Roadha Mihaaru
ކޮފީ ހަރަދު ހޯދަން ފެށި މަސައްކަތް ބޮޑު ވިޔަފާރިއަކަށް

ބޭނުންވީ ކޮފީ ބޯލާނެވަރު ކޮށްލެވޭތޯ، އެކަމަކު މިހާރު ބޮޑު ވިޔަފާރިއެއް!

20 މެއި 2018

އެ މީހުންގެ އާންމު އުސޫލަކީ ކޮންމެ ހުކުރު ދުވަހެއްގައި ކޮފީއަކުން ބައްދަލުވެލުމެވެ. އެއީ 2010 ވަނަ އަހަރުން ފެށިގެން އޮތް ރަހުމަތްތެރި ކަމެކެވެ. އަލީ މަޝާރު، 23، އާއި އަލީ ހަމީޒް، 24، އަކީ ކުޑައިރުން ފެށިގެން ރަހުމަތްތެރިންނެވެ. އެ މީހުންގެ ތެރެއަށް އިތުރުވި ތިން ވަނަ އަދި މި ދައްކަން އުޅޭ ވިޔަފާރީގެ ތެރެއަށް އިތުރުވި ނަމަކީ 25 އަހަރުގެ ޒުވާން ސަމާން ޝަމީމެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެ މީހުންގެ އާންމު އުސޫލަކީ ކޮންމެ ހުކުރު ދުވަހެއްގައި ކޮފީއަކުން ބައްދަލުވެލުމެވެ. އެއީ 2010 ވަނަ އަހަރުން ފެށިގެން އޮތް ރަހުމަތްތެރި ކަމެކެވެ. އަލީ މަޝާރު، 23، އާއި އަލީ ހަމީޒް، 24، އަކީ ކުޑައިރުން ފެށިގެން ރަހުމަތްތެރިންނެވެ. އެ މީހުންގެ ތެރެއަށް އިތުރުވި ތިން ވަނަ އަދި މި ދައްކަން އުޅޭ ވިޔަފާރީގެ ތެރެއަށް އިތުރުވި ނަމަކީ 25 އަހަރުގެ ޒުވާން ސަމާން ޝަމީމެވެ.

މިއީ އާދައިގެ ވާހަކަ އަކަށް ވުރެ ބޮޑު ވާހަކަ އެކެވެ. ކޮފީގައި ހުސް އަނގަ ތަޅަން ތިބުމުގެ ބަދަލުގައި މި ތިން މީހުންގެ ފޯކަސް މުޅިން ބަދަލުކޮށްލި އެވެ. މިހާރު މާލޭގައި އެންމެ މަޝްހޫރު އެއް ކެފޭ، ސޭންޑްވިޗް ބާ އަކީ މި ކޮފީތަކުން ނުކުތް ކާމިޔާބު ރަހަ އެކެވެ.

"އޭރު އަހަރުން ބުނަން އޯކޭއެއް ނޫންހޭ ހުކުރު ދުވަހު ކޮފީ ބޯލާނެ ވަރު ވިޔަސް. އެވަރު ކޮށްލަން ވެސް ވިޔަފާރިއެއް ކުރަން ވާނޭ،”ސޭންޑްވިޗް ބާ ފެށުނުގޮތް ހަމީޒް ކިޔައިދޭން ފެށި އެވެ.

ސޭންޑްވިޗް ބާގެ ތިން ހިއްސާދާރުން "މިހާރު" އަށް އިންޓަވިއު ދެނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސޭންޑްވިޗް ބާގެ ތިން ހިއްސާދާރުން "މިހާރު" އަށް އިންޓަވިއު ދެނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ފަހުން އެ ތިން ޒުވާނުން ވަޒީފާތަކަށް ދާން ފެށި ނަމަވެސް ވިޔަފާރިއެއްގެ މަޝްވަރާ ދިޔައީ ކުރަމުންނެވެ. މެލޭޝިއާއިން ޕަބްލިކް ރިލޭޝަންސް އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މަޝާރު ގުޅުނީ ހައުސިން މިނިސްޓްރީއާ އެވެ. މެލޭޝިޔާއިން އިލެކްޓްރިކްސް އިން ތައުލީމު ހާސިލްކުރި ސަމާން ރިސޯޓް ދާއިރާއާ ގުޅުނުއިރު ހަމީޒް މަސައްކަތް ކުރަމުން ދިޔައީ ޓާކިޝް އެއާލައިންގަ އެވެ.

ވިޔަފާރިއެއް ފެށުމުގެ ވިސްނުމަށް ފަހު ދެން ފެށީ އޭގެ ދިރާސާ ކުރުމުގެ މަސައްކަތެވެ. އެންމެ ކާމިޔާބު ވިޔަފާރިތަކާއި އެންމެ މީހުން ބޭނުންވާ ހިދުމަތްތައް އިންޓަނެޓުން ބަލައި ދިރާސާތައް ކުރަން ފެށި އެވެ. އެކަމަކު އޭރު އަދި ކުރާނެ ވަކި ވިޔަފާރިއެއް ނުނިންމަ އެވެ.

"ހަމަ އެކަނި އެފްއެންޑްބީއެއް ނޫން... ކެފޭއެއް ހަދަން. ރިސޯޓް ސަޕްލައިކުރަން. ސައިކަލް ގެނެސްގެން ވިއްކަން. ގަރާޖެއް ހަދަން. ޓީޝާޓް ބްރޭންޑެއް ހަދަން. މިިއީ ވިސްނިހާ ކަންކަން،" މަޝާރު ބުންޏެވެ.

ވިޔަފާރީގެ ވިސްނުންތައް ތިން މީހުން ހިއްސާ ކުރުމަށް ވައިބާގައި ގުރޫޕެއް ހަދައި އެ މީހަކަށް ފެނުނު ހިޔާލެއް ހިއްސާ ކުރަމުން ގެންދިޔައީ އެވެ. އެކި ކަހަލަ ހިޔާލުތައް ލިބުނެވެ. އެކަމަކު ކޮންމެ ހިޔާލެއް ނިމެނީ ރާއްޖޭގައި އާންމުކޮށް އެކަންކަން ކުރާތީ އެވެ. އެ ތިން މީހުން ވެސް ބޭނުންވީ ތަފާތު ކަމެއް ކުރާށެވެ.

މެލޭޝިއާގެ ދިރިއުޅުމުން ލިބުނު ހިޔާލެއް!

މަޝާރު އާއި ސަމާން މެލޭޝިއާގައި ކިޔަވަން އުޅުނުއިރު އެންމެ ގިނައިން މެންދުރު ކާން ގޮސް އުޅޭ "ސަބްވޭ" ރާއްޖެ ގެންނަން ވެސް ހިޔާލުކުރި އެވެ. މަޝްހޫރު ފްރެންޗައިޒް "ސަބްވޭ" ރާއްޖެ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެ ތިން ޒުވާނުން ދެން ބެލީ އަމިއްލަ ފްރެންޗައިޒް ބްރޭންޑެއް އުފައްދާށެވެ. "ސޭންޑްވިޗް ބާ"ގެ ހިޔާލު އައީ އެ ވިސްނުންތަކުގެ ތެރެއިންނެވެ.

ސޭންޑްވިޗް ބާއިން ސޭންޑްވިޗްއެއް ތައްޔާރު ކުރަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސޭންޑްވިޗް ބާއިން ސޭންޑްވިޗްއެއް ތައްޔާރު ކުރަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ރާއްޖޭގައި އޭރު މި ލިބެނީ ބަޔަކު މެނޫގައި ހަދާފައި ހުންނަ ސަބްމެރީނެއް. އޭގައި ހުންނަނީ އެ މީހުން ބޭނުންވާ އެއްޗެހި އަޅާފައި. އެހެންވެ އަހަރެމެން ބޭނުންވީ ސަބްވޭގައި ހެން ކަސްޓަމަރު ބޭނުން އެއްޗެއް އަޅައިގެން ސޭންޑްވިޗް ހެދޭނެ ގޮތް ތައާރަފުކުރަން،" ސަމާން ބުންޏެވެ.

އެ ހިސާބަށް ވިސްނުން ދިޔައިރު އިންވެސްޓް ކޮށްދޭނެ މީހަކު އެ ޒުވާނުންނަށް ވަނީ ލިބިފަ އެވެ. ތިން މީހުން އެއް ވަރަކަށް ހިއްސާވާ ގޮތަށް އޮގަސްޓް، 2016 ގައި ކުންފުނި ރަޖިސްޓްރީ ކުރި އެވެ. އެއަށްފަހު އޮންލައިން ވެބްސައިޓެއް މެދުވެރިކޮށް ތަނެއް ހޯދި އެވެ. އެއީ ސޭންޑްވިޗް ބާ މިހާރު ވެސް ހުޅުވާފައި ހުރި ތަނެވެ.

ރެސްޓޯރެންޓް ޑިޒައިންކޮށް ގިނަ މަސައްކަތްތައް ކުރަން ތިން ޒުވާނުން އަމިއްލަ އަށް ކުރަން ފެށި އެވެ. އެއާއެކު އެތަނުން ވިއްކާނެ ސޭންޑްވިޗްތަކުގެ ވައްތަރުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރީ ވެސް އެ މީހުން އަމިއްލަ އަށެވެ. ފުރަތަމަ ތިން މީހުން އެކުގައި މާލޭގެ ހުރިހާ ރެސްޓޯރެންޓަކަށްހެން ގޮސް ސޭންޑްވިޗް ކައި އެ ތަންތަނުގެ ރަހަތައް ޓެސްޓް ކުރި އެވެ.

"މީޓްސް ގަނެގެން ގެނެސް މޭޒުމަތީގައި ބަހައްޓައިގެން ތިން މީހުން ވެގެން ރަހަ ބަލަނީ. ސޯސް ވެސް ހަމަ އެގޮތަށް. އެގޮތަށް ވައްތަރުތައް ކަނޑައެޅީ،" ސަމާން ބުންޏެވެ.

މިދިޔަ އަހަރުގެ މާޗް މަހު ސޭންޑްވިޗް ބާ ހުޅުވީ އެ ތިން މީހުން ނިންމާފައިވާ ގޮތަށެވެ. ޒުވާނުންގެ މެދުގައި މިހާރު މަގުބޫލު "ސޭންޑްވިޗް ބާ" އަކީ ކަސްޓަމަރުން ބޭނުންވާ ވައްތަރެއްގެ ބަނަހެއްގައި ބޭނުންވާ މަހުގެ ބާވަތްތަކާއި ބޭނުންވާ ތަރުކާރީއެއް އަޅައިގެން ސޭންޑްވިޗް ތައްޔާރުކޮށްދޭ ތަނެކެވެ. އެތަނުގެ ކެއުމަކީ އެއީ އެވެ.

ސޭންޑްވިޗް ބާ އިން ވިއްކަން ހުންނަ ސޭންޑްވިޗަށް އަޅާ އެކިއެކި މަހުގެ ބާވަތްތައް-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސޭންޑްވިޗް ބާ އިން ވިއްކަން ހުންނަ ސޭންޑްވިޗަށް އަޅާ އެކިއެކި މަހުގެ ބާވަތްތައް-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އެ ރެސްޓޯރެންޓް ހުޅުވިއިރު އެތަން ހިންގުމުގައި އަމަލީ ގޮތުން ވެސް އުޅުނީ ތިން ޒުވާނުންނެވެ. ވަޒީފާގައި ގެންގުޅުނީ ދިވެހި ޒުވާނުންނެވެ. މިއަދު ވެސް އެ ރެސްޓޯރެންޓް ހިންގަމުން އަންނަނީ އެގޮތަށެވެ. ހަ ދިވެހިންނާ އެކު އެވެ. އެއީ 18 އަހަރާއި 22 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ތިކަން ނުވާނޭ އެތައް ބަޔަކު ބުނި

ތިން ޒުވާނުންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތަކީ ކާމިޔާބު ވާނެ ކަމެއް ނޫން ކަމަށް އެތައް ބަޔަކު ބުންޏެވެ. ތަޖުރިބާކާރުންނާ މަޝްވަރާ ކުރުމުން ވެސް މުޅިންހެން ދިނީ ނާއުއްމީދީ ޖަވާބުތަކެވެ.

"އެހި ހެދިކާ ހުންނާނެހޭ. އަޅުގަނޑުމެން ބުނިން ނޫނެކޭ މިއޭ އަޅުގަނޑުމެންގެ ކޮންސެޕްޓަކީ. ބުނާއިރަށް ބުނާނެ ތިތަނެއް ނުހިނގާނޭ ހެދިކާ ނެތިއްޔަކާ ދިވެހިން ނުދާނޭ،" ސަމާން ބުންޏެވެ.

ގިނަ މީހުންނަށް ކަމުނުދިޔައީ ހަމަ އެކަނި ކޮންސެޕްޓް އެކަންޏެއް ނޫނެވެ. އެހީއަކަށް އެދުމުން ވެސް އެހީވާނެ މީހަކު ވެސް ނުވި އެވެ. ކޮންމެ މީހަކު ވެސް އެ ޒުވާނުންނަށް ދިން ޖަވާބަކީ އެ މީހުންނަށް އެކަން ނުވާނެއޭ އެވެ.

ބޭނުންވާ ތަކެތި ހޯދަން އުޅުމުން ވެސް ކުރިމަތިވީ ހަމަ ގޮންޖެހުންތަކެވެ. ހާއްސަކޮށް އެކި ވައްތަރުގެ ބަނަސް ހަދައިދޭތޯ މާލޭގެ ބޭކަރީތަކަށް ދިއުމުން ވެސް އެކަން ވާގޮތެއް ނުވި އެވެ.

ސޭންޑްވިޗް ބާ ގެ އެއް ހިއްސާދާރު ކަމަށްވާ ސަމާން "މިހާރު" އަށް އިންޓަވިއު ދެނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސޭންޑްވިޗް ބާ ގެ އެއް ހިއްސާދާރު ކަމަށްވާ ސަމާން "މިހާރު" އަށް އިންޓަވިއު ދެނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

"150 ބަނަސް ދުވާލަކު ފިހެދޭން ބުނީމަ ނަމްބަރު ނަގައިފަ ބުނާނެ ގުޅާލާނަމޭ. އެކަަކު ހަބަރެއް ނުވާނެ. ދެން އަޕްޑޭޓެއް ބަލަން ގުޅީމަ ވެސް ބުނާނެ އެބަ ބަލަމޭ. އެ މީހުންނަށް ގަބޫލް ނުކުރެވުނީ ކަން ނޭންގެ ސޯޓްބުރި ލައިގެން ތިބި ތިން ޒުވާނުންނަށް މިކަން ނުވާނޭ،" މަޝާރު ބުންޏެވެ.

އެކަމަކު އެ ހުރިހާ ހުރަސްތަކެއް އެއް ފަރާތް ކޮށްފައި ރެސްޓޯރަންޓް ހުޅުވުމާ އެކު ތިން ޒުވާނުންނަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. ވިޔަފާރި ދިޔައީ، ފެށުނީއްސުރެ ރަނގަޅުވަމުންނެވެ.

އެ ޒުވާނުން އެތަން އިސްތިހާރު ކުރީ ސޯޝަލް މީޑިއާގަ އެވެ. ޒުވާނުން ޝައުގުވެރިވާ ދިވެހި ބަސްތައް ބޭނުންކޮށްގެންނެވެ. އެ ރެސްޓޯރެންޓަށް އަހަރެއް ވީއިރު މިއަދު އެއީ ސޭންޑްވިޗް ކެއުމަށް ގިނަ ބަޔަކު ކިޔޫ ހަދާފައި އޮންނަ ތަނެކެވެ. ތިން ޒުވާނުން އުންމީދު ކުރިވަރަށް ވުރެ ވިޔަފާރި މާ ކާމިޔާބެވެ.

ހުކުރު ދުވަހު ކޮފީ ބޯލާނެ ފައިސާ ހޯދަން ފެށި ވިޔަފާރި މި ވަނީ ކޮފީ ބިލް ދައްކައި، ބާކީ ވާވަރަށް ވެސް ފުޅާވެފަ އެވެ. އެ ތިން ޒުވާނުންގެ މިހާރުގެ އުންމީދު އޮތީ ތަފާތު ކާނާތައް ތައާރަފުކޮށް، އެހެން ރެސްޓޯރަންޓެއް ހުޅުވުމާ އެވެ.