Roadha Mihaaru
ދިރިއުޅުމުގެ ހާލަތު ބަލަން ފްލެޓް ކޮމިޓީން ގޭގެ އަށް

ފްލެޓްތަކުގެ ހައްގުވެރިން ހޯދަން ކޮމިޓީން ގޭގެ އަަށް

01 ޑިސެމްބަރ 2019

ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން މާދަމާ އިން ފެށިގެން ގޭގެ އަށް ޒިޔާރަތްކުރަން ފަށާނެ ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން މާދަމާ އިން ފެށިގެން ގޭގެ އަށް ޒިޔާރަތްކުރަން ފަށާނެ ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.

ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 25،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެތެރެއިން 7،000 ފްލެޓް ކަށަވަރުވި މީހުންނަށް ކުރީގެ ސަރުކާރުން ވަނީ ލިއުން ހަވާލުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދިނީ ބޭއިންސާފުން ކަމުގެ ޝަކުވާ ބޮޑެވެ.

މި ތުހުމަތުތައް ބަލައި ފްލެޓްތަކުގެ ހައްގުވެރިން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޓީއެއް އުފައްދަވައިފަ އެވެ. އެ ކޮމިޓީން ވަނީ، ހިޔާ މަޝްރޫ އަށް ހުށަހެޅި ހުރިހާ ފޯމެއް ވަކިވަކިން ބަލައިފަ އެވެ.

ކޮމިޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން، ހިޔާ މަޝްރޫއުން ފްލެޓަށް އެދި ހުށަހަޅާފައިވާ 25،244 ފޯމު ވަކިވަކިން ޗެކްކޮށް، އެ ފޯމުތަކާ އެކު މިނިސްޓްރީ އަށް ހުށަހެޅި ލިޔެކިޔުންތައް މިހާރު ވަނީ ތަރުތީބުކޮށްފަ އެވެ. އެ ލިއުންތައް ހުރީ ހައުސިން މިނިސްޓްރީގެ ގުދަންތަކުގައި، އެކި ހާލަތުގައި ކަމަށް ވެސް ކޮމިޓީން ބުންޏެވެ.

ހިޔާ މަޝްރޫއުގައި ފްލެޓަށް އެދެން ހުށަހެޅި ފޯމުތައް: މިހާތަނަށް ބެލިބެލުމުގައި ވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް ފާހަގަވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފައި.

ހިޔާ މަޝްރޫއުގައި ފްލެޓަށް އެދެން ހުށަހެޅި ފޯމުތައް: މިހާތަނަށް ބެލިބެލުމުގައި ވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް ފާހަގަވެފައިވާ ކަމަށް ކޮމިޓީން ވަނީ ބުނެފައި.

ފްލެޓް ކޮމިޓީގެ މަސައްކަތް މިހާ ދިގުލައިގެން ދިޔައީ، އެ ކޮމިޓީން ބުނިގޮތުގައި، ހަތް ކެޓަގަރީން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމުތައް ވަކިކޮށް، އެ ފޯމުތަކާ އެކު ހުށަހަޅާފައި ހުރި ލިޔެކިޔުންތައް ހަމަކޮށް، ތަރުތީބުކުރާށެވެ. އެ މުއްދަތުގެ ތެރޭގައި، ފްލެޓްތަކާ ގުޅިގެން ހުށަހެޅި ޝަކުވާތައް ވެސް ވަކިވަކިން ބެލި ކަމަށް ކޮމިޓީން ބުންޏެވެ.

އެ ކޮމިޓީން މިހާރު ކުރަމުން އަންނަނީ ފޯމުތައް އަލުން އިވެލުއޭޓް ކުރުން ނުވަތަ ހައުސިން މިނިސްޓްރީން ކުރިން އާއްމުކޮށްފައިވާ މިންގަނޑާ އެއްގޮތަށް މާކްސް ދިނުމުގެ މަސައްކަތެވެ.

30 މާކްސް ދިން ގޮތެއް ނޭނގެ!

ހިޔާ މަޝްރޫއުގައި އާއްމުކޮށްފައިވާ ޕޮއިންޓް ދިނުމުގެ އުސޫލްގައިވާ ގޮތުން ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް 30 މާކްސް ދޭން ކަނޑައަޅާފައިވެ އެވެ. އެކަމަކު ކުރީގެ ސަރުކާރުން ފްލެޓްތަކުގެ ހައްގުވެރިން ކަނޑައެޅީ ފޯމުލީ މީހުންގެ ގޭގެ އަށް ޒިޔާރަތްނުކޮށެވެ. އެހެންކަމުން، އެ 30 މާކްސް ދީފައިވާ ގޮތާ މެދު ކޮމިޓީން ސުވާލު އުފައްދަ އެވެ.

ކޮމިޓީން ބުނީ ފޯމު ހުށަހެޅި ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފައި ވަނީ "ދިރިއުޅުމުގެ ހާލަތު"ގެ ބަޔަށް ރިއާޔަތް ނުކޮށް ކަމަށެވެ.

ހިޔާ މަޝްރޫއުގެ ގިނަ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ހާލަތު، ބަޔަށް ޕޮއިންޓް ދިނުމަށް ނިންމާފައިވީ ނަމަވެސް، މިބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮން ކަންތައްތަކަށް ކަމެއް ނުވަތަ ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވަނީ ކޮން މިންގަނޑެއް ކަމެއް، ކޮމިޓީން މިހާތަނަށް ބެލި ބެލުމުން އެނގެން ނެތެވެ. އަދި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މީގެކުރިން ގޭގެއަށް ޒިޔާރަތްކޮށްފައި ނުވާ ކަން ވެސް ފާހަގަކުރަމެވެ.

ކޮމިޓީން ބުނިގޮތުގައި އެންމެ އިންސާފުވެރި އަދި ހަމަހަމަކަމާ އެކު "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދެވޭނީ، ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްގެންނެވެ.

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް: މި ފްލެޓްތައް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި. --ފޮޓޯ/މިހާރު

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް: މި ފްލެޓްތައް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި. --ފޮޓޯ/މިހާރު

ހާލަތު ބަލަން ދާނީ ދެ މީހުންގެ ޓީމަކުން

ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ގޭގެ އަށް ދިރިއުޅުމުގެ ހާލަތު ބަލަން ދިއުމާ ގުޅޭ ގޮތުން ބައެއް މައުލޫމާތު ކޮމިޓީން ވަނީ އާއްމުކޮށްފަ އެވެ.

- ފޯމު ހުށަހަޅައި ޝަރުތު ހަމަވި މީހާގެ ގެއަށް ޒިޔާރަތްކުރުމުގެ ކުރިން 3010718 ނަންބަރުން ގުޅައި ދާނެ ދުވަހަކާއި ގަޑި އަންގާނެ.

- ދިރިއުޅުމުގެ ހާލަތު ބަަލަން ގޭގެ އަށް ޒިޔާރަތް ކުރާނީ 2 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކުން.

- ހާލަތު ބަލަންދާ ޓީމުގައި ހިމެނޭ މީހުންގެ އަތުގައި ރައީސް އޮފީހުގެ ތައްގަނޑު ޖަހާފައިވާ އައިޑެންޓިފިކޭޝަން ކާޑެއް އޮންނާނެ.

- ގޭގެ އަށް ޒިޔާރަތްކުރާނީ ހެދުނު 10:00 އިން އިރުއޮއްސި 18:00 އާ ދެމެދު.

"ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމްތައް، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެސެސްކުރަމުން ދަނީ، އަދި ޕޮއިންޓް ދިނުމަށް ހަމަޖެހިފައި ވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކޮންމެ ކެޓަގަރީއަކަށް ވެސް އެންމެ ފަހުން ގެޒެޓްކޮށްފައިވާ ޝަރުތުތަކާއި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުތައް އަސްލަކަށް ބަލައިގެންނެވެ،" ކޮމިޓީން ކުރި އިއުލާންގައިވެ އެވެ.

ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފޯމު ހުށަހެޅި ފަރާތުގެ އާމްދަނީ އާއި ގެއަށް ލިބޭ އާމްދަނީގެ އިތުރުން ދިރިއުޅޭ ތަނުގެ ހާލަތުގެ އިތުރުން ވެސް ބައެއް ކަންކަން ބަލާން ވަނީ ނިންމައިފަ އެވެ.

ހިޔާ މަޝްރޫއުގައި އިމާރާތްކުރާ 7،000 ފްލެޓް އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން މި ސަރުކާރުން ވިސްނީ ޑިޒައިނަށް ބަދަލު ގެނެސް ފްލެޓްތަކުގެ އަދަދު މަދުކުރުމަށެވެ. އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަަށް މަދުވާނެ އެވެ. މިގޮތަށް ބަދަލުކުރަން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު މިހާރު ނިންމާފައި ވަނީ އަދަދު މަދު ނުކުރުމަށެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.