Roadha Mihaaru
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް

ތާރު މަގުގެ 32 ތަނެއް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް

23 އެޕްރީލް 2023

ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޮޑުތަކުރުފާނު މަގާއި އިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތާރު މަގުގައި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރަން ހަވާލުކުރީ މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދި ކުންފުންޏާ ކަމަށެވެ. އެއީ ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖީނިއަރިންނެވެ.

އެ މަސައްކަތްތައް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަގުތަކުން 32 ތަނެއް މަރާމާތުކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން މިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި އެވެ.

ޢެ އިއުލާނުގައި އޭރު ބުނީ، ބޮޑުތަކުރުފާނު މަގުގައި އަޅާފައިވާ ތާރު ފަށަލަ ހަލާކުވެފައި ވާތީ، އެ މަގު މަރާމާތުކޮށްދިނުމަށް ލޯކަލް އަދި ބޭރުގެ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.

ނަމަވެސް، އެ މަގު އާންމުންނަށް ހުޅުވާލި ފަހުން އެއްވެސް ވަރަކަށް މަރާމާތެއް ނުކުރެ އެވެ. އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ހަލާކުވެގެން ބޮޑެތި ވަޅުގަނޑުތައް ހެދިފައި އެބަހުއްޓެވެ.