައެއްގެ ލަފާ އަބަދު ވެސް ހޯދުން މުހިންމެވެ.

ނަތީޖާ އަކީ ކޮބާ؟

ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވާ ނިންމާ ދަރިވަރުންގެ ފެންވަރާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ މަތީ ތައުލީމުގެ ސެޓްފިކެޓުގެ އަގު އެ ދަނީ ވެއްޓެމުންނެވެ.

ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވި ގޮތުގައި ސެޓްފިކެޓް ލިބިފައިވާ މީހުން އިތުރު ކުރަން ގެންގުޅޭ ވިސްނުމުގެ ބަދަލުގައި ރާއްޖޭގައި ދޭ މަތީ ތައުލީމުގެ ކޮލެޓީއަށް ސަރުކާރުން މިވަނީ ވިސްނަން ޖެހިފަ އެވެ.

"ރާއްޖެއަކީ ކުޑަ ގައުމެއް ވީމަ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިގެން ދާންވާނީ. އިންޑިއާގައި ހެން މާސް އެޑިއުކޭޝަން ސިސްޓަމަކަށް ނޫން. އޭރުން ކޮލެޓީ ހުރި މީހުން އުފެދޭނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރަން ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވާ ހިސާބަށް ކަންތައް އެބަ ދާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ. އެ ޒިންމާ އޮތީ ސަރުކާރުގެ ކޮޅުގަ އެވެ.