Roadha Mihaaru
އެމްއާރުޑީސީގެ އެމްޑީ ހައުސިންގެ އިސް މަގާމަކަށް

އެމްއާރުޑީސީގެ އެމްޑީ ހައުސިންގެ އިސް މަގާމަކަށް

13 މެއި 2018

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަމްދީ އަގީލު ހައުސިން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަމްދީ އަގީލު ހައުސިން މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްއެއްގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

މިހާރު އުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއާރުޑީސީގެ އިސް ވެރިއަކަށް ހަމްދީ ހަމަޖެއްސެވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު އެ ކުންފުނި އުވާލަން ނިންމައި، މިހާރު އެތަނުގެ ގިނަ މަސައްކަތްތައް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

ހަމްދީ އަކީ، ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލްގެ ކޮއްކޮ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމާއި އެސްޓީއޯ ގޭހުގެ ޗެއާމަންކަން ހިމެނެ އެވެ.

އެމްއާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު މަމްދޫހް (މަންޑޭ) ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރައްވާފަ އެވެ.

އެމްއާރުޑީސީ އުވާލަން ނިންމި އިރު އެއީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެ އެވެ. މިހާތަނަށް އެ ކުންފުނީގައި ފަސް މެނޭޖިން ޑިރެކްޓަރުން މަސައްކަތްކޮށްފައިވެ އެވެ.