Roadha Mihaaru
އެސްޓީއޯގެ ހިއްސާ އަކަށް 55ރ. ބަހަން ފާސްކޮށްފި

އެސްޓީއޯގެ ފައިދާ އިން ހިއްސާ އަކަށް 55ރ. ބަހަން ނިންމައިފި

30 މެއި 2018

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 55ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 55ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ދަރުބާރުގޭގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި، ހިއްސާ އަކަށް 55ރ. ބަހަން ފާސްކުރީ އެ ޖަލްސާ އަށް ހާޒިރުވި 121 ހިއްސާދާރުންގެ ތެރެއިން 926،070 ހިއްސާގެ ވޯޓުންނެވެ. ސަތޭކަ އެކާވީސް ހިއްސާދާރުން ތަމްސީލް ކުރީ 928،602 ހިއްސާ އެވެ.

މިރޭގެ ޖަލްސާގައި، އެސްޓީއޯގެ ހިންގާ ގަވާއިދަށް ގެންނަން ހުށަހަޅާ އިސްލާހުތަކަށް ލިބުނު ހިއްސާދާރުންގެ ކޮމެންޓްތަކާއި ހިއްސާދާރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ކުރި މަޝްވަރާތަކަށް ރިއާޔަތްކޮށް، ބޯޑުން ނިންމާފައިވާ އިސްލާހުތައް ވެސް ވަނީ ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމު ވެސް ލިބޭ ގޮތަށް، ކުންފުނީގެ ހިންގާ ގަވާއިދަށް ގެނައި ބަދަލު ހިމެނެ އެވެ.

އެސްޓީއޯގެ ހިންގާ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އެހީ ކުރިން އާއްމު ކޮށްފައިވާ ޑޮކިއުމަންޓްގައި ވާ ގޮތަށެވެ.

މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިފައި ވެ އެވެ.

އެސްޓީއޯ އިން 2016 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައި ވަނީ ހިއްސާއަކަށް 51ރ. އެވެ. އެ ކުންފުންޏަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.