Roadha Mihaaru
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް

ޒުވާނުންގެ މެދުގައި އެންމެ ގިނައީ ޓްރެފިކް ވަޔަލޭޝަންގެ ކުށްތައް: ދިރާސާ

24 އޮކްޓޯބަރ 2022

ޒުވާނުންގެ މެދުގައި އެންމެ ގިނައީ ޓްރެފިކް ވަޔަލޭޝަންގެ ކުށްތައް ކަމަށް ދިވެހި ޒުވާނުންގެ ހާލަތު ދެނެގަތުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި ދިރާސާއެއްގައި ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޒުވާނުންގެ މެދުގައި އެންމެ ގިނައީ ޓްރެފިކް ވަޔަލޭޝަންގެ ކުށްތައް ކަމަށް ދިވެހި ޒުވާނުންގެ ހާލަތު ދެނެގަތުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި ދިރާސާއެއްގައި ބުނެފި އެވެ.

ދިވެހި ޒުވާނުން ކުށްތަކަށް އަރައިގަންނަ ސަބަބުތައް ދެނެގަނެ އަދި ޒުވާނުން ކުށްކުރުމާ ދުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ކުރި އެ ދިރާސާ އިފްތިތާހު ކުރީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ ޒުވާނުންގެ އެވޯޑް ހަފުލާގަ އެވެ.

ރާއްޖޭގެ އެކި ރަށްތަކުން، 18 އަހަރުން މަތީގެ އެކި އުމުރުފުރާތަކުގެ މީހުން ދިރާސާގައި ބައިވެރިވި އެވެ. އޭގެ ތެރެއިން 55 ޕަސެންޓަކީ އަންހެނުން އަދި 45 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ.

އެމްއެންޔޫގެ ނުވަ ދިރާސާވެރިންގެ ޓީމަކުން ކުރި އެ ދިރާސާ އިން އެނގުނު ގޮތުގައި ޒުވާނުން ކުށްކުރާ ވަރަށް ބަލާއިރު ވަރަށް ގިނަ ޒުވާނުން ޓްރެފިކް ގަވައިދާ ހިލާފުވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޑްރައިވިން ލައިސަންސް ނެތް ޒުވާނުން ކަމަށް ބުންޏެވެ.

ޓްރެފިކް ޕޮލިސް: ޒުވާނުންގެ މެދުގައި އެންމެ ގިނައީ ޓްރެފިކް ވައިލޭޝަންގެ ކުށްތައް ކަމަށް އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި ދިރާސާއިން އެނގިފައިވޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓްރެފިކް ޕޮލިސް: ޒުވާނުންގެ މެދުގައި އެންމެ ގިނައީ ޓްރެފިކް ވައިލޭޝަންގެ ކުށްތައް ކަމަށް އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރި ދިރާސާއިން އެނގިފައިވޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު

• ޓްރެފިކް ގަވާއިދާ ހިލާފުވި ރައްޓެހިންނާއި އާއިލާ މީހުން އެނގޭ ކަމަށް 42 ޕަސެންޓް މީހުން ބުނި.

• ލައިސެންސް ނެތި ވެހިކަލް ދުއްވާ ރައްޓެހިންނާއި އާއިލާ މީހުން އެނގޭ ކަމަށް 59 ޕަސެންޓް މީހުން ބުނި.

• އެނގި ހުރެ ޓްރެފިކް ގަވާއިދާ ހިލާފުވި ކަމަށް 23 ޕަސެންޓް މީހުން ބުނި.

• އެނގި ހުރެ ލައިސަންސް ނެތި ވެހިކަލް ދުއްވި ކަމަށް 37 ޕަސެންޓް މީހުން ބުނި.

ޓްރެފިކް ވަޔަލޭޝަންގެ ކުށްތަކުގެ އިތުރުން ދެން އެންމެ ގިނައީ މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި އަދި ތަކެއްޗާއި ތަންތަނަށް ގެއްލުން ދިނުމުގެ ކުށުގެ މައްސަލަތަކުގައި ހިމެނޭ ޒުވާނުން ކަމަށް އެ ދިރާސާގައި ބުންޏެވެ.

ދިރާސާގެ މަގުސަދު

• ކުރާ ކުށްތަކާއި އެ ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބު ދެނެގަތުން.

• ކުށް ތަކުރާރު ކުރަން މެދުވެރިވާ ސަބަބު ދެނެގަތުން.

• ޒުވާނުންގެ ލައިފްސްޓައިލާއި ނަފުސާނީ ހާލަތު ދެނެގަތުން.

• ގާނޫނުގައި ހުރި މައްސަލަތައް ދެނެގަތުން.

• ވަޒީފާ ނެތް ޒުވާނުން ގިނަވާ ސަބަބުން ދެނެގަތުން.

• އާމްދަނީ ހޯދޭ މަސައްކަތްތައް ކުރާ ޒުވާނުން މަދުވާ ސަބަބު ދެނެގަތުން.

• ހުސްވަގުތު ހޭދަކުރާ ގޮތް ދެނެގަތުން.

މި އަހަރުގެ "ޒުވާނުންގެ އެވޯޑް" ހަވާލު ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އެވޯޑު ލިބުނު ޒުވާނުން -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ "ޒުވާނުންގެ އެވޯޑް" ހަވާލު ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އެވޯޑު ލިބުނު ޒުވާނުން -- ފޮޓޯ: ރައީސް އޮފީސް

ދިރާސާގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ޒުވާނުން ކުށްކުރުން ތަކުރާރުކުރަން މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް މަދުވުމާއި އާއިލީ މައްސަލަތައް ހިމެނެ އެވެ. ހާއްސަކޮށް ރަށްރަށުގައި މަތީ ތައުލީމު ހޯދޭނެ ފުރުސަތުތައް ނެތުމަކީ ވެސް ސަބަބެއް ކަމަށް ދިރާސާގައި ބައިވެރިވި މީހުން ބުންޏެވެ.

ކުޅިވަރާއި އިތުރު ހަރަކާތްތަކުގެ ފުރުސަތުތައް އަދިވެސް ރަށްރަށުގައި ވަރަށް މަދު ކަން ދިރާސާ އިން އެނގެ އެވެ.

ތަންފީޒީ އިދާރާތަކުން މަސައްކަތް ކުރާ ގޮތް ރަނގަޅު ކަމަށް ވިޔަސް، ގާނޫނާއި ގަވާއިދުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން އެ އިދާރާތަކާއި މުޖުތަމައާ ދެމެދު އޮންނަ ގުޅުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށް އެ ދިރާސާގައި ބުންޏެވެ.

ޒުވާނުންނަށް ރިހިބިލިޓޭޝަންގެ ފުރުސަތުތައް ވެސް އެންމެ އެކަށޭނެ ގޮތަށް ލިބެން ނެތް ކަމަށް ދިރާސާގެ ބައިވެރިން ބުންޏެވެ.

ޒުވާނުންގެ ޖިސްމާނީ އަދި ނަފުސާނީ ހާލަތު ބައްޓަންކުރުމުގައި އެންމެ ބޮޑު ރޯލެއް ކުޅެނީ އާއިލާ އާއި ރައްޓެހިން ކަމުގައިވާއިރު، އެ ދިރާސާގައި ބައިވެރިވި އުމުރުފުރާތަކާ އަޅާބަލާއިރު ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ދަށެވެ.

މާލެ އުސްފަސްގަނޑު ސަރަހައްދުގައި ޒުވާނުންތަކެއް ކަސްރަތުކުރަނީ؛ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ދަށް ކަމަށް ދިރާސާގައި ބުނި -- ފޮޓޯ: މިހާރު

މާލެ އުސްފަސްގަނޑު ސަރަހައްދުގައި ޒުވާނުންތަކެއް ކަސްރަތުކުރަނީ؛ ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ދަށް ކަމަށް ދިރާސާގައި ބުނި -- ފޮޓޯ: މިހާރު

ކުށްކުރުން މަދުކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

ޒުވާނުން ކުށްކުރުން މަދުކުރުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި، ދިރާސާގައި ވަރަށް ގިނަ ކަންކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި؛

• ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމާއި ނަފުސާނީ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން

• ގްރޭޑް 12 އާ ހަމަ އަށް ނުވަތަ 18 އަހަރު ވަންދެން ކިޔަވަން ޖެހޭ ގޮތަށް ހެދުމާއި އަމަލީ ތަމްރީނު ލިބޭނެ ކަހަލަ ގޮތަކަށް ފުރުސަތުތައް ފަހިކޮށްދިނުން.

• ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ލިބޭ ފުރުސަތު ފަހިކޮށްދިނުމާއި އަދި ކުޑަކުދިންނާއި ޒުވާނުންނަށް ކެރިއާ ގައިޑެންސް ދިނުން.

• ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުން.

• ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ފުރުސަތުތައް ފަހިކޮށްދިނުން.

އެމްއެންޔޫ އިން ބުނީ އެ ދިރާސާގެ ތަފުސީލީ ރިޕޯޓް މި ހަފުތާގައި އެ ޔުނިވާސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށެވެ.