Roadha Mihaaru
1އެމްޑީބީގެ ކޮރަޕްޝަން ބަލަން ޓާސްކް ފޯހެއް އުފައްދައިފި

1އެމްޑީބީގެ ކޮރަޕްޝަން ބަލަން ޓާސްކް ފޯހެއް އުފައްދައިފި

22 މެއި 2018

ކުއާލަ ލަމްޕޫރު (މެއި 22) - ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އިންވެސްޓްމަންޓް ފަންޑް، 1އެމްޑީބީ އިން ހިންގާފައިވާ ބިލިއަން ޑޮލަރުގެ ކޮރަޕްޝަން ބަލަން ޓާސްކް ފޯހެއް އުފައްދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (މެއި 22) - ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އިންވެސްޓްމަންޓް ފަންޑް، 1އެމްޑީބީ އިން ހިންގާފައިވާ ބިލިއަން ޑޮލަރުގެ ކޮރަޕްޝަން ބަލަން ޓާސްކް ފޯހެއް އުފައްދައިފި އެވެ.

މި މަހު 9 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ކާމިޔާބު ހޯދި މަހާތިރު މުހައްމަދު ސަރުކާރުން އުފައްދި ޓާސްކް ފޯހުގެ މަސައްކަތްތަކުގެ ތެރޭގައި 1އެމްޑީބީން ގެއްލުނު ފައިސާ ހޯދުމާއި އެ ބޭންކުގެ ކޮރަޕްޝަނުގައި ބައިވެރިވާ މީހުންގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުން ހިމެނެ އެވެ. ޓާސްކް ފޯހުގައި ހިމަނަން ނިންމާފައި ވަނީ އެންޓި-ކޮރަޕްޝަން އެޖެންސީގެ ބައެއް މެންބަރުންނާއި ފުލުހުންނާއި އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލުންނެވެ. ޓާސްކް ފޯހުގައި އިސްކޮށް ތިބޭނެ ބޭފުޅުންގެ ތެރޭގައި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ އިސް ބޭފުޅުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި 1އެމްޑީބީގެ ކޮރަޕްޝަން ތަހުގީގު ކުރަން ފެށުމުން ނަޖީބުގެ ސަރުކާރުގެ އެޓާނީ ޖެނެރަލްގެ މަގާމުން ދުރުކުރި އަބްދުލް ގަނީ ޕަޓައިލް ހިމެނެ އެވެ.

ބޭންކުގެ ގިނަ އަދަދެއްގެ ފައިސާ އެހެން ގައުމުތަކަށް ވެސް ގެންގޮސްފައިވާތީ އެމެރިކާ، ސްވިޒަލެންޑް، ސިންގަޕޫރު އަދި ކެނެޑާ ފަދަ ގައުމުތަކުގެ ގާނޫނު ތަންފީޒު ކުރާ އެޖެންސީތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމަކީ ވެސް ޓާސްކް ފޯހުގެ މަސައްކަތެކެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ލޫޓުވާލައިފަ އެވެ. ހޮލީވުޑުގެ ފިލްމް "ދި ވުލްފް އޮފް ވޯލް ސްޓްރީޓް" އަށް ޚަރަދުކޮށްފައި ވަނީ ވެސް 1އެމްޑީބީ އިން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

1އެމްޑީބީ އިން އެއްވެސް ޚިޔާނާތެއް ހިންގާފައި ނުވާނެ ކަމަށް ނަޖީބު، 64، ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ބޭންކުން ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް ވަނީ 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ. އެ މައްސަލަ ނަޖީބުގެ ސަރުކާރުން ބެލުމަށް ފަހު ނިންމާފައި ވަނީ އެއީ ސައުދީން ދިން އެހީއެއްގެ ގޮތުގަ އެވެ.