Roadha Mihaaru
63 ސްޓޯލާއެކު ޔޫތު ޗެލެންޖް އަންނަ މަހު ފަށަނީ

63 ސްޓޯލާއެކު ޔޫތު ޗެލެންޖް އަންނަ މަހު ފަށަނީ

24 ޖުލައި 2016

ޒުވާނުންނަށް ވަޒީފާ އާއި މަތީ ތައުލީމަށް ހުރި ފުރުސަތުތައް އަންގައިިދޭން ބާއްވާ ޔޫތު ޗެލެންޖް އަންނަ މަހު އޮންނާނެ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޒުވާނުންނަށް ވަޒީފާ އާއި މަތީ ތައުލީމަށް ހުރި ފުރުސަތުތައް އަންގައިިދޭން ބާއްވާ ޔޫތު ޗެލެންޖް އަންނަ މަހު އޮންނާނެ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ވިދާޅުވީ އަންނަ މަހުގެ 3-6 އަށް ދަރުބާރުގޭގައި ބާއްވާ ޗެލެންޖުގައި 63 ސްޓޯލް ހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޗެލެންޖަށް އެއްބާރުލުން ދޭން އެކި ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަމުން އަންނަ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒަކީ ވިދާޅުވީ މި އަހަރުގެ ޔޫތު ޗެލެންޖުގައި ރިކޯޑު އަދަދަކަށް އެކި ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުވާލީ 51 ސްޓޯލަށް ކަމަށާއި ނަމަވެސް ލިބުނު ތަރުހީބު ބޮޑުވުމުން އެ އަދަދު އިތުރުކުރަންޖެހުނީ ކަމަށެވެ.

"އިތުރުވީމަ އިތުރު ތަންތަން އަޅުގަނޑުމެން ފަހުން ނަގަން ޖެހުނީ. ތަންތަން ނަގައިގެން އެ އަދަދު 63 އަށް އިތުރުކޮށްފައި ވާނީ،" ޒަަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޗެލެންޖަކީ ޒުވާނުންނަށް ރަނުގެ ފުރުސަތުތަކެއް ވެގެންދާނެ ހަރަކާތެއް ކަމަށެވެ. އެހެންކަމުން ޗެލެންޖުގެ ބޭނުން ގިނަ ޒުވާނުން ރަނގަޅު ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މި ޗެލެންޖުގެ ތެރޭގައި ކުންފުނިތަކާއި އޮފީސްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އިންޓާންޝިޕްތަކުގެ މައުލޫމާތު ދެވޭނެ އެވެ.

ޔޫތު ޗެލެންޖަކީ 1999 ވަނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. މީގެ ކުރިން ބޭއްވި ޗެލެންޖުތަކުން ވެސް ރަނގަޅު ނަތީޖާއެއް ނިކުތް ކަމަށާއި މި އަހަރުގެ ޗެލެންޖުގައި ވެސް ކާމިޔާބު ވާނެ ކަމަށް އެ މިިނިސްޓްރީން ބުންޏެވެ.