Roadha Mihaaru
ހޮޓާ ހިންގުމުގައި ވަހީދުގެ "ކުއީން" އަކީ އަންހެނުން!

ހޮޓާ ހިންގުމުގައި ވަހީދުގެ "ކުއީން" އަކީ އަންހެނުން!

22 މެއި 2018

އެންމެ ފުރަތަމަ އޭނާ އަކީ ޕިޔޯނެކެވެ. ބޮޑުވަޒީރުގެ އޮފީހުން ފެށިގެން ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ވެސް އެ ވަޒީފާ އަދާކުރި އެވެ. އެކަމަކު ޒަވާޖީ ހަޔާތެއް ފަށައި ކުދިން ލިބެން ފެށުމުން، އިތުރު މަސައްކަތެއް ކުރަން މަޖުބޫރުވި އެވެ. އެހިސާބުން އޭނާ ވަނީ ސައި ވިއްކުމުގެ ވިޔަފާރީގެ ތެރެއަށެވެ. އަންހެނުންގެ ގޭގެ ކުޑަކުޑަ ތަންކޮޅެއްގައި 70ގެ އަހަރުތަކުގެ ފަހުކޮޅު ހ. ކުއީން، އަހުމަދު ވަހީދު ހުޅުވި "އީވްނިން ގްލޯރީ" ހޮޓަލަކީ އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް އޭނާގެ ނަމާ ގުޅިފައިވި ކާމިޔާބު ވިޔަފާރިއެކެވެ. މާލޭގެ އެންމެ މަޝްހޫރު އެއް ހޮޓާ ކަމުގައިވި އެތަނުން ލިބޭ ހެދިކާތަކާއި ކެއުންތަކުން އެތައް ބަޔެއްގެ އަރުތެރޭގައި މީރު ރަހަ ލައްވާލި އެވެ. އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ދިވެހި ކުޅިވަރުގެ އެންމެ އުހަށް ދަތުރުކުރި ކުރުމުގައި ވެސް ކުއީން ވަހީދުގެ އެ ވިޔަފާރީގެ ހިއްސާ އެބައޮތެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މީގެ ސާޅީހަކަށް އަހަރު ކުރިން ވަހީދު އެ ދަތުރު ފެށީ އަތުގައި އެކައްޗެއް ވެސް ނެތި އެވެ. ދަތުރުކުރަން ޖެހުނީ އަޑިގުޑަންގިނަ މަގުތަކުންނެވެ. ޕިޔޯނަކަމުން ލިބޭ ކުޑަކުޑަ މުސާރަކޮޅު އެކީއެކަށް ފުރަތަމަ ޖެހުނީ ހަރަދުކުރާށެވެ. ބައެއް ފަހަރު މަހެއް ގަނެލާނެ ފައިސާ ފޮއްޗެއް ވެސް އަތުގައި ނެތިދިޔަ އެވެ. އެ ދަތުރު ކާމިޔާބުކުރުމުގެ ސިއްރަކީ ކޮބައިތޯ އެހުމުން އަނގައިގައި އެއްބައި އޮއްވާ ވަހީދު ބުނަނީ އެއީ އޭނާގެ އަންހެނުން އަޒީޒާ އަހުމަދު ކަމަށެވެ. "ފޮރި ވަހީދު"، "ކުއީން ވަހީދަ"ށް ބަދަލުވީ ވެސް ހަގީގަތުގައި އަންހެނުންގެ ގެ ކަމަށްވާ ހ. ކުއީންއާ ގުޅިގެންނެވެ. އެއީ ވަހީދުގެ ހަޔާތުގެ ރާނީ އެވެ.

"އީވްނިންގްލޯރީ" އެންމެންގެ ދުލުކުރީ ބަހަކަށް ބަދަލުވި ބަދަލުވުމާ ބެހޭގޮތުން ވާހަކަދައްކަން ފަށާ ކޮންމެ ފަހަރަކު "މިއީ މަގޭ އެކަނި ކަމެއް ނޫން" ކަމަށް ވަހީދު ބުނަނީ އެހެންވެގެންނެވެ.

"އަމަލީ ގޮތުންނޭ؟ މާބޮޑަށް ވެސް އަމަލީ ގޮތުން އޭނާ [އަޒީޒާ] މަސައްކަތްކުރީ،" އިންޓަވިއުގެ މެދުތެރެއިން އަންހެނުން އަޒީޒާ ގެނެސް ކައިރީގައި ބައިންދައިގެން އުމުރުން 72 އަހަރުގެ ވަހީދު ވާހަކަ ފެށި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ) ކުއީން ވަހީދުގެ ކަރުގައި އޮނޮރަރީ އެވޯޑުގެ މެޑަލް އަޅުއްވައިދެއްވަނީ: އޭނާ އަކީ ފުޓްބޯޅައިގެ ވަރުގަދަ ހިދުމަތްތެރިއެއް ވެސް މެ. -- ފޮޓޯ: މޯލްޑިވްސް ފުޓްބޯލް

ހޮޓަލަށް ބޭނުންވާ ހެދިކާ ހަދައި، ކެއްކުން އޮންނަނީ ހޮޓަލާ އިންވެފައި ހުރި އަންހެނުންގެ ގޭގަ އެވެ. ވަހީދުގެ ނިޔަމިކަމުގެ ދަށުން، އަޒީޒާ އިސް ފަޅުވެރިއަކަށް ހުރެ މަސައްކަތް ކުރާއިރު އަތްގާތްކޮށްދޭން ތިބެނީ އަޒީޒާގެ އެއްބަނޑުއެއްބަފާ ކުދިންނެވެ. އަރައިގެން އަންނަ އިރާއެކު ސައިބޯން ވަންނަ މީހުންނަށާއި ނުވަޑިއަށް ސައިބޯން ވަންނަ ސަރުކާރުގެ މުވައްޒަފުންނަށް ބޭނުންވާ އެއްޗެހި ތައްޔާރުކުރުމުގެ މަސައްކަތް ފަތިހު ފަތިހާ ފަށަ އެވެ. އެއަށް ފަހު އޮންނާނީ ހަވީރަށް ބޭނުންވާ ހެދިކާ ހެދުމެވެ. އެ މަސައްކަތުގައި އުޅެމުން، އަސުރަށް ފަހު ވަހީދު ބާޒާރަށް ދިއުމުން، ސޭޓަކީ ވެސް، ސައި ބަހައްޓާ މީހަކީ ވެސް އަޒީޒާ އެވެ.

"ކިހިނެއް މުވައްޒިފުން ގެންގުޅޭނީ. ލާރި އެއީ އެ ދުވަސްވަރު ވަރަށް ތަދު އެއްޗެއް،" ވަހީދު ބުންޏެވެ.

މާލޭގައި އެންމެ މީރު ހެދިކާ ލިބޭ އެއް ހޮޓަލުގެ ގޮތުގައި "އީވްނިން ގްލޯރީ" މަޝްހޫރުވުމުގެ ފަހަތުގައި ވެސް އޮތީ ބޭރު ބަޔަކު ނުގެނެސް ސީދާ އަމިއްލަ އަށް ހެދިކާ ހެދުމެވެ. އަނގަޔަށް މީރު އަތަށް ހެޔޮވަރު ގުޅައަކީ އެ ހޮޓަލުގެ އެއް ނަންބަރެވެ. އެކަކު މަސްހުނިގަނޑު މޮޑޭއިރު އަނެކަކު ހުންނާނީ ފުށްގަނޑު ތައްޔާރުކޮށް ގުޅަވަށަން ތައްޔާރުގަ އެވެ. ދެން ހުންނަ މީހާ ހުންނާނީ ތެޔޮ ތާސް ދޮށުގަ އެވެ. އޭރު އެ ގުޅައިގެ ހިޔާލު ބޮލުގައި ކައްކަމުން، ޒުވާނުންތައް އެކި އަވަށް އަވަށުން ހޮޓަލާ ދިމާއަށް މިސްރާބު ޖަހަން ފަށައިފާނެ އެވެ. ހޮޓަލަށް އަރަން ނުކެރޭ އަބުއި މީހުން ވަލުދޮރޯށި ދޮށުގައި ހެދިކާ ގަންނަން ކިއޫގައި ތިބޭނެ އެވެ. މީހުން ފޮނުވައިގެން މާލޭގެ އެކި ފަންތީގެ ގޭގެ އަށް ހެދިކާ ގެންދެ އެވެ.

"ބޭރު މީހަކު ނެތި އަހަރެމެން އެންމެން ވެގެން މަސައްކަތްކުރުން މީގައި ތަފާތަކަށް އައި ކަމަކީ. އަނެއްކާ ސީދާ އިހުގެ ދިވެހި ކެއްކުން އެއީ،" ހެދިކާގެ މީރު ރަހައިގެ ސިއްރާ ބެހޭގޮތުން އެހުމުން އަޒީޒާ ބުންޏެވެ.

އަޒީޒާ (ކ) އޭނާގެ ދަރިފުޅު އަލީ އާޒިމްގެ ގައިގައި ބައްދާލަނީ: ވަހީދުގެ ކްލަބުގެ މަސައްކަތްތަކާ ފަހުން ހަވާލުވީ އާޒިމް.

އަޒީޒާ (ކ) އޭނާގެ ދަރިފުޅު އަލީ އާޒިމްގެ ގައިގައި ބައްދާލަނީ: ވަހީދުގެ ކްލަބުގެ މަސައްކަތްތަކާ ފަހުން ހަވާލުވީ އާޒިމް.

އެ ހޮޓާ ހޮޓަލަކަށްވީ އިރު ވަހީދަށް ނިއު ރޭޑިއަންޓް ހިންގުން އެ ކްލަބުގެ ބާނީން ވަނީ ހަވާލުކޮށްފަ އެވެ. އެ ކްލަބަށް އޭނާ ކުރި ހޭދައެއްވިއްޔާ ކުރީ ހޮޓަލުގެ ވިޔަފާރިންނެވެ. އެކަމަކު ހަގީގަތުގައި ކްލަބުގެ ސަބަބުން ވެސް ވަހީދުގެ ވިޔަފާރި އަށް ފައިދާތަކެއްވި އެވެ. ކްލަބުގެ ސަޕޯޓަރުން އެތަނަށް ސައިބޯން ވަދެ އެވެ. އަނެއްކާ ވަހީދަކީ ނިއުގެ ބޮހަށް ވާތީ ހޮޓަލަށް އިތުރު މަޝްހޫރު ކަމެއް ލިބުނެވެ.

ވަހީދުގެ 12 ކުދިން ބޮޑެތިވަމުން އައި ދުވަސްވަރަކީ ހޮޓަލުގެ ވިޔަފާރި ފުޅާވެ އަދި ކްލަބް ވެސް ފިޔަ ފަޅައިގެން އުދުހި ގަތް ދުވަސްވަރެވެ. އެފަދަ ޒިންމާ ބޮޑު އިރެއްގައި ވިޔަފާރި ކާމިޔާބުކުރީ ކިހިނެއްތޯ އެހުމުން ވެސް ވަހީދު އެކަމުގެ ޝުކުރާއި ސާބަސް ރައްދުކުރީ ވެސް އަންހެނުންނަށެވެ.

"މަ ހަގީގަތުގައި (ދަރީންގެ) އެއްވެސް ކަމެއް ނުކުރަން. ކުއްޖަކު ސްކޫލަކަށް ވެސް ނުގެންދަން. މިއީ ހުރިހާ ވެސް މީހަކީ،" އަންހެނުންނަށް ބަލާލާގައި ވަހީދު ބުންޏެވެ.

އަނެއް ސަބަބަކީ ވަހީދު ބުނި ގޮތުގައި ނިއު ރޭޑިއަންޓުގެ ކަންކަމުގައި، އެ ދުވަސްވަރުގެ ކަމުވޮށިގެންވާ މީހުންތަކެއް ގެޔަށް ވަންނަން ފެށުމެވެ. ސަރުކާރުގެ އިސް މަގާމްތައް ފުރުއްވަމުން ގެންދެވި މީހުންނާއި ވިޔަފާރިވެރިންތަކެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. އަހުމަދު ހިލްމީ އާއި އަހުމަދު ޒަކީ އާއި ޗަމްޕާ ހުސެއިން އަފީފާއި މުހައްމަދު އުމަރު މަނިކު (ކޮލި މޮހޮދޭ) އާއި އަބްދުއްސައްތާރު ޔޫސުފް ފަދަ ބޭބެފުޅުންނަކީ އޭރު ނިއު އަށް ކުޅުއްވައި އަދި ކްލަބުގެ އިސް ހަރަކާތްތެރިންނެވެ. ވަހީދު ބުނީ އެކަހަލަ ބަޔަކު ގެޔަށް ވަންނަން ފެށުމުން "ހުރިހާ ކުދިން ތިބެނީ ސަމާލުކަމަށް ގެނެސްފައި" ކަމަށެވެ.

"އޭގެ ސަބަބުން އަހަންނަށް ވިޔަފާރި އަށް ސަމާލުކަން ދެވުން. އަނެއްކާ ހާދަ ބަސްއަހައޭ ކުދިންތައް،" ވަހީދު ބުންޏެވެ.

އަޒީޒާ (ކ-2) އާއި ވަހީދު (ވ-2) ދަރިފުޅު ރިޔާޒް (ވ) އަދި އޭނާގެ އަންހެނުންނާ އެކު: އީވްނިންގްލޯރީ މިހާރު ހިންގަނީ ރިޔާޒް.

އަޒީޒާ (ކ-2) އާއި ވަހީދު (ވ-2) ދަރިފުޅު ރިޔާޒް (ވ) އަދި އޭނާގެ އަންހެނުންނާ އެކު: އީވްނިންގްލޯރީ މިހާރު ހިންގަނީ ރިޔާޒް.

އުމުރުން ދުވަސްވެފައި ވުމާ އެކު މިއަދު ހޮޓާ ހިންގުމާއި ކްލަބުގެ މަސައްކަތާ ވަހީދު ހުރީ ދުރުގަ އެވެ. އެކަމަކު އެ ދެ ކަން ވެސް ވާރުތަވީ އޭނާގެ ކުދިންނަށެވެ. ނިއު ރޭޑިއަންޓާ އަލީ އާޒިމް ހަވާލުވިއިރު ހޮޓަލުގެ ވިޔަފާރި ކުރަނީ ކުރީގެ ކްރިކެޓް ކުޅުންޔެރިޔާ އިބްރާހިމް ރިޔާޒެވެ. އެކަމަކު ހޮޓަލެއްގެ ގޮތުގައެއް ނޫނެވެ. އެއީ މިހާރު "ޓޭކްއަވޭ" އެކެވެ. މެދުފަންތީގެ ތަންތަނުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ޓޭކްއަވޭގެ ހިދުމަތްދެނީ، މިއަދު ވެސް މެންދުރާއި ރޭގަނޑަށް ކާއެއްޗެހި ގަންނަން އެތަނެއްގެ ބޭރުގައި މީހުން ކިއޫ ޖެހޭ "އީވްނިން ގްލޯރީ" ނުވަތަ އީޖީ ޓޭކްއަވޭ އެވެ.

"އެއީ ބައްޕަގެ އަގު ހިފަހައްޓަން ރިޔާޒު ކުރާ ކަމެއް. އަޅުގަނޑު އަނެހެއް ސީދާ އެކަމަކު ނޫޅެން. އެތަނަށް ވަދެލައި އެ މީހުންނަށް ގޮތްކިޔާލާ ހަދަނީ ކުޑަކޮށް،" ވަހީދު ބުންޏެވެ.

ހަގީގަތުގައި ވަހީދަށް އަދިވެސް އެތަނަށް އެވަދެވެނީ ވަރަށް މުހިއްމު ސަބަބަކާ ހުރެ އެވެ. އެއީ ބިދޭސީންގެ އަތްމައްޗަށް ވަރަށް ބޮޑަށް ދޫވެފައިވާ ކެއިންބުއިމުގެ ހިދުމަތުގެ ތެރެއަށް ދިވެހި ރަހަތައް ގެއްލި އޮބިދިޔަޔަނުދިނުމަށް ޓަކަ އެވެ. އޭނާ ދެކޭ ގޮތުގައި އެފަދަ މަސައްކަތްކުރާ ތަނެއްގައި ދިވެއްސަކު އިސްވެ ހުންނަން ޖެހެ އެވެ. އެއްވެސް ސަބަބަކާ ހުރެ ދިވެހި ރަހަތައް ގެއްލިގެން ނުވާނެ އެވެ. އޭނާގެ މުޅި ދިރިއުޅުން އެކަމަކުން ބިނާކުރި ހޮޓަލުގެ ވިޔަފާރިން ދަސްކޮށްދިން ހަގީގަތަކީ އެޔެވެ.