Roadha Mihaaru
ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހަދަން ފަށައިފި

ބްރިޖާ ގުޅޭ މާލޭގެ މަގުތައް ހަދަން ފަށައިފި

26 މެއި 2018

މާލެ-ހުޅުލެ ބްރިޖާ ގުޅޭ މާލޭގެ މަގުތައް ފުޅާކޮށް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ-ހުޅުލެ ބްރިޖާ ގުޅޭ މާލޭގެ މަގުތައް ފުޅާކޮށް ތާރުއަޅައިގެން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ބޮޑުތަކުރުފާނުގެ މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރަން ވަނީ ނިންމައިފަ އެވެ. އެ މަގު ފުޅާ ކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ދަރުބާރުގެ ފުރަގަހުން  މަގު ހަދަން ކުރަން ފަށާފައި. - ފޮޓޯ: މުއިއްޒު

ދަރުބާރުގެ ފުރަގަހުން މަގު ހަދަން ކުރަން ފަށާފައި. - ފޮޓޯ: މުއިއްޒު

މުއިއްޒު ކުރެއްވި ޓުވީޓު.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖާ ގުޅޭ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ބްރިޖުގެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ ކުންފުނިން ކަމަށެވެ. އަދި އެ މަސައްކަތް އަންނަ ޖުލައި މަހުގެ 26 އަށް ނިންމަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖާ ގުޅޭ ބޮޑެތި މަގުތަކަކީ ބޮޑުތަކުރުފާނު މަގުގެ އިތުރުން، ހެންވޭރު ޕާކް ވަށައިގެންވާ ސަރަހައްދު ސެނަހިޔާ ހުންނަ މޫންލައިޓް ހިނގުމުން ފެށިގެން ހިތިގަސްމަގު (ހެންވޭރު ޕާކްގެ ހުޅަނގު އުތުރު ކަނުން ރާޅުގަނޑު ސަރަހައްދަށް ނުކުންނަ މަގު) އެވެ. އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަ އަށް ބޮޑުތަކުރުފާނު މަގު ފުޅާކުރަނީ ކުރިން ގާޑިޔާތައް ހިމެނޭ ސަރަހައްދު ހުސްކޮށްގެންނެވެ. އަދި ބޮޑުތަކުރުފާނު މަގު، ބްރިޖުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާ ހަމައަށް ވެސް ފުޅާ ކުރާނެ އެވެ.

ބްރިޖަށް ދަތުރުކުރާ މައި މަގުތައް ފުޅާ ކުރާ އިރު މަގުގެ ކޮންމެ ފަރާތެއްގައި ދެ މީޓަރުގެ ޕޭވްމަންޓެއް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މަގުގެ އަރިމަތީގައި މަގަށް ހިޔާވާ ގޮތަށް ގަސް އިންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަމުގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގައި މިހާރު ކުރިއަށް ގެންދަނީ ސުޕަސްޓްރަކްޗާ އިން ތަނބުތައް ގުޅުވާލުމުގެ މަސައްކަތެވެ. މާލޭކޮޅުގެ މަސައްކަތް ނިންމުމަށް ފަހު މިހާރު ވަނީ ހުޅުމާލޭކޮޅުގެ މަސައްކަތް ފަށައިފަ އެވެ. މި މަސައްކަތް ނިމުމުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.

މި އަހަރުގެ ޖުލައި 26 ގައި ހުޅުވަން އަމާޒު ހިފާފައިވާ ބްރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.